އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި މަހުގެ 11 ދުވަހު މާލޭގެ މަގުތަކުގައި ބާއްވަން ނިންމާފައިވާ ހިނގާލުމަށް ފުރުސަތު ނުދޭނެކަން ފުލުހުން އެ ޕާޓީއަށް އަންގައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު އާންމު ކުރި ލިޔުމެއްގައި ބުނީ، އެމްޑީޕީއަށް އެކަން އެންގީ، އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި މަހުގެ 11 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވަން ބޭނުން ވާކަމަށް އެ ޕާޓީ އިން އަންގާފައި ވާތީ ޕާޓީގެ އިސްފަރާތްތަކާ އެކު އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެފަދަ ސިޔާސީ ހިނގާލުންތަކަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން ނިންމާފައި ވަނީ، މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރާ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ހައްގު އޭގެ ސަބަބުން ގެއްލިގެންގެން ގޮސް ޝަކުވާތައް އިތުރު ވާތީ ކަމަށެވެ.
"އެހެންވީމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދިފައިވާ ގޮތަށް 2016 ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ން 00:00 އަށް މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭނެ ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނިންމުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތެއް ހުއްޓުވާނެކަންވެސް މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިއަށް އަންގާފަ އެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީ އިން ރާވާފައި ވަނީ އާޓިފިޝަލް ބީޗް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ ހަރުގެއާ ހިސާބުން އެ ހިނގާލުން ފަށައިގެން ގޮސް މާލޭގެ އެކި ސަރަހައްދުތަކުގައި މަޑުކޮށް ޝުއޫރުފާޅު ކުރުމަށެވެ. އަދި 11 ވަނަ ދުވަހުގެ ރޭގެ 12:00 އަށް އެ ހަރަކާތް ނިންމުމަށް ވެސް ރާވާފައިވެ އެވެ.