- ކުންފުނީގައި 17 ފްލައިޓެއް
- 50 ގޮނޑީގެ އާ ބޯޓު އޮކްޓޫބަރު މަހު އަންނާނެ
- އާ ސީޕްލޭން ހުކުރު ދުވަހު އަންނާނެ
ރާއްޖޭގެ ގައުމީ އެލާއިން "މޯލްޑިވިއަން" އިން ތިން ސީޕްލޭނާއި ޑޭޝް އަށެއްގެ އިތުރު ބޯޓެއް މި އަހަރު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަން އޮޕަރޭޓް ކުރަމުން ގެންދާ ކުންފުނި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އެ ކުންފުނީގެ ސީޕްލޭން ފްލީޓަށް މި އަހަރު އިތުރު ތިން ސީޕްލޭން ގެންނަން ނިންމާފައިވާ ކަމަށެވެ.
"ޑޭޝް އަށެއްގެ އިތުރު ބޯޓެއް ގެނައުމަށް މިހާރު ވާނީ ސޮއި ކޮށްފަ. ޑޭޝް 8 ގެ ބޯޓެއް ގެންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ޓޫރިޒަމް ފުޅާވަމުންދާތީ،" ހާރިސް ވިދާޅުވި އެވެ. "ގއ. ހިސާބަށް ޓޫރިޒަމް ފުޅާވަމުން ދާއިރު އިތުރު ފްލައިޓްތައް ބޭނުންވޭ. އެކަމަށް ޑޭޝް 8 ގެ ބޯޓެއް ގެންނަނީ،"
އޭނާ ވިދާޅުވީ އަލަށް ގެންނަ ޑޭޝް 8 މަރުކާގެ ބޯޓަކީ ވެސް 50 ގޮނޑީގެ ބޯޓެއް ކަމަށާއި އެ ބޯޓު އޮކްޓޫބަރު މަހު ރާއްޖެ އަންނަނާނެ ކަމަށެވެ.
"ބޯޓު ގެނައުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށް އިންޖިނޭރުން މިހާރު ވަނީ ރާއްޖެއިން ބޭރުގައި،" ހާރިސް ވިދާޅުވި އެވެ.
މޯލްޑިވިއަންއިން ވަނީ ސީޕްލޭން ފްލީޓް ފުޅާ ކުރުމުގެ ގޮތުން މި އަހަރު އިތުރު ތިން ސީޕްލޭން ގެނައުމުގެ މަސައްކަތް ވެސް ކުރަމުނެވެ. މިހާރު ވެސް އެ ކުންފުނީގައި ހަތް ސީޕްލޭނެއް އެބައޮތެވެ. މި ގޮތުން އެ ކުންފުނިން ރާއްޖެ ގެންނަ އަށް ވަނަ ސީޕްލޭން އަންނަ ހުކުރު ދުވަހު ރާއްޖެ ގެންނާނެ އެވެ. ޖުމްލަ އެ ކުންފުނީގެ ފްލީޓްގައި 17 ބޯޓެއް އެބައޮތެވެ.
މޯލްޑިވިއަންއިން އިތުރު މަތިންދާ ބޯޓުތަކެއް ގެންނައިރު އެ ކުންފުނިން ބޯޓު ގަތުމަށް ނަގާފައިވާ ލޯނުތައް ވަނީ ހަލާސްކޮށްފަ އެވެ.