'ގެސްޓްހައުސް ކޮންފަރެންސް 2016' ގެ ނަމުގައި ގެސްޓްހައުސްތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ގެޓްއަވޭސްއިން އިންތިޒާމް ކޮށްގެން މި އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވިލާ ކޮލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއް ދުވަހުގެ މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ.
އެގޮތުން ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗީފް މާކެޓިން އޮފިސާ އިޒަބްލް ހަޖްރީ އަދި މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަނެވެ. އަދި މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ އެމްޑީ އަހްމީމް އަބްދުލް ރައްޒާގް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. މުހަންމަދު ސަނީ އުމަރެވެ.
މިއަދު ވި މި އެއްބަސްވުމާއި ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގަކީ އަބަދުވެސް ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އެ ފަރާތްތަކަށް ވެދެވެން އޮތް ދާއިރާއަކުން އެއްބާރުލުންދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރިއަކީ ރާއްޖޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ސިނާއަތަށް ވާއިރު އެފަދަ ވިޔަފާރިތަކަށް ކުރިއަރާނެ ފުރުސަތުތައް ޓެކްނޮލޮޖީގެ ތެރެއިންވެސް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމްޖާދް ވިދާޅުވިއެވެ.
"ދިރާގުން މިވަނީ ދާދިފަހުން ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައި، މިފަދަ ފުރުސަތުތައް ކުދި ވިޔަފާރިތަކަށް ހުޅުވާލުމަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތްކުރަން، އަދި މި ކޮންފަރެންސަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް މިފަދަ އެތައް ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ޕްލެޓްފޯމެއް ކަމަށް ދިރާގުން ގަބޫލުކުރާ ގަބޫލުކުރުމަކީ މި ކޮންފަރެންސެއްގައި ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވި އެންމެ ބޮޑު އެއް ސަބަބު،" އިމްޖާދް ވިދާޅުވި އެވެ.
ގެސްޓްހައުސް ކޮންފަރެންސަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ ވިޔަފާރިތައް ފުޅާކުރުމާއި ނެޓްވޯކިންގެ ފުރުސަތުތައް ހޯދޭނެ މަގެއް ގާއިމްކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ގެޓްއަވޭސް އިން އިންތިޒާމް ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި މިހާރުވެސް 120 އަށް ވުރެ ގިނަ ގެސްޓްހައުސްތަކުން ބައިވެރިވެފައިވާއިރު، ގެސްޓްހައުސް ތަކަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ގިނަ ކުންފުނިތަކަކުންނާއި ބޭރުގެ ޓްރެވަލް އެޖެންޓުން މިހާރުވެސް ބައިވެރިވަމުން އަންނަ ކަމަށް މޯލްޑިވްސް ގެޓް އަވޭސް އިން މައުލޫމާތުދެ އެވެ.