ޔޫރަޕްގައި ހުރި އެންމެ މުސްކުޅި މީހާގެ އުމުރުން 115 އަހަރުވީ އެވެ. އެމާ މޮރާނޯ ނަމަކަށް ކިޔާ މި އަންހެނާ އަކީ މުޅި ދުނިޔެ އަށް ބަލާއިރު ފަސް ވަނަ އަށް އެންމެ މުސްކުޅި މީހާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. އޭނާ ބުނަނީ މިހާ ގިނަ ދުވަހު ދުނިޔޭގައި ހުރެވޭ ފަދަ ސިއްހަތެއް ލިބުމުގެ ސިއްރަކީ އުމުރުގެ ބޮޑު ބައި ހުސްހަށިބައިކޮށް ހުރުމާއި ކޮންމެ ދުވަހަ ރޯ ބިސް ބުއިން ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި މޮރާނޯ ބުނެފައި ވަނީ އޭނާ ކޮންމެ ދުވަހަކު ކުކުޅު ބިސް ރޮލައި ބޯ ކަމަށާއި ތިން ބިސް ބޯލަން ކަމަށެވެ. މިގޮތަށް ކޮންމެ ދުވަހަކު ބިސް ބޯން ފެށީ ޓީން އޭގް ދުވަސްވަރު 1910 ހިސާބުގައި ކަމަށް ބުނެފައިިވެ އެވެ. މިކަން ފެށީ ހީމޮގްލޮބިން ދަށްވާތީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް މޮރާނޯ ބުނެ އެވެ.
މޮރާނޯ ވަނީ ކައިވެންޏެއް ކޮށްފަ އެވެ. އޭނާގެ ކައިވެނި 1938 ގައި ރޫޅުނު ފަހުން ދުވަހަކު ވެސް މީހަކާ ނުއިނދެ އުމުރުގެ ބޮޑު ބައި ހޭދަކޮށްފައި ވަނީ ހުށަހަށިބައިކޮށެވެ. މޮރާނޯ ބުނަނީ މިއީ ވެސް އުމުރު ދިގުވުމުގެ ސިއްރެއް ކަމަށެވެ.
"އެހެން މީހަކު އަހަރެންގެ ކަންކަން ކޮންޓްރޯލްކުރަން ދޫކޮށްލާކަށް ބޭނުމެއް ނޫން،" މޮރާނޯ ބުނެފައިވެ އެވެ.
އޭނާ ބުނަނީ ކައިވެންޏަށް ވަރަށް ގިނަ މީހުން ހުށަހެޅި ކަމަށާއި އެކަމަކު އެކަނި އުޅެން ބޭނުންވާތީ ކައިވެންޏެއް ބޭނުން ނުވީ ކަމަށެވެ. އިޓަލީ އަށް އުފަން މި މީހާ މިހާރު ވެސް އުޅެނީ ވަރަށް ކުޑަ އެޕާޓްމަންޓެއްގައި ވަރަށް އެކަނިވެރި ގޮތަކަށެވެ.
މި މީހާގެ ސިއްހަތު އާދައިގެ ގޮތެއްގައި ރަނގަޅެވެ. ގެއިން ބޭރަށް ނިކުމެ އުޅުން ވަރަށް މަދެވެ. ސިއްހީ ބޭނުމެއްގައި ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ޑޮކްޓަރުން ގެންނަނީ ގެޔަށެވެ. އޭނާގެ ރޯ ބިހާއި އެހެން ކާނާތައް ވެސް ގެޔަށް ގެނުވަނީ އެވެ.
މޮރާނޯ އުފަންވެފައި ވަނީ 1899 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ދިގު އުމުރުގެ ސިއްރަކީ ހުސްހަށިބައި ވުމާއި ރޯބިސް ކަަމަށް އޭނާ ބުންޏަސް މިއީ އުމުރު ދިގު މީހުންގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. މޮރާނޯގެ ދައްތައެއް 102 އަހަރު ދުނިޔޭގައި ހުއްޓެވެ. އެ އާއިލާގެ އެހެން މީހަކު 100 އަހަރާ ގާތްކުރާ އުމުރެއްގައި ވެސް މަރުވި އެވެ.