މޯލްޑިވިއަން

ބޯޓު ގަންނަން މޯލްޑިވިއަން ނެގި ލޯނުތައް ހަލާސްކޮށްފި

މަތިންދާ ބޯޓު ގަންނަން ރާޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ނަގާފައިވާ ލޯނުތައް ބަރާބަރަށް ބޭންކަށް ދައްކާ ހަލާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ އުދުހުންތައް ބާއްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއެސްއޭ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ މަތިންދާ ބޯޓު ގަންނަން އެސްބީއައި އިން ނަގާފައިވާ ލޯނުތައް ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ލޯނުގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެން ގަނެފައި ހުރިހާ މަތިންދާ ބޯޓަކީވެސް ބޭންކުން ލޯނު ނަގައިގެން ގެނެފައި ހުރި ތަކެތި. އެ ހުރިހާ އަޅުގަނޑުމެން ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން ނަގާފައިވާ ލޯނުތައް ވެސް ދައްކާ ނިމިފައި އެހުރީ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ހުރީ ވަރަށް ރަނގަޅަށް ކަމަށާއި، ބޭންކް ތަކުން އެ ކުންފުންޏާމެދު އޮތް އިތުބާރު ވަރަށް ބޮޑު ކަމަށެވެ.

"އިތުރު ބޯޓު ގަންނަން ބޭނުންވިއަސް ފައިނޭންސް ދޭ ގޮތަށް އެތިބީ. ބޭންކްތަކުގެ ކޮންފިޑެންސް [އިތުބާރު] ވަރަށް ބޮޑު. އެއީ އަޅުގަނޑުމެންގެ ރިޕޭމަންޓްތައްވެސް ރަނގަޅުވީމަ،" ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިންގައި މިހާރު 17 ބޯޓެއް އޮޕަރޭޓްކުރަމުންދެ އެވެ. މީގެ ތެރޭގައި ހިމެނެނީ ހަތް އެއާޓެކްސީ އާއި ޑޯނިޔާ މަތިންދާ ބޯޓުގެ އިތުރުން އެއާބަސް މަރުކާދެ ދެ ފްލައިޓެވެ.