ފިނިޕޭޖް

ސްޓާ ވޯޒްގެ އާ ޕޯސްޓަރުގައި ރާއްޖޭގެ މަންޒަރުތައް

  • ޕޯސްޓަރު އާންމު ކުރީ ލަންޑަންގައި ބޭއްވި ޕްރޮމޯޝަން އިވެންޓްގައި
  • އެތައް ބައެއްގެ ސަމާލުކަން ރާއްޖެއަށް ވަނީ ހުއްޓިފައި
  • އާ ޓްރޭލާގައި ވެސް ރާއްޖޭގެ މަންޒަރުތައް ފެނޭ

ރާއްޖޭގައި ޝޫޓްކުރި ސްޓާ ވޯޒްގެ އާ ފިލްމް، "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" ފިލްމުގެ މުޅިން އާ ޕޯސްޓަރެއް އާންމުކޮށްފި އެވެ. މި ޕޯސްޓަރުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދެ އެވެ. ރާއްޖޭގެ ދޮންވެލި ގޮނޑުދޮށާއި ރީތި މޫދާއި ރަށްތަކުގެ މަލަމަތި އަދި އެ ރަށްތަކުގެ ފެހިކަން ނުހަނު ރީއްޗަށް ވެސް ދައްކުވައިދެ އެވެ.

ސްޓާ ވޯޒް ފިލްމްތައް ޕްރޮމޯޓް ކުރުމަށް މިއަދު ލަންޑަންގައި ބޭއްވި "ސްޓާ ވޯޒް ސެލަބަރޭޝަން" ހަފްލާގައި، އާންމު ކުރި މި ޕޯސްޓަރުން ފެންނަނީ، ރެބެލް އެލެއެންސް އާއި ގެލެކްޓިކް އެމްޕަޔާ ދެމެދު ރާއްޖޭގެ ގޮނޑުދޮށެއްގައި ވަރަށް ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނިކޮށެވެ. ގެލެކްޓިކް އެމްޕަޔާގެ ސިފައިން މޫދުން އަރައިގެން އައިސް، ރެބެލް އެލައަންސަށް ހަމަލާދޭ މަންޒަރު އިތުރަށް ފުރި ހަމަވެގެން ދަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާ އެކު އެ ޕޯސްޓަރުގައި ޖައްސާލަދޭ ހިތްފަސޭހަ ކުލަތަކުންނެވެ.

ސްޓޯ ވޯޒްގެ އާ ފިލްމްގެ މަންޒަރުތައް ނަގާފައި ވަނީ ލ އަތޮޅުގެ ބައެއް ސަރަހައްދުތަކާއި، އެ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ބަރެސްދޫގަ އެވެ. ޕޯސްޓަރުން ވެސް ދައްކުވައިދެނީ ގެސްޓްހައުސް ރަށެއްގެ ގޮތުގައި ތަރައްގީ ކުރާ ބަރެސްދޫ އެވެ.

މި ޕޯސްޓަރަށް އެތައް ބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ އިރު މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޕްރޮމޯޝަނަކަށް ވާނެ އެވެ.

މި ޕޯސްޓަރުގެ އިތުރުން ފިލްމް މޭކިން ވީޑިއޯއެއް ވެސް މިއަދުގެ ހަފްލާގައި އާންމު ކުރި އެވެ. ތިން މިނެޓްގެ މި ވީޑިއޯއިން ވެސް ރާއްޖޭގެ މަންޒަރުތައް ދައްކުވައިދެ އެވެ. މި ފިލްމް މި އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ނެރުމަށް ހަމަޖައްސާފައިވާއިރު މީގެކުރިން އާންމުކުރި ފިލްމްގެ ޓްރެއިލާގައި ވެސް ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެނެ އެވެ.

ފެލިސިޓީ ޖޯންސް އާއި މެޑްސް މިކެލްސަން އަދި ފޮރެސްޓް ވިޓެކާ ފަދަ ތަރިން ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ "ސްޓާ ވޯޒް" ގެ ސްޕިންއޮފް އެކެވެ. ފިލްމުގައި ދައްކުވައި ދޭނީ އެފަދަ ދެ ވަނައެއް ނެތް ނުރައްކާތެރި ހަތިޔާރު ޑެތު ސްޓާގެ ޕްލޭންތައް ނުވަތަ ކުރެހުންތައް ވަގަށް ނެގުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖާސޫސުންތަކެއް ގެލެކްޓިކް އެމްޕަޔާއާ ދެކޮޅަށް ހަރަކާތްތެރިވާ ގޮތެވެ.

ފިލްމުގައި ދައްކުވައިދޭ މި ހާދިސާތަކަކީ "އަ ނިއު ހޯޕް" އިން ފެނިގެން ދިޔަ ހާދިސާތައް ނިމުމަކަށް އަންނަތާ މާ ގިނަ ދުވަސްތަކެއް ނުވެ ހިނގާ ކުރިމަތިލުންތަކެކެވެ.

މި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ރާއްޖެ އައި ޓީމުން ވަނީ ފިލްމުގެ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ލ. ބަރެސްދޫގައި ޝޫޓްކޮށްފަ އެވެ. އެއީ މުޅިން ވެސް ހަނގުރާމައިގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ މަންޒަރުތަކެކެވެ. މި މަންޒަރުތަކުގައި ގިނަ އަދަދަކަށް ސްޓޯމްޓްރޫޕާސް ފެނިގެންދާއިރު އޭގެ ތެރޭގައި ދިވެހި ސިފައިން ވެސް ހިމެނޭ ކަމަށް ބުނެވެ އެވެ.

"ރޯގް ވަން" ޝޫޓްކޮށްފައި ވަނީ ރާއްޖެ އާއި އައިސްލޭންޑް އަދި އުރުދުންގެ އިތުރުން އިނގިރޭސި ވިލާތުގެ އެލްސްޓްރީ ސްޓޫޑިއޯސްގަ އެވެ.