ދިވެހި ޕްރެމިއާ ލީގް

ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިފައި

ކުޅުންތެރިން އެއްކުލަބުން އަނެއް ކުލަބަށް ބަދަލުވުމަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިއްޖެ އެވެ.މިއަދުން ފެށިގެން ޓްރާންސްފާ މާކެޓް ހުޅުވިފައި އޮންނާނީ މި މަހުގެ 27 ގެ ނިޔަލަށެވެ.

ޓްރާންސްފާ މާކެޓްގައި ކުލަބުތަކުން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ މިހާރު ތިބި ބިދޭސީ ކުޅުންތެރިންގެ ބަދަލުގައި މޮޅު ކުޅުންތެރިން ހޯދުމަށެވެ. އަދި ބައެއް ކުލަބުތަކުން ބިދޭސީ ކުޅުންތެރިން އިތުރުކޮށް އުނިކުރުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.

ޓްރާންސްފާ މާކެޓްގައި އެންމެ ފުރަތަމަ ކުލަބު ބަދަލު ކުރި ކުޅުންތެރިއަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މެލޭޝިޔާ ޕީޑީއާރްއެމް އަށް ކުޅުނު ފޯވަޑް މާޒިޔާ އަށް ސޮއިކުރީ ރޭގަ އެވެ. އަދި ކްލަބު އީގަލްސްއިން ވަނީ މެސެޑޯނިއާގެ ފޯވަޑް ރިސްޓޭ ވެސް ގެނެސްފަ އެވެ.

ޓްރާންސްފާ މާކެޓް ހުޅުވިފައިވާއިރު އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރު މިހާރު ވަނީ ނިމިފަ އެވެ. އަދި ހުކުރު ދުވަހު ހަވީރު ލީގުގެ ދެ ވަނަ ބުރު ފަށާނެ އެވެ.

ފުރަތަމަ ބުރުން އެއްވަނަ ހޯދީ 14 ޕޮއިންޓާއެކު މާޒިޔާ އެވެ. ދެ ވަނަ ލިބެނީ 13 ޕޮއިންޓާއެކު އީގަލްސް އަށެވެ. ތިން ވަނަ 12 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ އަށެވެ. 11 ޕޮއިންޓާއެކު ވެލެންސިއާ އާއި ޓީސީ އޮތް ނަމަވެސް ލަނޑުގެ ތަފާތުން ހަތަރު ވަނަ އަށް ދަނީ ޓީސީ އެވެ. ހަ ވަނާގައިވަނީ ހަތް ޕޮއިންޓާއެކު ޗެމްޕިއަން ނިއުރޭޑިއަންޓެވެ. ހަތަރު ޕޮއިންޓާއެކު ހަތް ވަނާގައިވަނީ ވިކްޓަރީ އެވެ. ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކު ބީޖީ އެވެ.