ވިޔަފާރި

ފުވައްމުލަކާއި އައްޑޫ އެއާކޯން ފެރީއަކުން ގުޅާލަނީ

  • ބޭނުންކުރާނީ ކަނޑަށް ގަދަ އުޅަނދެއް
  • ފެރީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
  • މި ހިދުމަތުން 30 ވަޒީފާ އުފެދޭނެ

ޏ. ފުވައްމުލަކުން: މުހައްމަދު އަފްރާހު

ފުވައްމުލަކާއި އައްޑޫއާ ދެމެދު ދަރުތުކުރަން އެއާކޯންޑިޝަން ކޮށްފައިވާ ފެންވަރު ރަނގަޅު ފެރީއެއްގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

ދެކުނުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްޕީއެލް އިން ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ފުވައްމުލަކާއި އައްޑޫއާ ދެމެދު ދަތުރުކުރަން ދޯންޏެއް ފަށާފައިވާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މިތަނަށް އަޅުގަނޑުމެން ގެންދާނަން އައްޑޫ- ފުވައްމުލަކާއި ދެމެދު އޭސީ ފެރީއެއް. އެ ފެރީ އޮންނާނީ ގަދަ ގަނޑަށް ވެސް އެކަށީގެންވާ ގޮތަށް ޑިޒައިން ކުރެވިފައި. ފުވައްމުލަކުގެ ރައްޔިތުންނަށް ކޮށްދޭ މިކަންތަކަކީ އެމްޕީއެލްގެ ކަމެއް ނޫން. އެމްޕީއެލްއާ ގުޅުމެއް ހުރި ކަމެއް ނޫން. ސީދާ ރައީސް ޔާމީން ބޭނުންފުޅުވެގެން ކުރާ ކަމެއް،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެރީ އާއި ބަހުގެ ހިދުމަތް ފެށުމާއެކު ފުވައްމުލަކުން ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ.

"މިކަން ފެށުމާއެކު މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ މި ރަށަށް ވަންނާނެ. ކުރިއަށް އޮތްތަނުގައި ވަޒީފާގެ ފުރުސަތުތައް ދާނީ އިތުރުވަމުން،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކުގައި ވެސް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށެވެ.

"މި ރަށުން ވަޒީފާތައް އިތުރުވެގެން ދާނީ. އަޅުގަނޑުމެން މަޝްވަރާކޮށްފައިވާނީ މި ހިދުމަތް ދިނުމުގެ ހަރަދު ކުޑަކުރަން މަޝްރޫއުތަކެއް ހިންގުމަށް،" ޖުނައިދު ވިދާޅުވި އެވެ.