މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

19 މިލިއަން ރުފިޔާގެ ގެއްލުން ފައިދާއަށް ބަދަލު ކުރާނަން: ޖުނައިދު

  • އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް އަޅާނެ
  • ގެއްލުން ފައިދާއަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި
  • މި ސަރަހައްދުގައި އިތުރު 150 ވަޒީފާ އުފެދޭނެ

ދެކުނުގެ ދަތުރުފަތުރު ފަށާއިރު އެމްޕީއެލް އަށް އަހަރެއްގެ މައްޗަށް 19 މިލިއަން ރުފިޔާގެ ގެއްލުންވީ ނަމަވެސް، އެ ގެއްލުން ފައިދާ އަށް ބަދަލުކުރެވޭނެ ޕްލޭންތައް އެބަހުރި ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމަށްފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ "ސަދަން ޓްރާންސްޕޯޓު ލިންކް" ން ފުވައްމުލަކު- އައްޑޫގައި ފެށި ދަތުރުފަތުރުން އަހަރަކު 19 މިލިއަން ރުފިޔާގެ ގެއްލުންވާނެކަން އެނގޭ ކަމަށާއި، އަދި އެ ގެއްލުން ކުޑަކުރާނެ ގޮތްވެސް ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ފަށަނީ 19 މިލިއަން ރުފިޔާގެ ގެއްލުމުގައި. އެހެންނަވެސް މާތްﷲ ގެ އިރާދަފުޅާ މިންވަރު ފުޅުން އޭތި އެއްކޮށް ޒީރޯ ކޮށްފައި ނޫނީ އަޅުގަނޑުމެންނަށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ސަދަން ޓްރާންސްޕޯޓް ލިންކް ހެދޭނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުންޏަށް ދެވޭނެ ކަމަށާއި، އެކަން ކުރުމަށް ޓޫރިޒަމްގައި ވިޔަފާރިކުރާނެ ކަމަށެވެ.

"މިކަމަކީ އައްޑޫ- ފުވައްމުލަކުގެ ރައްޔިތުންނަށް އެދިއެދި އޮތް ކަމެއް. އެކަން ކޮށްދެއްވުމަށް ހުދު ރައީސް ޔާމީން އެދިލެއްވި،" ޖުނައިދު ވިދާޅުވި އެވެ.

ގެއްލުން ކުޑަކުރަން އިތުރު ވިޔަފާރިތަކާ ދިމާލަށް!؟

އެމްޕީއެލް އިން އައްޑޫ- ފުވައްމުލަކުގައި ކުރާ ދަތުރުފަތުރުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވަނީ ތަފާތު ބިޒަންސް ތަކަށް ވަންނަން ނިންމާފަ އެވެ. މި ގޮތުން އައްޑޫގެ ރަށްތަކުގައިދޭ ބަހާއި ކަނޑުގެ ދަތުރުފަތުރުން ލިބޭ ގެއްލުން ކުޑަ ކުރުމަށް 100 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މަރަދޫ-ފޭދޫގައި ސްލިޕްވޭ އަކާއި ރެސްޓޯރެންޓެއް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސީއީއޯ ޖުނައިދު ވިދާޅުވީ ސްލިޕްވޭ އާއި ރެސްޓޯރެންޓަކީ ވެސް އެ ކުންފުންޏަށް ފައިދާވާނެ ވިޔަފާރިތައް ކަމަށެވެ.

"މިހާރު ހުޅުދޫ މީދޫގައި މައި މަރުކަޒު ހުންނަނީ ރަށާ ތަންކޮޅެއް ދުރުގައި. އެހެންވެ އެތަނަށް ގިނަ ބަޔަކު ޖަމާވާނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 100 އެނދުގެ ސިޓީ ހޮޓާ އެޅުމުން ލިބޭ ގެއްލުން ފޫބައްދައި، ފައިދާ ވެސް ވާނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވީ މި ހިދުމަތް އެންމެ ރަނގަޅަށް ފެށިގެން ދިއުމުން 150 ވަޒީފާގެ ފުރުސަތު މުޅިން އަލަށް އިތުރުވެގެންދާނެ ކަމަށެވެ.

"މިހާރު އައްޑޫ- ފުވައްމުލަކުގައި މިހާރު ވެސް 200 މުވައްޒަފުން ތިބޭނެ. މީގެ އިތުރުން ހަމައެކަނި ފުވައްމުލަކުގައި ވެސް 30 މުވައްޒަފުން ތިބޭނެ،" ޖުނައިދު ވިދާޅުވި އެވެ.