މޯލްޑިވިއަން

މޯލްޑިވިއަން ޗައިނާގެ ހަތްވަނަ ސިޓީއަށް އުދުހެން ފަށައިފި

  • ޗައިނާގެ ބައެއް ސިޓީތަކަށް ދަތުރުކުރޭ
  • ޗައިނާގެ އުދުހުންތައް ކާމިޔާބު
  • ބޭނުމަކީ ޓޫރިޒަމަށް ދިރުން ގެނައުން

ހަފުތާއަކު 1300 ޓޫރިސްޓުން ރާއްޖެ ގެންނަން އަމާޒު ހިފައި މޯލްޑިވިއަންއިން ޗައިނާގެ ހަތްވަނަ މަންޒިލަށް އުދެހުން ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ އުދުހުންތައް ބާއްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ޗައިނާގެ ހަތް ވަނަ މަންޒިލް ކަމަށްވާ ޗެންގްޑޫ ޓޫރިސްޓުން ގޮވައިގެން މިއަދު ފްލައިޓް މާލެ އައިސްފައިވާއިރު، ޗައިނާ މާކެޓަކީ އެ ކުންފުންޏަށް ކާމިޔާބު މާކެޓެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޗައިނާ މާކެޓު މިދަނީ ވަރަށް ރަނގަޅުކޮށް ލޯޑުކޮށް ދަނީ. ޗައިނާ މާކެޓަށް އަޅުގަނޑުމެން މިދަނީ ދެ ރީޒަންއެއްގައި ފުރަތަމަ އޮބްޖެކްޓިވްއަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުން. ދެވަނަ އޮބްޖެކްޓިވްއަކީ އޭވިއޭޝަން ފުޅާކޮށް ކުރިއަށް ގެންދިއުން،" އަވަސްއަށް އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަން ކަހަލަ ކުޑަ އެއާލައިނަކުން ޗައިނާ އިން ހަފުތާއަކު 1300 ޓޫރިސްޓުން ގެނައުނަކީ ކާމިޔާބީއެއް ކަމަށެވެ.

"މީގައި މިސާލަކަށް މި އަންނަ 1300 ޓޫރިސްޓުންގެ ތެރެއިން ކޮންމެ މީހަކު 2،000 ޑޮލަރު ހޭދަ ކުރިއަސް ރާއްޖޭގެ އިކޮނޮމީއަށް އެލިބިގެންދަނީ ބޮޑު އެއްޗެއް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ސިޓީތައް ހިޔާރު ކުރުމުގައި ވަރަށް ބޮޑަށް ބަލާ ކަމަށެވެ.

"ޗައިނާގެ ކެޕިޓަލް ބެއިިޖިން އާއި ޝެންހާއީ ފަދަ ތަންތަނާ ރާއްޖެއާ ކަނެކްޝަން ރަނގަޅު. އެހެންވީމަ ނުޖެހޭނެ އަޅުގަނޑުމެން އެތަނަށް ދާކަށް. ބޮޑެރި ކެރިއާސްއިން އެތަންތަނަށް ދަތުރުކުރޭ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ޕޮޕިއުލޭޝަން ބޮޑު ގައުމެއް ވީމަ ބަލާފަ މި ޗޫސްކުރަނީ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާއި ޗައިނާ ސަރުކާރުގެ ގުޅުން ބަދަހިވުމުގެ ސަބަބުން އޮޕަރޭޝަނަށް ވަރަށް ފަސޭހަ ކަމަށެވެ.

"ހޯދަން ޖެހޭ ހުއްދަ ތަކަށް ވެސް ފަސޭހަ. އަސްލު އޭވިއޭޝަންއަކީ ދެ ގައުމު ދޭތެރޭ ދެކެވޭ ވާހަކައެއްގެ ސަބަބުން އަންނަ ފްލޯއަޕެއް. މީގެ ސަބަބުން އަންނަ ކަމެއް މިއީ. މީގައި ބަލާނެ ދެ ގައުމަށް ފައިދާ ހުރި ކަމަށް. ހަމަހުރެފަ އުދުހެނެއް ނުފެށޭނެ. ޕޮލިސީ ލެވަލްގައި ފުރަތަމަ ކުރާކަމެއް މިއީ،" ހާރިސް ވިދާޅުވި އެވެ.

"ޗައިނާގެ ސިޓީއަކަށް ހުއްދަ ހޯދަން ބަރާބަރު ހަ މަސްވަރު ނަގާނެ. އެއީ ސިޓީއާ ގުޅިގެން ކުރަން ޖެހޭ ކަންތައް ގިނަވުން. އެކި އެޕްރުއަލްތައް ހަދަން ޖެހޭ. ނަމަވެސް މި ދެންނެވި އެޕްރޫއަލްތައް ހޯދަން ވަރަށް ފަސޭހަ. މިސާލަކަށް ކްރޫއިންގެ ވިސާ ކަންތައްތަކުގައިވެސް ރާއްޖޭގައި ހުންނަ އެމްބަސީއިން ވެސް ފަސޭހަވޭ،"

މޯލްޑިވިއަން އިން ޗައިނާ އަށް ޗައިނާ އިތުރުން ބެންކޮކަށް ހަފުތާއަކު ހަތް ފްލައިޓް ބާއްވަ އެވެ. އަދި އިންޑިޔާގެ ޗެންނާއީއަށް ތިން ފްލައިޓް އަދި ބަންގްލަދޭޝްގެ ޑާކާއަށް ތިން ފްލައިޓެއް ބާއްވަ އެވެ.