މޮނިކޮންގެ ދަށުން އިތުރަށް އެއްވެސް މީހެއްގެ ފައިގައި ޓެގް އަޅުވަން އަމިއްލަފުޅަން ނުނިންމަވާނެ ކަމަށާއި އެ މަސައްކަތް ކުރައްވާނީ ފުލުހުންނާއި ކަރެކްޝަން އިން ކަމަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން "ވީނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ޒުހޫރު ވިދާޅުވީ ޓެގު އަޅުވާން އެ މަނިކުފާނު އިސްވެ އެއްވެސް އަމުރުތައް ނުނެރުއްވާނެ ކަމަށާއި ގާނޫނުގެ ދަށުން ނެރެންޖެހޭ އަމުރުތައް ނެރޭނީ ކަމާގުޅުންހުރި މުއައްސަސާތަކުން އެކަމަށް އެދުމުން ކަމަށެވެ. އެގޮތުން ޓެގު އެޅުވާނެ މީހުންނާއި އަޅުވާނެ ވަގުތެއް ކަނޑައަޅުމުގެ މަސައްކަތް ކުރާނީ ފުލުހުންނާއި ކަރެކްޝަން އިން ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި އިރު އެކަމަށް ހާއްސަ ކޮމެޓީއެއް ވަނީ އެކުލަވައިލާފައެވެ. އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ.
"އަޅުގަނޑަކަށް ނޭނގޭ ކުށްވެރިންނަކީ ކޮބައިކަމެއް. އެހެންވީމަ ޓެގު އަޅުވާނެ މީހުންނާއި އަޅުވާފައި ނައްޓަންވީ މީހުންވެސް އެނގޭނީ އެ ފުލުހުންނާއި ކަރެކްޝަންއަށް. އެ ދެ ތަނުން އެދުމުން ނޫނީ އެކަމެއް ނުކުރާނަން،" ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ މޮނިކޮން އަމުރު އަމިއްލަ ފުޅަށް ނުނެރެން ނިންމި ނަމަވެސް އެކަމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅުއްވައި އެ ސިޔާސަތު ތަންފީޒު ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖައްސަވުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ. އަދި ފުލުހުންނާއި ކަރެކްޝަންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރަމުންދޭތޯ ކަށަވަރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.