ބޭރު ކުޅިވަރު

ހިގުއައިން ގަތުމަށް ޔުވެންޓަސްއިން ހަތަރު ކުޅުންތެރިން ވިއްކާލަނީ

ނަޕޯލީގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަސް ހަތަރު ކުޅުންތެރިއަކު ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ފަށައިފި އެވެ.

އިޓަލީގެ ނޫސްތަކުން ބުނާގޮތުގައި އާޖެންޓީނާގެ ފޯވަޑް ހިގުއައިން ގަތުމަށް މަދުވެގެން 79 މިލިއަން ޕައުންޑް ބޭނުންވެ އެވެ. މި ފައިސާ ހޯދުމަށް ވިއްކާލަން ނިންމާފައިވާ ހަތަރު ކުޅުންތެރިންނަކީ ޑެނިއަލް ރުގާނީ އާއި ސިމިއޯނީ ޒަޒާ އާއި ރޮބާޓޯ ޕެރޭރާ އާއި މައުރީސިއޯ އިސްލާ އެވެ.

ޔުވެންޓަސްއިން ވަނީ މިދިޔަ މަހުގެ ތެރޭގައ އެ ޓީމުގެ ސްޕޭން ފޯވަޑް އަލްވާރޯ މޮރާޓާ ވެސް ވިއްކާލައިފަ އެވެ. އެއީ އޭނާ ގަތުމަށް ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް އިސްކަންދޭން ޖެހޭ އުސޫލުގެ ދަށުން މެޑްރިޑުން 23 މިލިއަން ހުށަހެޅުމުންނެވެ. ޒުވާން ފޯވަދް ޒަޒާ ވިއްކާލަން ޔުވެންޓަސް ކިޔާ އަގަކީ 20 މިލިއަން ޕައުންޑެވެ. އަދި ޒުވާން ޑިފެންޑަރު ރުގާނީ އަށް 15 މިލިއަން ޕައުންޑް ކަނޑައަޅާފައިވާއިރު ޕެރޭރާ ވިއްކާލަން ކިޔަނީ އަށް މިލިއަން ޕައުންޑަށެވެ.

މީގެ ތެރެއިން ރުގާނީ ގަތުމަށް އިނގިރޭސިވިލާތުގެ އެވަޓަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންގެ ބަދަލުގަ އެވެ. ސްޓޯން ގަތުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އުމުރުން މިހާރު 28 އަހަރުގެ ހިގުއައިން ވަނީ ހުސްވި ސީޒަނުގައި ކުޅުނު 35 މެޗުގައި 36 ގޯލު ޖަހާދީފަ އެވެ.