ހަބަރު

ފުވައްމުލަކުގައި ބަހުގެ ހިދުމަތް އަލުން ފަށައިފި

  • ކުރިން ބަހުގެ ހިދުމަތް ދިނީ އެމްވީކޭއިން
  • މި ހިދުމަތުގައި ފެންވަރު ރަނގަޅު އުޅަނދު ބޭނުންކުރޭ
  • ހިދުމަތް މިވަގުތު ފެށީ ދެ ބަހުން

ޏ. ފުވައްމުލަކުން: މުހައްމަދު އަފްރާހު

އެމްވީކޭގެ ބަހުގެ ހިދުމަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ފަހުން އެމްޕީއެލް އިން މިހިދުމަތް އަލުން މިއަދު ފަށައިފި އެވެ.

އައްޑޫ - ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ދޭން އެމްޕީއެލްގެ ދަށުން އުފައްދާފައިވާ "ސަދަން ލިންކް" ކުންފުނީގެ މިހިދުމަތް މިއަދު ފައްޓަވައި ދެއްވީ ފުވައްމުލަކު ދޫޑިގަމްގަ އެވެ. ހިދުމަތް ރަސްމީކޮށް އަލުން ފައްޓަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު އެވެ.

މިރަސްމިއްޔާތުގެ ފުވައްމުލަކަށް ނިސްބަވްތާ ސަރުކާރު ތަމްސީލްކުރާ ބައެއް މަޖިލިސް މެންބަރުންނާއި ކައުންސިލްތަކުން ވެސް ބައިވެރިވި އެވެ.

އެމްޕީއެލް އިން ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފަށާފައިވަނީ މީހުންނާއި ލަގެޖު އުފުދޭ ގޮތަށް ފަރުމާކޮށްފައިވާ 32 މީހުންގެ ދެ ބަސް ބޭނުންކޮށްގެންނެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މިވަގުތު ދެ ބަސް ބޭނުންކޮށްގެން ބަހުގެ ހިދުމަތް ފެށިނަމަވެސް އިތުރު ބަސް ތަކެއް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އައްޑޫގައި މި ހިދުމަތް ދޭން ބޭނުންކުރާ 32 މީހުންގެ ޖާގައިގެ ބަހެއް ފުވައްމުލަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

"މީގެ އިތުރުން ސްކޫލް ކުދިން އުފުލަށް 15-17 މީހުންގެ ޖާގައިގެ ބަސްތަކެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން،" ޖުނައިދު ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް ފުވައްމުލަކުގައި ފުރަތަމަ ހަފުތާގައި ދޭނީ ހިލޭ އެވެ. އޭގެ ފަހުން ކޮންމެ ދަތުރަކަށް 10ރ. ނަގާނެ އެވެ.