މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިވެހި ޕްރިންސިޕަލުން އިތުރުކުރުމަށް މަސައްކަތްތަކެއް ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި މެލޭޝިއާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވާސިޓީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް މިއަދު ފަށައިފިއެވެ. މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ %46 އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ވާކްޝޮޕްތަކުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ގާބިލު ލީޑިން ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ އަދަދު އިތުރުވެގެން ދާނެ އެވެ.

"ވާކްޝޮޕް އޮން ޕާސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑަސް" ނަމުގައި މިއަދު ޏ. ފުވައްމުލަކުގައި ފެށުނު ވާރކްޝޮޕްގައި ފުވައްމުލަކާއި، އައްޑޫ އާއި، ގއ. އާއި، ގދ. އާއި މާލެ އަތޮޅުގެ 30 ލީޑިންގ ޓީޗަރަކު ބައިވެރިވެއެވެ. އަދި ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ތިން ވާކްޝޮޕެއް ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައި ކުރިއަށްގެންދިއުމަވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޏ. ފުވައްމުލަކުގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ބޭފުޅުންނެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކުންނެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށް މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެމުން ކަމަށެވެ. އެގޮތުން، ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 69 ޕްރިންސިޕަލަކު މިއަހަރުގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ އާއި ޔުނިޓާ ޔުނިވާރސިޓީ އާއި އެ ގައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ ތަޖުރިބާއާއި މައުލޫމާތު ވަނީ ހޯދާފަ އެވެ. އަދި މިއަހަރުނިމުމުގެ ކުރިން ޖުމްލަ 100 ޕްރިންސިޕަލުންނަށް މި ފުރުސަތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސުކޫލްތަކަށް ޕްރިންސިޕަލުން ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ވަނީ ތަޖުރިބާ ކޮށްފައެވެ.

ހަަމަ އެއާއިއެކު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ އިރު، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި ސްކޫލްތަކުން އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި ވަކި ވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.