ރާއްޖޭގެ އެކި ރަށްރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރަން ދިމާވެފައި ހުރި ދަތިތައް ހައްލު ކުރަން 4.86 މިލިއަން ރުފިޔާގެ އެއްބަސްވުންތަކެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ. ކުނި މެނޭޖްކުރުމާބެހޭ ހަތަރު މަޝްރޫއެއް ފަށަން އެ މިނިސްޓްރީން މިއަދު ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭގެ ތެރެއިން އެއް މަޝްރޫއެއް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ އެވެ. އެއީ ހަ ރަށެއްގައި ގާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހިންގަން ބޭނުންވާ ކަރަންޓް އެ ރަށްތަކަށް ފޯރުކޮށްދިނުމަށެވެ.
އެއީ 2.2 މިލިއަން ރުފިޔާގެ މަޝްރޫއެެކެވެ. ފެނަކައާ ހަވާލު ކޮށްފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކު ސިޓީ އާއި ގއ. މާމެންދޫ އާއި ގއ. ކޮނޑޭ އާއި ލ. ގަމާއި ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫގެ ކުނި މެނޭޖްކުރާ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދޭނެ އެވެ.
ދ. ރިނބުދޫ އާއި ފ. މަގޫދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކުރުމުގެ ދެ މަޝްރޫއެއް ވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. ރިނބުދޫގެ ކުނި މެނޭޖްކުރާ ސެންޓަރު ގާއިމްކުރަން ހަވާލުކޮށްފައިވަނީ އަކުއަ މެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ. ހަމަ އެ އަގަށް މަގޫދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ގާއިމްކުރަން ހަވާލުކޮށްފައިވަނީ ދަންމާނު ކޮންޕެނީއާ އެވެ. އެ ދެ މަސައްކަތް ނިންމަން ދީފައިވަނީ ދެ މަސްދުވަހުގެ މުއްދަތެކެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިހާތަނަށް ގިނަ ރަށްތަކެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތަކެއް ގާއިމްކޮށްފައިވާއިރު އެ ސެންޓަރުތަކުގެ ހިންގުން މޮނިޓާ ކުރުމަށް ކޮންމެ އަތޮޅެއްގައި ވެސް ރީޖަނަލް ސެންޓަރުތަކެއް ވެސް ދަނީ ގާއިމް ކުރަމުންނެވެ. އުތުރުގެ ބައެއް އަތޮޅުތަކުގައި އެފަދަ ރީޖަނަލް ސެންޓަރުތަކެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ގާއިމްކުރަން ނިންމާފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ވެސް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެސެސްމަންޓްތައް ހެދުމަށް ތިން ލައްކަ ރުފިޔާއަށް ހަވާލު ކޮށްފައިވަނީ ސީޑީއީ ޕްރައިވެޓް ލިމިޓެޑާ އެވެ.
މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ހަރުދަނާ ނިޒާމެއް މުޅި ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާއެކު ފެށި ޕްރޮޖެކްޓެއް ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ އެމަސައްކަތްތައް ކާމިޔާބީއާ ގާތަށް މިހާރު ދެވިފައިވާ ކަމަށެވެ.