ދުނިޔެ

އައިއެސް އިން އިރާގުގައި 45 މީހަކު އަންދާ މަރާލައިފި ކަމަށް ބުނެފި

އިސްލާމީ ޚިލާފަތެއް ކަމަށް އިއުލާނުކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިރާގުގެ އަލް ބަޣްދާދީ އަވަށުގައި 45 މީީހެއްގެ ގައިގައި އަލިފާން ޖަހައި މަރާލައިފި ކަމަށް އެ ސަރަހައްދުގެ ފުލުހުން ބުނެފި އެވެ.

ކާނަލް ގާސިމް އަލް އުބައިދީ ވިދާޅުވީ މަރާލާފައި ވަނީ ކޮން ބައެއްކަން އަދި ސާފު ނުވާ ކަމަށާއި އެކަމަކު އެއީ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ބަޔަކު ކަމަށް ބެލެވޭ ކަމަށެވެ. މިކަން ހިނގި ބަޣްދާދީ އަވަށަކީ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބައެއްގެ އާއިލާތަކާއި ސަރުކާރުގެ އޮފިޝަލުން ވެސް ގިނަ އަދަަކަށް އުޅޭ އައިން އަލް އަސަދު އެއާ ބޭސް ކައިރީގައި އޮންނަ ތަނަކެވެ. އެ ތަނަށް އަމާޒުކޮށް އައިއެސް އިން މިހާރު ވެސް ހަމަލާ ދެމުން އަންނަ ކަމަށް އުބައިދީ ވިދާޅުވި އެވެ.

އިރާގުގައި ގިނަ އަދަދެއްގެ ބަޔަކު ހުޅުޖަހައި މަރާލައިފި ކަމަށް ބުނެފައި ވާއިރު މި މަހު ކުރީކޮޅު އައިއެސް އިން ވަނީ އުރުދުންގެ ޕައިލެޓެއްގެ ގައިގައި ހުޅުޖަހައި މަރާލާ މަންޒަރުގެ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ބަޣްދާދީ އަވަށުގައި އަނިޔާވެރިކަމާ އެކު ބަަޔަކު މަރާލި ކަމަށް އިރާގު ފުލުހުން ބުނި އިރު އެ އަވަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ދިން ހަމަލާތަކަށް ފަހު ހިފައިފަ އެވެ. މިއީ އަންބާރް ޕްރޮވިންސްގެ އަވަށްތަށް އައިއެސް އާއި އިރާގުގެ ގަބީލާތަކުގެ ހަނގުރާމަވެރިން ގުޅިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހިފަން ފެށި ފަހުން އިރާގުގެ ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮތް މަދު އަވަށްތަކުގެ ތެރެއިން އެއް ތަނެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ މިއީ ހަލުވިކަމާ އެކު އެކި އަވަށްތައް ހިފަމުން ދިއުމަށް ފަހު އައިއެސް އަށް އިރާގުގެ އަވަށެއް ވަރަށް ގިނަ ދުވަހަށް ފަހު ހިފުން ކަމަށާއި އެކަމުން އެނގެނީ އައިއެސް ނިކަމެތިވަމުން ދިއުން ކަމަށެވެ. –ބީބީސީ