އޮޑިޓާ ޖެނެރަލް އޮފީސް

މިދިޔަ އަހަރު ރައީސް އޮފީހުން ހަރަދު ކުރީ ތެދުވެރިކަމާއެކު: އޮޑިޓް

މިދިޔަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ގާވާއިދުތަކާއި މާލިއްޔަތުގެ ގާނޫނާއި އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓޭންޑަޑާ އެއް ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިދިއަ 2015 ވަނަ އަހަރު ރައީސް އޮފީހުން ކޮށްފައިވާ ހަރަދުތައް ބެލުމަށްފަހު އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެއާއި، ރައީސްގެ ނައިބު ދިރިއުޅުއްވާ ރަސްމީ ގޭގެ މާލީ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ފާސް ކޮށްދީފައިވާ ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.

އަދި މާލިއްޔަތުގެ ގާނޫނާއި ގަވާއިދަށް އަމަލުކޮށްފައިވާ މިންވަރާމެދު ދެކޭ ގޮތް ބަޔާންކުރާ އަސާސްގައި ޖެހުނު އެއްމެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ ކަމެއް ހުރީ ފުރިހަމައަށް ކަމަށާއި، ރައީސް އާއި ނައިބު ރައީސްގެ ރަސްމީ ގޭގެ މާލީ ހަރަދުތައް ހިންގާ ބަލަހައްޓާފައިވަނީ ރަނގަޅަށް ކަމަށެވެ.

ހަރަދުކުރުމުގައި މައްސަލައެއްގެ ގޮތުގައި އޮޑިޓުގައި ފާހަގަކޮށްފައިވަނީ އެންމެ މައްސަލައެކެވެ. އެއީ ހަރު މުދާ އެންމެ ފުރިހަމަ ގޮތުގައި ދަފްތަރުކޮށް ބަލަހައްޓާފައި ނުވާ މައްސަލައެވެ.

"... ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ހަރުމުދަލުގެ ދަފްތަރު ގަވާއިދާ މުޅިން އެއްގޮތަށް ލިޔެ ބަލަހައްޓާފައި ނުވާކަން ފާގަކުރެވެ އެވެ. މާލީ އަހަރުގެ ނިޔަލަށް ބާކީ ހުރި ފައިސާ އާއި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތަކީ ތެދުވެރިކަމާއެކު ހަގީގަތް ދައްކުވައިދޭ ގޮތަށް އިފްސަސް އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާންތަކެކެވެ،" ރިޕޯޓުގައި ބުންޏެވެ.

ގާނޫނު އަސާސީ ލާޒިމްކުރާ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ހަރަދުތައް ބަލަހައްޓައި ހިންގުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މަސްއޫލިއްޔަތެކެވެ.