ވިޔަފާރި

އެމްޕީއެލް އިން އައްޑޫގައި ބޮޑެތި މަޝްރޫއުތަކެއް ފަށަނީ

  • ވިޔަފާރިތަކަށް 30 ޕަސެންޓް ކުރިއެރުން ލިބޭނެ
  • ފުވައްމުލަކަށް ފެންވަރު ރަނގަޅު ފެރީ ދަތުރުތަކެއް ފަށަނީ
  • އިތުރު އާ އެތައް ވަޒީފާއެއް އައްޑޫ އިން އުފެދޭނެ

އެމްޕީއެލް އިން އައްޑޫ ސިޓީ ހުޅުމީދޫގައި ސްލިޕްވޭއަކާއެކު އިތުރު ބިޔަ މަޝްރޫއު ތަކެއް ފަށާނެކަން އިއުލާންކޮށްފި އެވެ. މިއީ އެމްޕީއެލް އިން އައްޑޫގައި މިހާ ބޮޑެތި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

އައްޑު އަތޮޅުގައި އެކަހެރިކޮށް އޮތް ހުޅުދޫ އާއި މީދޫގައި ދަތުރުފަތުރުގެ ހިދުމަތް އިފްތިތާހު ކުރުމުގެ މުނާސަބަތުގައި ރޭ ހުޅުމީދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ހުޅުދޫ- މީދޫގެ ރަނގަޅު ސަރަހައްދަކުން ބިމެއް ކަނޑައަޅައި، ސްލިޕްވޭއެއް ގާއިމް ކުރާނެ ކަމަށެވެ. އަދި މީގެ އިތުރަށް ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ މީހުންނަށް ބޭނުންވާނެ ގިނަ ހިދުމަތްތައް ވެސް އެމްޕީއެލް އިން ވިޔަފާރީގެ ގޮތުގައި ފަށާނެ ކަމަށް ވެސް ސީއީއޯ ޖުނައިދު ވިދާޅުވި އެވެ.

"މިކަމަކީ އަޅުގަނޑު ވާހަކަ ދައްކަ ދައްކައި ހުންނާނެ ކަމެއް ނޫން. މިހާރުވެސް މަޝްވަރާކޮށްފައި އޮންނާނީ މިކަމާ ބެހޭ މައުލޫމާތު ހަމަ ލިބޭއިރަށް ކޮންފޯމްކޮށްފަ މަސައްކަތް ފަށާނަން. ދަތުރުފަތުގެ ނިޒާމެއް ފެށިގެންދާއިރު މިތަނަށް ރައްޔިތުން ޖަމާވާނެ، އެހެންވެ ރައްޔިތުންނަށްޓަކައި އަދި އަޅުގަނޑުމެންނަށްވެސް ފައިދާ ލިބޭ ގޮތަށް މި މަސް ތެރޭގައި މިތަނުގައި [މީދޫ ބަނދަރު ސަރަހައްދުގައި] ގައި ރެސްޓޯރެންޓެއް އަޅަން ފަށާނަން،" ޖުނައިދު ވިދާޅުވި އެވެ.

"މިއަކީ އަޅުގަނޑު މިރޭ މިތާގަ ހުރެގެން ޑިސައިޑްކުރި ކަމެއް ނޫން. އަޅުގަނޑު ހިސާބުތަކެއް ހަދާ ގެއްލުންވާނެކަން އެނގިހުރެ ފަށަން އުޅޭ ކަމެއް."

އޭނާ ވިދާޅުވީ މީގެ އިތުރުން ފުވައްމުލަކާއި އައްޑޫއާ ދެމެދު ފެންވަރު ރަނގަޅު އެއާކޯން ފެރީއެއް ބާއްވާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމީދޫއަށް ވަންނަން ކުރު މަގެއް ފަހިކުރުމުގެ ގޮތުން އިތުރު ނެރެއް ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނެރު ކެނޑުމުން ފުވައްމުލަކަށް ކުރާ ދަތުރުތަކުން 20 މިނެޓު އެބަކުޑަ ކޮށްދޭ. އެކަން ކުރުމަށް ބޭނުންވާ ސާވޭ ކުރާ ބޭފުޅާ މިހާރު ހުރީ އައްޑޫގައި. އެހެންވެ ސާވޭކޮށް ރިޕޯޓް ލިބުމާއެކު މަސައްކަތް ފެށޭނެ. މިނެރު ކެނޑުމުން ހަރަދު ކުޑަ ވެގެންދާނެ. މިނެރު ކެނޑުމުން ހުޅުމީދޫ ބަނދަރަކީ އެންމެ ހަލަބޮލިކަން ބޮޑު ނެރަކަށް ވާނެ،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ފުވައްމުލަކު-އައްޑޫ ދަތުރުފަތުރުގެ ސަބަބުން ވިޔަފާރިތަކަށް 30 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ވަޒީފާތައް ވެސް އިތުރުވެ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަން ވެސް ޖުނައިދު ފާހަގަ ކުރެއްވި އެވެ.

"ސަދަން ޓްރާންސްޕޯޓު ލިންކުން އޮޕަރޭޝަންގައި ހުޅުދޫ-މީދޫ އިން 30 އެއްހާ ވަޒީފާ އިތުރު ވެއްޖެ. އިތުރު ސްޓާފުން ނަގާނެ. މިރަށް ލިބޭނެ ތަަރައްގީއެއް މިއީ. ހަމަގައިމުވެސް ތިންލައްކައެއްހާ ރުފިޔާ އެބަ އަރާ،" ޖުނައިދު ވިދާޅުވި އެވެ.