ހަބަރު

ޕީޕީއެމްގެ މައްސަލަ އަނބުރާ ނުގެންގޮސް، ވަގުތީ އަމުރަކަށް އެދެނީ

ޕީޕީއެމްގެ ކައުންސިލްތަކާއި ގުނަވަންތައް ހުއްޓާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ތިން މަޖިލިސް މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރ ނުގެންގޮސް، ވަގުތީ އަމުރެއް ނެރެދިނުމަށް އެދެން ނިންމައިފި އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ރައީސް، މަޝްވަރާ މަޖިލީހެއް އެކުލަވާލައްވައި ޕާޓީގެ ހުރިހާ ގުނަވަންތަކެއް ސަސްޕެންޑްކޮށްފައިވާ މައްސަލަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދެވެ.

އެ މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ސިވިލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު ވިދާޅުވީ މައްސަލަ އަނބުރާ ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ވަގުތީ އަމުރަކަށް ވެސް ކޯޓްގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަގުތީ އަމުރުގައި އެދެނީ ވަކި މުއްދަތެއް ނެތް ގޮތަށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ހުއްޓުވާލުމާ ގުޅިގެން އެކަން އުވާލުމަށެވެ. އެ އަމުރަށް އެދުނު އިރު މައުމޫން ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ގުވަނަންތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ހުއްދަ ދެއްވައިފަ އެވެ.

މީގެކުރިން އެ މައްސަލަ އަނބުރާ ގެންދަން މައްސަލަ ހުށަހެޅުއްވި މެންބަރުން ނިންމެވި ނަމަވެސް ހަމަ އެ ދުވަހު ސިވިލް ކޯޓުން ވަނީ މައްސަލަ ބަލައިގަނެ، ޕީޕީއެމްއިން އެ މައްސަލާގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފަ އެވެ.