އޮބިޗުއަރީ

މުޅި ހަޔާތް ފަގީރުންނަށް ހިބަކުރި އީދީގެ ކުއްލި ވަކިވުން!

މުޅި އުމުރުން ފަގީރުންނަށް އަޅާލުމުގައި ހޭދަކުރި، ޕާކިސްތާނުގެ މަޝްހޫރު ފިލަންތޮރަޕިސްޓް އަބްދުލް ސައްތާރު އީދީ އަވަހާރަވުމަކީ ދުނިޔެއަށް ދިމާވި ބޮޑު ހިތާމައެކެވެ. އުމުރުފުޅުން 88 އަހަރުގައި އޭނާ އަވަހާރަ ވުމާއެކު ޕާކިސްތާނު ވަނީ ކަރުނައިގެ ކޯރެއްގެ ތެރެއަށް ގަންބާލަފަ އެވެ.

އީދީގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ އަވަހާރަވީ ކަރާޗީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނިކޮށެވެ. އަވަހާރަވީ އެ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވާތާ ހަފުތާއެއް ފަހުންނެވެ.

އޭނާ އުފައްދާފައިވާ އީދީ ފައުންޑޭޝަނަކީ އިޖުތިމާއީ އެތައް ހިދުމަތްތަކެއް ޕާކިސްތާނުގައި ފޯރުކޮށްދެއްމުން އަންނަ ފައުންޑޭޝަނެކެވެ. އެގޮތުން އެމްބިއުލާންސްގެ ހިދުމަތާއި ޔަތީމު ކުދިންނަށާއި މުސްކުޅި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުން ހިމެނެ އެވެ. އީދީ އެންމެ ފުރަތަމަ އެމްބިއުލާންސެއް ހޯއްދަވާފައި ވަނީ އަމިލަފުޅަށް ސަލާން ޖަހައިގެނެވެ.

ކަރާޖީގެ ނޭޝަނަލް ސްޓޭޑިއަމްގައި އިއްޔެ ވަނީ އެދީގެ ޖަނާޒާ ބާއްވާފަ އެވެ. އޭނާއަށް ވަނީ ގާޑް އޮފް އޮނާ ވެސް އަރުވާފަ އެވެ. ސްޓޭޑިއަމުގައި އޮތް ޖަނާޒާގައި ބައިވެރިވުމަށް އެތަކެއްހާސް މީހުން އެއްވި އެވެ.

އީދީ އަވަހާރަވުމުގެ ހިތާމާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވިދާޅުވީ، އޭނާއަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް ލިބުމަށް ދުއާކުރައްވާ ކަމަށެވެ.

ސްޓޭޑިއަމްގައި އޮތް ޖަނާޒާއަށްފަހު އީދީގެ ހަށިގަނޑު ވަނީ އެދީގެ ވިލެޖަށް ގެންގޮސްފަ އެވެ. އަދި އޭނާ ފަސްދާނުލާފައި އެތަނުގަ އެވެ. އެ ވިލެޖަކީ މީގެ 25 އަހަރު ކުރިން އޭނާ ހޯދާފައިވާ ވިލެޖެކެވެ.

ހިތް ތިރި، ތެދުވެރި، މަސައްކަތްތެރި!

އީދީއަކީ ގުޖުރާތަށް އުފަން ބޭފުޅެކެވެ. އޭނާ ޕާކިސްތާނަށް ހިޖުރަކޮށްފައިވަނީ 1947 ވަނަ އަހަރު އެވެ. އޭނާ ފިލަންތޮރަޕިސްޓަކަށް ވެ ވަޑައިގަތުމަށް ނިންމެވީ އޭނާގެ ވާގިނެތިފައިވާ ބަލި މަންމައަށް ފަރުވާ ހޯދައިދިނުމަށް އެ ގައުމު ނުކުޅެދުމުންނެވެ. އޭނާ އަމިއްލަ ކްލިނިކެއް ގާއިމުކޮށްފައިވަނީ 1951 ވަނަ އަހަރު އެވެ.

އޭނާގެ ފައުންޑޭޝަކީ އިޖުތިމާއީ ހިދުމަތްތައް ދިނުމުގައި ޕާކިސްތާނުގައި މިހާރު އޮތް އެންމެ ބޮޑު ފައުންޑޭޝަނެވެ. އީދީއަކީ ޕާކިސްތާނުގައި އެންމެ ގިނަ މީހުން އިހުތިރާމްކުރާ އެންމެ ހައިބަތު ބޮޑު އެކަމަކު އެންމެ އާދައިގެ ޝަހުސިއްޔަތެވެ.

ދެހާސް ސާދަވަނަ އަހަރު ބީބީސީއަށް އީދީ ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެންމެ އިސްކަމެއް ދެއްވަނީ ހިތްތިރި ކަމާއި ތެދުވެރިކަމާއި ބުރަ މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދިރިއުޅުން ކަމަށެވެ.

"ކޮންމެ މީހަކީ ވެސް އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށްދޭ އަޅާ މީހަކަށްވުމަކީ އިންސާނުންގެ މާނަ، އެގޮތަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނަމަ ދުނިޔޭގެ އެތައް މައްސަލަތަކެއް ހައްލުވާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.

އީދީއަކީ އޭނާގެ ސާދާ، ދިރިއުޅުމަށް ވެސް މަޝްހޫރު ބޭފުޅެކެވެ. އެގޮތުން އޭނާ ގެންގުޅެނީ އެންމެ ދެ ހެދުމެވެ. އަދި އޭނާ ދިރިއުޅުއްވީ އޭނާގެ ފައުންޑޭޝަނާ ޖެހިގެން ހުންނަ ކުޑަކުޑަ ކޮޓަރިއެއްގަ އެވެ.

ދެހާސް ތޭރަވަނަ އަހަރު އީދީގެ ކިޑްނީ ފެއިލްވެފައިވެ އެވެ. ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފު އަލީ ޒަރުދާރީ ވަނީ ގައުމުން ބޭރުން ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް އީދީ ގާތު ވިދާޅުވެފައިވެ އެވެ. ނަމަވެސް އީދީ އެކަން ގަބޫލެއް ނުކުރި އެވެ. އޭނާ އެދުނީ ޕާކިސްތާނުގެ ސަރުކާރު ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށެވެ. އަދި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.