ހަބަރު

މިސްރުގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މިސްރުގެ މިނިސްޓްރީ އޮފް ކަލްޗާ އިން އިންތިޒާމުކޮށްގެން އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފި އެވެ.

"ދަ އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ނަމުގައި ބާއްވާ އެ ފެސްޓިވަލް އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 20 އިން 27 އަށް މިސްރުގެ ވެރިރަށް ގާހިރާ އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިސްރުގެ ކަލްޗާ މިނިސްޓްރީން ރާއްޖެއަށް ލިބުނު ފުރުސަތުގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެންބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށް ކަމަށެވެ. ބައިވެރިވާ ގްރޫޕުގެ މެމްބަރުންނަށް ދަތުރުފަތުރާއި ހުރުމުގެ ކަންތައް ހަމަޖައްސައިދޭނީ މިސްރުގެ ކަލްޗާ މިނިސްޓްރީން ކަމަށެވެ. އެ މިއުޒިކް ފެސްޓިވަލްގައި ބޭނުން ކުރެވޭނީ ހަމައެކަނި ސަގާފީ ހެދުމާއި މިއުޒިކު ކުޅެން ބޭނުންކުރާ ސަގާފީ އާލާތްތައް އެކަންޏެވެ.

އެ ފެސްޓިވަލުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭނީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އަށެވެ. މިމަހުގެ 19 އަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައިވއިރު، އެ ސެންޓަރުންނާއި ސެންޓަރުގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ.