މިނިސްޓްރީ އޮފް އެޑިއުކޭޝަން

މުސާރައާ އެއްވަރު އެލަވަންސާއެކު ސްކޫލް މުވައްޒަފުން ތަމްރީނުކުރަނީ

ފާއިތުވި ދެ އަހަރު ދާއިރާގައި ދެމިތިބި ސްކޫލް މުވައްޒަފުންނަށް މުސާރައާ އެއްވަރުގެ އެލަވަންސެއް ދީގެން ކިޔެވޭނެ 100 އަށްވުރެ ގިނަ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ ޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިދިޔަ ދެ އަހަރު މެދުނުކެނޑި ސަރުކާރުގެ ސްކޫލެއްގައި ހިދުމަތްކުރި މުވައްޒަފުންނަށް މުސާރައާ އެއްވަރުގެ އެލަވަންސެއް ދީގެން ތަމްރީންވުމަށް ފުރުސަތުތަކެއް ދީ އެކަމަށް ގަވާއިދެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ގަވާއިދުގެ ދަށުން މިއަހަރު އަލަށް ހުޅުވާލާ 101 ފުރުސަތަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިއަދު ހުޅުވާލި ފުރުސަތުގެ ތެރެއިން މުވައްޒިފުން ތަމްރީނުކުރާނީ ޓީޗަރުންނާއި، ޕްރިންސިޕަލުންނާއި، ސްކޫލް ހެލްތު އެސިސްޓެންޓުންނާއި، ސްކޫލް ކައުންސެލަރުންނާއި، ލައިބްރޭރިއަނުންގެ އިތުރުން ލެބޯރެޓެރީ ޓެކްނީޝަނުން އަދި ވޮކޭޝަނަލް މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުންނާއި އިންސްޓްރަކްޓަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހުޅުވާލެވިފައިވާ 101 ފުރުސަތުގެ ތެރޭގައި، މުސާރަ އާއި އެއްވަރުގެ އެލަވަންސް ދީގެން ތަމްރީނު ކުރުމަށް މިދިޔަ އޭޕްރީލް މަހު ހުޅުވާލި "މާސްޓާ އޮފް އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފުން ހިމެނޭ އިރު، އޭގެ އިތުރަށް ޖާގަ ދެވޭނީ، ސްކޫލްތަކަށް މުވައްޒަފުން ހޯދަން އުނދަގޫ ރަށްރަށާއި، މުވައްޒަފުން ލިބުން ދަތި މަގާމްތަކަށް ދާން އެއްބަސްވާ 69 މުވައްޒިފުންގެ އިތުރުން ސްކޫލެއްގައި މަސައްކަތްކުރި ނަމަވެސް މަގާމްގެ ޝަރުތު ހަމަނުވާ މުވައްޒިފުންނަށް ކަމަށެވެ.

ތަމްރީނަށް މުވައްޒިފުން ހޮވާނީ ރަށުގެ މުވައްޒިފުން ލިބުން ދަތި ކަމަށާއި، މަގާމަށް މުވައްޒިފުން ލިބުން ދަތިވާ މިންވަރަށާއި، މުވައްޒަފުގެ އިލްމީ ގާބިލް ކަމަށް އަދި މުވައްޒިފުގެ ތަޖުރިބާ އަށް މާކްސް ދީގެން ކަމަށް މިނިސްޓްރީން ބުންޏެވެ. ތަމްރީނުގައި ބައިވެރިވުމަށް މިނިސްޓްރީއަށް ފޯމް ހުށަހެޅުމުގެ ފަހު މުއްދަތަކީ އަންނަ މަހުގެ އެކެކެވެ.