ކުނި މެނޭޖް ކުރުން

މާލޭގެ ކުނި އުފުލާނެ ހަރުދަނާ އުސޫލެއް މިއަހަރު ތަންފީޒު ކުރާނަން: ތޯރިގް

މާލޭގެ ކުނި ގޮނޑަކަށް ބަޔަކު ކުނި އުކާލަނީ: މާލޭގެ ކުނި މެނޭޖް ކުރާނެ ޒަމާނީ ނިޒާމަކަށް ވަނީ ބޭނުންވެފައި --
0%
0%
0%

މާލޭގެ ގެތަކުން އުފައްދާ ކުނި އުފުލާނެ ހަރުދަނާ އުސޫލެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފައިނަލްކޮށް، އަހަރު ނިމުމުގެ ކުރިން އެ އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މާލޭގެ ގޭގެއިން އުފައްދާ ބައެއް ކަހަލަ ކުނި ނައްތާލުން އުނދަގޫ ކަމަކަށް ވެފައިވާއިރު، އެކަމަށް އެކަށީގެންވާ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާބެހޭ މިނިސްޓްރީން ވަނީ ފަށާފަ އެވެ.

މިއަދު މިނިސްޓަރު ތޯރިގް ވިދާޅުވީ، މާލޭގެ ގޭގެއިން ކުނި އުފުލާނެ ހަރުދަނާ ނިޒާނެއް ގާއިމް ކުރަން ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެތަކެތި ލިބި މިއަހަރު ނިމުމުގެ ކުރިން ކުނި ބޭރު ކުރުމުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ޕްލޭނެއް އެކުލަވައިލަން ފަށާފައިވާއިރު، ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ ކަންކަން ވެސް ރަނގަޅު ކުރަން މަސައްކަތް ކުރައްވާ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެގޮތުން ކުނި އުފުލާ އިތުރު ވެހިކަލް ތިލަފުއްޓަށް ގެންދިއުމާއި، ފެންވަރު ރަނގަޅު އިންސިނެރޭޝަން ފެސިލިޓީއެއް ގާއިމްކޮށް، އިންސިނެރޭޓް ކުރުމަށްފަހު ކުނި ރައްކާކުރާނެ ބިން ހެދުމުގެ މަސައްކަތް ތިލަފުށީގައި މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިލަފުށީ ކުނި އަންދާ ސަރަހައްދުން އަރާ ދުމަކީ މިވަގުތު މާލޭގެ ރައްޔިތުންނަށް ތަޖުރިބާކުރަންޖެހިފައވާ ވަރަށް ބޮޑު މައްސަލައެއް. އެ ދުމުން ރައްޔިތުން ސަލާމަތްކުރަން މިހާރު ވާނީ މަސައްކަތް ފަށާފައި،" ތޯރިގް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ ފުރިހަމަ ނިޒާމެއް ތިލަފުށީގައި ގާއިމްކޮށް 2018 އިގެ ކުރިން ތިލަފުށީ ކުނިގޮނޑުން އަރާ ދުމުން ރައްޔިތުން ސަލާމަތްކޮށްދޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345