ހުސްވެފައިވާ ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް ޑރ. މުހައްމަދު އާސިމް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ. މުހައްމަދު އާސިމަކީ މީގެ ކުރިން ބަންގްލަދޭޝްއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވަވާފައި ހުންނެވި ސަފީރެވެ.
އާސިމަށް މަގާމުގެ ހުވާ ލައި ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މީގެ ކުރިން އާސިމް ވަނީ ބަންގްލަދޭޝް ސަފީރުކަމުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ސަފީރުކަން ވެސް ކުރައްވާފައިވެ އެވެ. އަދި ފޮރިން މިނިސްޓްރީގެ ބައެއް އިސް މަގާމުތައް ވެސް އަދާކުރައްވާފައިވެ އެވެ.
ފޮރިން މިނިސްޓަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި، ދުންޔާ މައުމޫން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ދުންޔާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ، މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރާ ހިޔާލު ތަފާތުވެގެން ކަމަށެވެ.
ފޮރިން މިނިސްޓަރު ކަމަށް މުޅިން ބޭފުޅަކު އައްޔަންކޮށްފައިވާއިރު، މިފަހުން ވެސް ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ރައީސް ވަނީ ގެންނަވާފަ އެވެ. އެ ބައްދަލު ގެންނެވީ އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހޯމް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ.
ޒުހޫރު ހޯމް މިނިސްޓަރު ކަމަށް ބަދަލުކޮށް، ޔޫތް މިނިސްޓަރު ކަމަށް އޭރުގެ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ހެލްތް މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވަނީ އަބްދުﷲ ނާޒިމް އިބްރާހިމެވެ.