ރާއްޖެ ކުޅިވަރު

އިންޑިއަން ގްރޭންޑް ޕްރިކްސްގެ 100 މީޓަރުން ސާއިދަށް ރަންމެޑަލް

އިންޑިއަން ގްރޭންޑް ޕްރިކްސް ދުވުމުގެ މުބާރާތުގެ 100 މީޓަރުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަންމެޑަލް ހޯދައިފި އެވެ.

އިންޑިޔާ އާއި ސްރީލަންކާގެ ދުވުންތެރިން ބައިވެރި ރޭހުން އޭނާ ރަންމެޑަލް ހޯދީ 10.37 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ސާއިދު ހަދާފައިވާ ގައުމީ ރެކޯޑަށްވުރެ ލަސް ވަގުތެކެވެ. 100 މީޓަރުގެ ގައުމީ ރެކޯޑް އޭނާ މީގެ ކުރިން ހަދާފައިވަނީ 10.34 އިން ރޭސް ނިންމައިގެންނެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ލަންކާ އާއި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު އިންޑިޔާގެ ދުވުންތެރިންނާ ވާދަކޮށް ސާއިދު ރަންމެޑަލް ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސާއިދަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ރަންމެޑަލް ހޯދި ދުވުންތެރިޔާ އެވެ. މިއީ ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ދުވުންތެރިއަކު ހޯދި ފުރަތަމަ ރަންމެޑަލް ވެސްމެ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރުން އޭނާ ވަނީ ރިހިމެޑަލް އަދި ސައުތު އޭޝިއަމް ގޭމްސްގައި ވެސް ވާދަކޮށް ރިހިމެޑަލް ހޯދައިފަ އެވެ.