މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

ޝަރުއީ ދާއިރާ ގޯސްވީ އެމްޑީޕީއަށް ފުރުސަތު ނުދިނުމުން: އެމްޔޫއޯ

ޝަރުއީ ދާއިރާ މިހާރު އޮތީ މުވައްޒަފުންނާއި ފަނޑިޔާރުން އިލްމީ ގޮތުން ތަރައްގީ ކޮށް އިސްލާހު ކުރެވޭ ހާލަތުގައި ނޫން ކަމަށާއި، ޝަރުއީ ދާއިރާ ގޯސްވީ އެ ދާއިރާ އިސްލާހު ކުރަން އެމްޑީޕީއަށް ފުރުސަތު ނުދިނުމުން ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.

ސަރުކާރާ ދެކޮޅުވި ބައެއް ފަރާތްތަކާއި އިދިކޮޅު އެމްޑީޕީގުޅިގެން އުފައްދާފައިވާ އެމްޔޫއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ނުފޫޒާއި ބާރު ފޯރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ހާލަތުން ކުރިއަށްދާނީ މުވައްޒަފުންގެ ފަންނީ އަދި އިލްމީ ގާބިލުކަން އިތުރު ކޮށްގެން ނޫން ކަމަށާއި، ޝަރުއީ ދާއިރާގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަދެ، ދާއިރާ ހަލާކުވާން މެދުވެރިވީ 2008 ވަނަ އަހަރު އޮތް އެމްޑީޕީ ވެރިކަމަށް ޖުޑިޝަރީ އިސްލާހު ކުރުމުގެ ފުރުސަތު ނުލިބުމުން ކަމަށެވެ.

ހިޝާން މިހެން ވިދާޅުވި އިރު އެމްޑީޕީގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން ހިސޯރު ކޮށް ސުޕްރީމް ކޯޓްގައި ތަޅު އަޅުވުމުގެ އިތުުރުން ގާޒީއަކު ހައްޔަރު ކުރި އެވެ. އެމްޑީޕީގެ ސަރުކާރު ވެއްޓުނީ ގާޒީގެ މައްސަލާގައި އުފެދުނު ތަފާތު ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ. މީގެ އިތުރުން ޖުޑިޝަރީ ދާއިރާ ސަސްޕެންޑްކޮށް ވަކި ކޮމިޝަނަކުން އެ ދާއިރާ ހިންގަން ރައީސް މުހައްމަދު ނަޝީދު ނިންމާފައިވާކަން ފަހުން ވަނީ ފަޅާ އަރާފަ އެވެ.