ބަންގްލަދޭޝް

ބަންގާޅަށް ޓެރަރިސްޓް ހަމަލާ ދިނީ ޒާކިރު ނައިކުގެ ސަބަބުންތަ؟

މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންގްލަދޭޝްގެ ކެފޭއަކަށް ހަމަލާ ދީ، 22 މީހުން މަރާލައި ދެކުނު އޭޝިއާއަށް ޓެރަރިޒަމްގެ ބިރު ބޮޑުވެފައިވާއިރު، މި ހަމަލާއަކީ ދެކުނު އޭޝިއާގެ ގިނަ ބަޔަކު ބަލައިގެންފައިވާ ޕީސް ޓީވީގެ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ ސަބަބުން ބަޔަކު ދިން ހަމަލާއެއް ކަމަށް މިވަނީ އަޑުތައް ފެތުރިފަ އެވެ.

މި ހަމަލާ ދީފައިވަނީ ނިބްރަސް އިސްލާމް އަދި ރޯހަން އިމްތިއާޒް ނަމަކަށްކިޔާ ދެ މީހުންނެވެ. މި ދެ މީހުންނަކީ ވެސް ޒާކިރު ނައިކަށް ވަރަށް ބޮޑަށް ތަބާވާ ދެ މީހުންނެވެ. ޒާކިރުގެ ތަގުރީރުތައް ގަވައިދުން އަޑުއަހައި، ފޭސްބުކްގައި ވެސް ޒާކިރު ވަރަށް ބޮޑަށް ފޮލޯކުރާ ދެ މީހުން ކަމަށްވެ އެވެ.

ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު ހަސަނުލް ހައްގު ވިދާޅުވެފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ލީގަލް އެކްސްޕާޓުން ދީނީ ނަސޭހަތް ދިނުމަށް ޒާކިރު ދީފައިވާ ތަގުރީރުތައް ދިރާސާކުރަމުންދާ ކަމަށެވެ. އަދި އެ ތަގުރީރުތަކުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭފަދަ ވާހަކަ ދައްކަވާފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޓެރަރިސްޓު ވަރުގަދަ ހަމަލާއެއްގެ ސަބަބުން ސިހުން ލިބިފައިވާ ބަންގްލަދޭޝްގެ މިނިސްޓަރު ވިދާޅުވީ، ޒާކިރުގެ ތަގުރީރުތަކުގައި ޤުރުއާނާއި ހަދީސްތަކުގައިވާ ގޮތާ ހިލާފަށް އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނެ އެ މިނިސްޓްރީއަށް އާންމުގެ ފަރާތުން މީގެ ކުރިން ވެސް ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

"ޒާކިރުގެ ވާހަކަތައް ހުންނަނީ ޒުވާނުންނަށް އޮޅޭ ގޮތަށް، މަގު ފުރެދޭ ގޮތަށް، އަސްލު އިސްލާމްގައިވާ ގޮތަކަށް ނޫން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭނާ ވަނީ އިންޑިއާއިން ވެސް މިކަން ބެލުމަށް އެދިފަ އެވެ. ހިންދުސްތާން ނިއުސްއަށް މިނިސްޓަރު ހަސަނުލް ވިދާޅުވެފަިއވަނީ، އިންޑިއާ ސަތުކާރުން ޒާކިރުގެ ތަގުރީރުތައް ދިރާސާކުރަން ޖެހޭ ކަމަށެވެ. ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކައެއް ޒާކިރު ދައްކަވާފައިވާނަމަ ފިޔަވަޅު އެޅުމަށް އިންޑިއާ ސަރުކާރަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ބަންގްލަދޭޝްއިން ޒާކިރަށް ތުހުމަރުތަކެއް ކޮށްފައިވާއިރު، އިންޑިއާއިން ވެސް ވަނީ ބަންގްލަދޭޝްގެ ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާފަ އެވެ. އިންޑިއާގެ ހޯމް މިނިސްޓަރު ކިރެން ރިޖިޖޫ ވިދާޅުވެފައިވަނީ ޒާކިރުގެ ތަގުރީރުތައް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާގެ ސެކިއުރިޓީ އެޖެންސީތަކުން ޒާކިރާއި ޒާކިރުގެ ތަގުރީރުތައް ތަހުގީގުކުރަމުންދާ ކަމަށެވެ.

އިންޑިއާގެ މިނިސްޓަރު ވަނީ، ބަންގްލަދޭޝްއަށް ދިން ހަމަލާއަކީ ޒާކިރު ދިން ތަގުރީރެއްގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބިގެން ދިން ހަމަލާއެއްކަން ސާބިތުވެ، އެ ގައުމުން ޒާކިރާމެދު ފިޔަވަޅު އެޅުމަށް އެދިއްޖެނަމަ ތަގުރީރު ދިނުމާއި ދީނީ ހަރަކާތްތައް ހިންގުން ޒާކިރަށް މަނާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެކުރިން ވެސް އިންޑިއާ އަދި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ ޒާކިރު ދެއްވާފައިވާ ތަގުރީރުތަކުން ހިތްވަރު ލިބިގެން ދިން ހަމަލާތަކެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ޒާކިރު ނައިކު ވަނީ އުސާމާ ބިން ލާދިންއަކީ ޓެރަރިސްޓް ކަމަށް ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ މުސްލިމުންނަކީ "ޓެރަރިސްޓުން"ނަށް ވާން ޖެހޭނެ ބަޔެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ޒާކިރު ނައިކަކީ މީހުންގެ ހިތްތަކާ ކުޅެލާފަދަ ގޮތަކަށް ދީނީ ތަގުރީރު ދެއްވާ ބޭފުޅެކެވެ. އަދި އެހެން ދީންތަކުގެ މީހުންނަށް ވަރުގަދަ ރައްދު ދެއްވައި، އެހެން ދީންތަކުގެ އިލްމުވެރިން ޖެހިލުންވާ ބޭފުޅެކެވެ.