ކޯޓްގެ ހުކުމްތަކަށް ކިޔަމަން ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާ އުސޫލުން ދައުލަތުގެ ބަންޑާރަ ނައިބު ކަމުގައި ހުންނެވި މުހައްމަދު އަނިލް ޝަރީއަތުގެ ތަޅުމަށް ހާޒިރުކޮށް އަޅަންޖެހޭ ފިޔަވަޅު ބަންޑާރަ ނައިބުގެ މައްޗަށް އަޅާނެ ކަމަށް ކަމަށް ސިވިލް ކޯޓުން ރާއްޖޭގެ ބަންޑާރަ ނައިބަށް އިންޒާރު ކޮށްފި އެވެ.
މިގޮތަށް ސިވިލް ކޯޓުން ބަންޑާރަ ނައިބަށް އިންޒާރުދީފައިމިވަނީ، ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން އެ ކޯޓުންކުރި ހުކުމަށް ފާޑުވިދާޅުވެ، ބަންޑާރަ ނައިބު މީޑިއާތަކުގައި ވާހަކަ ދައްކަވައި، އެއީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ވިދާޅުވެ ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
މިއަދު ބަންޑާރަ ނައިބަށް ސިވިލް ކޯޓުން އެންގި އެންގުމެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކާއި ނިންމާ ނިންމުންތަކާއި މެދުގައި އާންމުންގެ ހިތްތަކުގައި ނަފުރަތެއް އުފެދި ނުކިޔަމަންތެރިކަމެއް ގެނެސްގަތުމުގެ މަގެއް ފަހިކޮށްދެވޭ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން އަންނަނިވި ގޮތުގެ މައްޗަށް ކަން އޮތްގޮތް ބުނެދީ ކޯޓުގެ ހުރުމަތް ކެނޑޭނެ ގޮތަށް އަމަލުނުކުރުމަށް ބަންޑާރަ ނައިބަށް އަންގާ ކަމަށެވެ.
އެ އެންގުމުގައި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ބާރު ހިންގުމުގައި ދިވެހި ދައުލަތުގެ ބަންޑާރަ ނައިބާއި ބަންޑާރަ ނައިބުގެ އޮފީސް އިސްތިސްނާ ނުވާ ކަމާއި ކޯޓުގައި ހިނގަމުންދާ މައްސަލައެއް ތަންފީޒުނުވެ އިސްތިއުނާފީ މަރުހަލާގެ މަގުމަތީގައި ވަނިކޮށް އެ މައްސަލައަށް ނުފޫޒެއް ނުވަތަ އެފަދަ ބާރެއް ފޯރުވޭނެ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑިދާނެ ގޮތަކަށް ކޯޓުގެ ހުކުމްތަކަށް ތަބައުނުވުމަށާއި އެ ހުކުމްތަކަށް ކިޔަމަންނުވުމަށް ހިތްވަރު ލިބޭ ގޮތަކަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ މަގުން އެފަދަ އަމަލުތައް ކުރާނަމަ ދައުލަތުގެ ބަންޑާރަ ނައިބަށާއި އެކަމުގައި ސާމިލްވާ ބަންޑާރަ ނައިބު އޮފީހުގެ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސިވިލް ކޯޓުގެ ހުކުމަށް ފާޑުކިޔައި، އެ ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ބުނެ އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ސިވިލް ކޯޓުން ހަވީރުގެ ކުރީގެ މުވައްޒަފުންންނަށް ކޮށްފައިވާ އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ހުކުމެއް ބާތިލުކަމަށް ބުނުމާއި އެ ހުކުމަށް އަމަލުނުކުރުމަށް އެނގުމާއި ނިޔާކަނޑައެޅުމުގެ ބާރު ޝަރުއީ ކޯޓުތައް ފިޔަވާ އެހެން ފަރާތްތަކަށް ލިބިގެންނުވާ ކަމަށެވެ. އަދި ކޯޓަކުންކުރާ ހުކުމްތައް ސައްހަ ނޫން ކަމަށް އިސްތިއުނާފީ މަރުހަލާގެ ކޯޓަކުން ބުނާ ބުނާ ބުނުމެއް ނޫން ގޮތެއްގައި އެ ހުކުމެއް ސައްހަ ނޫން ކަމަށް ނުވަތަ އެ ހުކުމެއްގެ ބާރު ނަފީކޮށް އެ ހުކުމަކަށް ކިޔަމަންވެ ނުގަތުމަށް ހިތްވަރުދޭ ގޮތަށް އެއްވެސް ވާހަކަ ދައްކާ ހެދުމުގެ ދުސްތޫރީ ބާރު ދައުލަތުގެ ބަންޑާރަ ނައިބަށް ނުވަތަ އެ ނޫން ފަރާތަކަށް ވިޔަސް ލިބިގެންނުވާ ކަމަށެވެ.
މީގެއިތުރަށް ބަޔާނުގައި ބުނެފައިވަނީ ބަންޑާރަ ނައިބަކީ ކޯޓުތަކަށް ހުކުމް ހޯދައި ލިބިގަތުމަށް ކޯޓުތަކުގައި ވަކާލާތުކުރާ ހަސްމެއް ކަމާއި ބަންޑާރަ ނައިބުގެ ވާހަކަތައް ބާތިލުކޮށް އަދި ސައްހަކޮށް ހަދަނީ ވެސް ކޯޓުތަކުން ކަމަށްވާތީ ބަންޑާރަ ނައިބު ނުވަތަ ބަންޑާރަ ނައިބު އޮފީހަކީ ކޯޓުތަކުން ކުރާ ހުކުމްތައް ބާތިލުކަމަށް ބުނެ ކަނޑައެޅޭނެ ފަރާތެއް ނޫން ކަމަށެވެ.
ކޯޓުން ކޮށްފަިއވާ ހުކުމެއް މަތީ މަރުހަލާގެ ކޯޓަކުން ބާތިލުނުކުރާނަމަ އެ ހުކުމެއް ދެމި އޮންނާނެ ކަމަށާއި އެ ހުކުމަކަށް ތަބައުނުވުމަށް މަގުފަހިވާ ގޮތަށް އެއްވެސް ވާހަކައެއް ދެއްކުން ބަންޑާރަ ނައިބު ނުވަތަ އެ ނޫން ފަރާތަކަށް ވިޔަސް ކޯޓުގެ ހުރުމަތުގައި ހުއްދަ ނުވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސިވިލް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޯޓުންކުރާ ހުކުމެއް އިސްތިއުނާފުކުރުމުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން މީގެކުރިން އަމަލުކޮށްފަިއވާ ގޮތުގައި ހުކުމެއް އިސްތިއުނާފުކުރެވޭ ނުކުތާތައް ލިޔެ ބަޔާނެއްގެ ގޮތުގައި އާންމުކޮށްފައިވާނުވާ ކަމަށާއި ނަމަވެސް ހަވީރު މައްސަލާގައި އެކަން އެގޮތަށް ކޮށްފައިވުމަކީ ހަމަހަމަ ކަމާއި އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހަމަތަކާއި ހިލާފުވާ ގޮތުން ބަންޑާރަ ނައިބު ތަފާތުކޮށް ކުރި އަމަލެއް ކަމަށެވެ.
ސިވިލް ކޯޓުން ހަވީރު މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ބުނެފައިވަނީ އަމުރު އެގޮތަށް އޮތްނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.