ގައުމީ ފުޓްބޯޅަ ޓީމުގެ ނަތީޖާތައް ދަށްވީ ކީއްވެގެންތޯ ބެލިއިރު ޓީމު އޮތީ ބޮއްސުންލާފައި ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ގައުމީ ޓީމުގެ ހާލަތު އެހާ ދަށަށް ދިޔައީ ކޯޗު ނިއުޒީލޭންޑްގެ ރިކީހާބަޓާއި މެނޭޖްމަންޓުގެ ސަބަބުތަކާހެދި ކަމަށެވެ. އަދި މިކަން އެނގުނީ ޓީމުގެ ނަތީޖާތައް ދަށްވެފައިވަނީ ކީއްވެތޯ ބެލުމަށް ހެދި ޓެކްނިކަލް ރިޕޯޓުން ކަމަށެވެ.
"އަޅުގަނޑު އަތުގައި މިހާރު އެބައޮތް އެ ރިޕޯޓް. އެކަމަކު އޭގެ ތެރެއިން މީޑިޔާ އަށް މި ހިއްސާކުރަނީ މިވަގުތަށް ހިއްސާކުރެވެންހުރި ކަންކަންތައް. މިތާ (އެފްއޭއެމުގެ) އެތެރޭގެ ވެސް ބައެއް ކަންތައްތައް މީގެ ތެރޭގައި ހިމެނޭތީވެ މި ރިޕޯޓްގެ ތަފްސީލަކަށް ނުދާނަން. އެކަމަކު ފާހަގަ ކުރެވުނު ކޯޗަށް ހުރިހާ ބާރެއް ދީފައި އޮތުމުން ކޯޗުގެ މައްސަލަތަކެއް ފާހަގަކުރެވިގެން ކުޅުންތެރިންނަށް އެވާހަކަ ދެން ދައްކަންވީ ފަރާތެއް ނެތި ކޯޗާ ވަރަށް ބޮޑު ގެޕެއް އުފެދިގެންދިޔަކަން ވެސް،" ކުރީގެ ގައުމީ ފޯވަޑް މިއަދު ވިދާޅުވި އެވެ.
ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެފްއޭއެމުގެ އެކިޑިޕާޓްމަންޓްތަކުން ލިބެންހުރި މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓުގައި ކޯޗު ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދާ ކަމަށާއި އަދި ޓެކްޓިކަލީ ކުޅުންތެރިންނަށް ބުނެދޭންވާ ކަންތައްތައް ވެސް ބުނެދީފައިނުވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ.
"ހާއްސަކޮށް މިލާން (ގައުމީ ޓީމަށް ގެނައި ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރު) އައި ހިސާބުން ފެށިގެން ވަރަށް ގިނަ ކަންކަން ގޯސްވެގެން ދިޔަކަމަށް ފާހަގަވެފައިވަނީ. އޭގެ ތެރޭގައި ޕްރެކްޓިސްގައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ނުކުރުމާއި އެސިސްތެންތް ކޯޗުންނާ ހިސާބަށް އެއްވެސް މައުލޫމާތެއް ނުގެންދިއުން ފާހަގަ ކުރެވޭ،" ޓޮމް ވިދާޅުވި އެވެ.
އިދިކޮޅު ޓީމު ރަނގަޅަށް ދެނެގަނެފައި ނުވުމާއި ކުޅުންތެރިންނަށް އެކި މެޗުތަކުގައި ހެދޭ ގޯސްތައް ރަނގަޅު ކުރަންވީ ގޮތް ކިޔާ ނުދިނުމާއި ކޯޗު އަތުގައި ހުރިހާ ބާރެއް އޮތުމުން ކުޅުންތެރިންނާއި ކޯޗުގެ ގުޅުން ކުޑަކަން ވެސް ފާހަގަވި. އަދި މެނޭޖަރަކަށް ވެސް ހުރީ ކޯޗަށްވުމުން ކުޅުންތެރިންނަށް ކޯޗުގެ ވާހަކަތައް ހިއްސާކުރާނެ ތިން ވަނަ މީހަކު ނެތުމުން ވަރަށް ބޮޑަށް ގެޕެއް އޮތް. ދެން އެފްއޭއެމުގެ ބައެއް ކަންތައްތައް ވެސް ގޮސްފައިހުރީ ގޯސްކޮށް،" ޓޮމް ވިދާޅުވި އެވެ.
ގައުމީ ޓީމުގެ ނަތީޖާތައް ދަށްވީ ކީއްވެތޯ ޓެކްނިކަލް ސްޓަޑީއެއް ހެދީ ކުރިމަގުގައި ކަންތައްތައް ރަނގަޅު ކުރުމަށް ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ. މި ގޮތުން ޓީމުގައި މެނޭޖަރަކު ހުރުމުގެ މުހިންމުކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިއުޒީލޭންޑަށް ވޯލްޑް ކަޕް 2010ގައި ކޯޗުކޮށްދިން ހާބަޓް ކޯޗުކަމުން ވަކިވިިއިރު އޭނާ އާއި އެސިސްޓެންޓް ކޯޗުންނާއި ބައެއް ކުޅުންތެރިންނާ ވެސް އޮތީ މައްސަލަ ގޯސްވެފަ އެވެ. ކުޅުންތެރިން ލައްވައި އޭނާ އަށް ތައުރީފްކުރުވައި މީޑިޔާ އަށް ވާހަކަ ދެއްކުން ފަދަ ކަންތައްތައް ކޮށްފައިވާއިރު ކޯޗަށް ފާޑުކިއުމުން މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންނާ ޒާތީ ގޮތުން ޖައްސާލި އެވެ. އަދި ފުރަތަމަ ކޮޅު ހުރިހާ ކުޅުންތެރިންނަށް އެއްހަމައަކުން ކަންތައްތައް ކުރަމުންދިޔަ ނަމަވެސް ފަހުން ކޯޗު ހުރީ ވަރަށް ބޮޑަށް ބައެެއް ކުޅުންތެރިންގެ ދަށުވެފަ އެވެ.
ޓީމުގެ ހުރިހާ އޮފިޝަލުންނާ ވެސް އޭނާއާ މައްސަލަ ޖެހުނެވެ. އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ޓީމުން އިސްތިއުފާދިނީ ކޯޗާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެންނެވެ. މީގެ ތެރެއިން މިހާރު އެފްއޭއެމުގެ އެކްސްކޯ މެމްބަރަކަށް ހުރި އައްސަދު ބުނެފައިވަނީ ދިވެހިންނަށް ކޯޗު އެއްގޮތަކަށްވެސް އިހްތިރާމް ނުކުރާ ކަމަށެވެ. އަސްލަމް ބުނީ ގޯލްކީޕަރު ޓްރޭނަރަކަށް އޭނާ ހުރުމުގެ އެއްވެސް ބޭނުމެއްް ނެތް ކަމަށާއި އޭނާ ބުނާ އެއްވެސް ގޮތެއް ނުހަދާއިރު ލަފައެއްވެސް ނުހޯދާ ކަމަށެވެ.