ހަބަރު

ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ ނޭޅޭތީ އަދާލަތުން ކަންބޮޑުވެއްޖެ

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅުމުގެ ފުރުސަތު ނޯންނާތީ އަދާލަތުން ޕާޓީން ކަންބޮޑުވެއްޖެ އެވެ. އަދާލަތުން ބުނީ، އަންހެނުންގެ ހެދުމުގެ ބައެއްގެ ގޮތުގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފައިވާތީ ހިތާމަކުރާ ކަމަށެވެ.

މި މައްސަލައިގައި އަދާލަތު ޕާޓީ އިން ކަންބޮޑުވި އިރު، ސިވިލްސާވިސްގައި މަސައްކަތް ކުރާ އަންހެނުންނަށް މޫނު ބުރުގާ އެޅުން ޒަމާނުއްސުރެ އޮންނަނީ މަނާ ކަމެއްގެ ގޮތުގަ އެވެ. އަދި ޔުނިވަސިޓީތަކަށް ކިޔަވަން ދާ ކުދިންނަށް ވެސް މޫނު ބުރުގާ އެޅުމުގެ ފުރުސަތު ދިނީ ވަރަށް ފަހުންނެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަކީ އިސްލާމީ ދައުލަތަކަށްވާއިރު އިސްލާމް ދީނުގެ ޝިއާރެއް ފާޅުކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އަދި އެ ހައްގުގެ ބޭނުން ކުރުމުގެ ސަބަބުން ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ ވަޒީފާ އަދާކުރުމުގެ އަސާސީ ހައްގު ހިފެހެއްޓުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫން ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. އަދާލަތު ޕާޓީ އިން ބުނީ، ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ގާނޫނީ މަންފާތައް ހަމަހަމަކަމާއެކު، ތަފާތު ކުރުމެއް ނެތި އެންމެންނަށް ވެސް ލިބެން ޖެހޭ ކަމަށެވެ.

"މިފަދަ ސިޔާސަތުތަކުގެ ސަބަބުން ގާބިލް އަންހެން ކަނބަލުންނަށް ކުރިއަރާ ދިޔުމުގެ ފުރުސަތު ހަނިވުމުގެ އިތުރުން ސިވިލް ސާވިސްގެ ތެރެއިން ގައުމާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ގާބިލް މުވައްޒަފުން މަދުވުމަށް މިކަމުން މަގުފަހިވޭ" ބަޔާނުގައި ބުނެފައިވެ އެވެ.