އަވަސް ވީކެންޑް

ހިސާބު މުދައްރިސް، މިހާރުގެ ހެލްތް މިނިސްޓަރު

  • ސިއްހީ ދާއިރާ ވަރުގަދަ ކުރުމުގެ އަޒުމުގައި
  • ގޮންޖެހުންތަކައް ގިރާ ކުރުމުގެ އުންމީދުގައި
  • ހެލްތްގެ ޓީމާއެކު ކާމިޔާބު ހޯދޭނެ

ކުރިން މިއީ މަޝްހޫރު ކަމެއް ހޯއްދެވި ހިސާބު ޓީޗަރެކެވެ. ހިސާބު އިލްމު އުގަންނައިދިން ކުޅަދާނަ މުދައްރިސެކެވެ. އެތައް ސަތޭކަ ކުދިން މެނޭޖުކޮށް، ބެލެހެއްޓި ޓީޗަރެކެވެ. ނަމަވެސް މިހާރުގެ ގޮނޑި ތަފާތެވެ. މިހާރު މިއީ ރާއްޖޭގެ ހެލްތް މިނިސްޓަރެވެ. ސިއްހީ ދާއިރާގެ ޒިންމާ ނަންގަވާ، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. ހިސާބު ޓީޗަރު އެންމެ ފަހުން ސިޔާސީ ބޭފުޅަކަށް ވެވަޑައިގެންނެވީ އެވެ. މިއީ އާދައިގެ ހިސާބު މުދައްރިސެއް ނޫން ދޯ އެވެ؟

"އެންމެ ކުރިން ވެސް ސިޔާސީ ދާއިރާއަށް ނުކުނަން ބޭނުންވި. އެކަމަކު ފުރަތަމަ އުޅުނީ ޓީޗަރަކަށް. ރާއްޖޭން ބޭރުން ކިޔަވައިގެން އައިސް ޅ. އަތޮޅު ތައުލީމީ މަރުކަޒުގަިއ ހިސާބު ޓީޗަރަކަށް އުޅުނީ،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އާ ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ހަގީގަތުގައި ވެސް މިއީ އާދައިގެ ހިސާބު މުދައްރިސެއް ނޫނެވެ. މި ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި މަސައްކަތްތެރި އެކެވެ. މަތީ ތައުލީމްގެ ފުރަތަމަ މަރުހަލާ ފުރިހަމަ ކުރެއްވީ ފިޖީގެ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކުގަ އެވެ. އެތަނުން އަންޑަ ގްރެޖުއޭޓް ޑިގްރީ ހެއްދެވީ ބެޗްލާސް އޮފް ޓީޗިންއިންގެ ދާއިރާއިންނެވެ. ހާއްސަވެ ވަޑައިގެންނެވީ ހިސާބު އިލްމުގެ ރޮނގުންނެވެ. ޅ. ހިންނަވަރު ސްކޫލްގެ އިސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

"ސްކޫލްގައި އުޅެނިކޮށް މިހާރުގެ ނޭޝަނަލް ޔުނިވާސިޓީން އިއުލާނުކުރީ މެތްސް އިން މާސްޓާސް ހަދަން. އެ ސްކޮލަޝިޕަށް އެޕްލައި ކޮށްގެން ލިބުނީމަ މާސްޓާސް ހަދަން ދިޔައީ ސްކޮޓްލެންޑަށް،" މަތީ ތައުލީމްގެ ހަޔާތް ދިޔަ ގޮތް "އަަވަސް" އާ ހިއްސާ ކުރެއްވި އެވެ.

ސްކޫލްގައި އުޅުއްވި ދުވަސްވަރު ހެލްތް މިނިސްޓަރު ނާޒިމް ފެނިގެން ގޮސްފައިވަނީ ވެސް ލީޑަރެއްގެ ގޮތުގަ އެވެ. އެމްއީއެސްގައި އުޅުއްވިއިރު އޭރުގެ މަޝްހޫރު އަދަބީ ބުސްތާނަށް ވެސް ކުރިމަތިލެއްވި އެވެ. އަދި ސްކޫލްގެ ބައެއް މަގާމުތައް ވެސް ފުރުއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ނާޒިމްވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި އެ ފެކަލްޓީގެ ޑީންގެ މަގާމުގައި ފުރުއްވި އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ހައި ސްކޫލެއްގައި ހިސާބު ކިޔަވައިދިނުމުގައި ވެސް އުޅުއްވި އެވެ. އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ސީއީއޯ ގެ މަގާމު ވެސް ފުރުއްވި އެވެ.

ދެން އޮތީ ހެލްތް މިނިސްޓަރު ނާޒިމް، ސިޔާސީ ދާއިރާއަށް ނުކުންނެވުނު ގޮތުގެ ވާހަކަ އެވެ. ނާޒިމް ވަނީ 2013 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެއްވޭ ގޮތް އޭރަކު ނުވިއެވެ. އެހެން ނަމަވެސް ހިތްވަރު ދުލެއް ނުކުރައްވަ އެވެ.

"މިއީ އަސްލު އަޅުގަނޑު ސިޔާސީ ކަންކަމުގެ ތެރެއަށް ނުކުމެވުނު ގޮތަކީ. ރައީސް އަބްދުﷲ ޔާމީން އަޅުގަނޑު އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް. އަދި ޖެނުއަރީ މަހު ރައީސް އޮފީހުގެ އަންޑް ސެކްރެޓަރީގެ މަގާމަށް ބަދަލު ކުރެއްވީ،" ޓީޗިންގެ ދާއިރާގައި 10 އަހަރު ހިދުމަތް ކުރެއްވި، ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ސްކޫލްގައި ކިޔަވަން އުޅުއްވި ދުވަސްވަރު ވެސް ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުރެ އެވެ. އެ ދުވަސްވަރު ވެސް ސިޔާސީ މަޖައްލާތައް ގެނެސްދެން ކިޔައި އުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ނަވާރަ ސަތޭކަ އައްޑިހައި އަހަރުތަކުގައި ބޭރުން ކިޔަވައިގެން އައި ބޭފުޅުންކޮޅެއް ސިޔާސީ މަޖައްލާއެއް ނެރުއްވި. އެ މަޖައްލާތައް ކިޔައި އުޅުނިން. އޭރު ޕާޓީ ސިސްޓަމް ނެތަސް ބައްޕަމެން ވެސް ކަތީބުކަން ފަދަ މަގާމުތައް ފުރުއްވި. އެހެންވެ ސިޔާސީ ކަންތައްތަކަށް ޝައުގުވެރިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ގިނަ ފަހަރު ވާގޮތަކީ ބޭރުގައި ކިޔަވަން ހުންނައިރު މަޖިލިސް އިންތިހާބު އޮންނަނީ. އެހެންވެ ކިޔެވުނުން ދޫކޮށްލާފައި ނާންނަނީ."

ނާޒިމް ވަނީ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކެމްޕޭންގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފަ އެވެ.

އުފެދޭ ސުވަލަކީ ހިސާބު ޓީޗަރަކަށް މަސައްކަތް ކުރެއްވި ބޭފުޅަކު ހެލްތް މިނިސްޓްރަކަށް ލުމުން އެކަން ކުރެވޭނެ ބާއެވެ؟ މި ސުވާލުގެ ޖަވާބު ހެލްތް މިނިސްޓަރު ނާޒިމް ދެއްވީ އިތުބާރާ އެކުގަ އެވެ.

"އަޅުގަނޑު އަބަދު ވެސް ގަބޫލުކުރާ ފިލޯސަފީއެއް ޝައުގުވެރިކަމާއެކު ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ އެއްވެސް އުނދަގުލެއް ނޯންނާނެއޭ. އެއީ ސިޔާސީ ދާއިރާ ވިއަސް ނޫނީ ޓީޗިން ދާއިރާ ކަމަށްވީ ނަމަވެސް،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަމެއް ނުވާނެކަމަށް ގަބޫލުކުރުން އެއީ ކުރައްވާނެ ކަމެއް ނޫނެވެ.

"ބޭނުންވަނީ އަޒުމެއް. އަޒުމާއެކު މަސައްކަތް ކޮށްފިނަމަ އެކަން ކާމިޔާބު ވާނެ. އެކަމުގެ ޔަގީންކަން އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ޓީޗިންގެ ދާއިރާގައި އުޅުއްވި އިރު ލިބި ވަޑައިގެންނެވި ތަޖުރިބާ އާއި ގިނަ ހުނަރުތައް ހެލްތުގެ ދާއިރާގައި ވެސް ބޭނުންކުރެވޭނެ ކަމަށް ގަބޫލު ކުރައްވަ އެވެ.

"ޓީޗިންގައި ވެސް ޓީމެއް ގޮވައިގެން އުޅުމާއި މީހުން މެނޭޖް ކުރުމުގެ އިތުރުން މީހުނަނަށް އަޅާލުން ދަސްވި. ސިޔާސީ ދާއިރާގައި ވެސް ބޭނުންވަނީ ހަމަ މިކަން،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއަކީ ގޮންޖެހުންތައް ގިނަ ދާއިރާއެކެވެ. ނަމަވެސް ކާމިޔާބުކަމާއެކު ރައްޔިތުންނާއެކު މަސައްކަތް ކުރެވިދާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތް މިނިސްޓްރަކަށް ރައީސް އޭނާ ހަމަޖެއްސީ އެ ގާބިލްކަން ހުރި ކަމަށް ވެސް ގަބޫލުފުޅު ކުރައްވައިގެންނެވެ.

"އަޅުގަނޑަކަށް ޔަގީންކަން އެބައޮތް މިކަން ވާނެކަން ވަރަށް ބޮޑަށް. އިރާދުކުރެއްވިއްޔާ ކާމިޔާބު ހޯދާނަން... ރައީސް ޔާމީނާއެކު ވަރަށް ގާތުން މަސައްކަތް ކުރެވުނު. އަޅުގަނޑަކަށް އެނގޭ ރައީސް ޔާމީނަށް އަޅުގަނޑަކީ ކޮން ކަހަލަ މީހެއްކަން އެނގިވަޑައިގެންކަން މަގާމު ހަވާލުކުރެއްވީ. އަޅުގަނޑަށް އެނގޭ ރައީސް ބޭފުޅަކާ ކަމެއް ހަވާލު ކުރައްވާނީ އެސެސްމަންޓެއް ހަދާފައިކަން. އެހެންވެ އެ ހިސާބުން އިތުރަށް ޔަގީންކަން ލިބިގެން ދިޔަ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހެލްތް މިނިސްޓްރީ ހިންގުމާ ހަވާލުވުމާއެކު އާއިލާއަށް ދޭ ވަގުތުތައް ވެސް މެނޭޖުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަކީ އާއިލީ މީހެއް. ދަރިފުޅު ސްކޫލަށް ގެންގޮސް ސްކޫލުން ގެނައުން. ދަރިފުޅު ކުޅެން ގެންދިއުން. ނަމަވެސް މިހާރަކު ނޫޅެވޭ. އެކަމަކު ވެސް މިހާރު ވެސް އޮފީހަށް އައުމުގެ ކުރިން ދަރިފުޅު ސްކޫލަށް ލާންދަން. ކުރިން ދޭ ވަރަށް ވަގުތު ނުދެވުނަސް ވަރަށް ބޮޑަށް ޓައިމް މެނޭޖު ކުރަން،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ހެލްތް މިނިސްޓަރުކަން ލިބި ވަޑައިގަތުމާއެކު ގިނަ ބަޔަކު މަރުހަބާކިޔައި ހިތްވަރު ވެސް ދީފައިވާ ކަމަށެވެ.

"ގިނަ މީހުން ބުނި ތިބީ ޗެލެންޖެކޭ. އެކަމަކު ނާޒިމަށް ވާނެއޭ،" ނާޒިމް ވިދާޅުވި އެވެ.

ގިނަ ބަޔަކުގެ ހިތްވަރާއެކު އާ ހެލްތް މިނިސްޓަރު ހުންނެވީ ރާއްޖޭގެ ސިއްހީ ދާއިރާގެ މަލަމަތި ބަދަލުކޮށްލާށެވެ. މިނިސްޓަރު ގަބޫލު ކުރައްވާ ގޮތުގައި އެ ކަންވާނެ އެވެ.

"ހެލްތް މިނިސްޓްރީގައި އެބައޮތް ވަރަށް ގާބިލް ޓީމެއް. އެ ބޭފުޅުން ހޯދަވާފައި ހުރި ކާމިޔާބުތަކާއެކު އަޅުގަނޑާއެކު މަސައްކަތް ކުރާނެ. ވަރަށް ޓެކްނިކަލް ތައުލީމީ ބޭފުޅުން އެބަތިބި. އަޅުގަނޑުމެން މެނޭޖު ކުރުމުގެ ހުނަރާއެކު ކުރިއަށް ގޮސްފިނަމަ އިރާދުކުރެއްވިއްޔާ ކާމިޔާބު ވާނެ. ކާމިޔާބު ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

"ރައީސްގެ ސިއްހީ ވައުދުތައް އެބަހުރި. އެކަންކަން ކުރެވޭނެ. އެހެންވެ މިކަން ކާމިޔާބު ވާނެ،"