ބޭރު ކުޅިވަރު

ކޯޗު ވެންގާގެ މަގާމު ހޯދަން އޮންރީ ހިތްވަރުކުރަނީ

މިހާރުގެ ކޯޗު އާސެން ވެންގާ އޭނާ އެކުލަބުން ފޮނުވާލި ނަމަވެސް އާސެނަލް އަށް ކޯޗުކޮށްދިނުމަކީ އޭނާގެ ހުވަފަނެއް ކަމަށް ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ބުނެފި އެވެ.

ފްރާންސްގެ ފޯވަޑް އަދި އާސެނަލްގެ ތާރީހުގައި ވެސް އެކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ މިހެން ބުނީ ކޯޗު އާސެން ވެންގާއާ ދެމެދު ހިޔާލުތަފާތުވެގެން ކުލަބު ދޫކޮށްލަން ޖެހުމުންނެވެ.

ވެންގާގެ ކޯޗުކަމުގައި އާސެނަލްގައި ގިނަ ކާމިޔާބުތަކެއް ހޯދި އޮންރީއާ ދެމީހުން މައްސަލަ ޖެހުނީ ޓީވީ އެނަލިސްޓެއްގައި ގޮތުގައި އޮންރީ އާސެނަލްގެ ކުޅުންތެރިންނަށް ފާޑުކިޔާތީ އެވެ. މިހެންވެ ވެންގާ ވަނީ އާސެނަލް ކޯޗިން ޓީމުން އޮންރީ އަށް ދީފައިވާ ޖާގަ އަތުލަން ނިންމައިފަ އެވެ. އޭނާ އޮންރީ އަށް ދިނީ ދެ އޮޕްޝަނެކެވެ. އެއީ އާސެނަލްގެ 18 އަހަރުގެ ދަށުގެ ޓީމަށް ކޯޗުކޮށްދޭން ހުރުން ނުވަތަ ހަތަރު މިލިއަން ޕައުންޑް ލިބޭ ސްކައި ސްޕޯޓްސްގެ ޓީވީ އެނަލިސްޓަކަށް ދިއުމަށެވެ. މީގެ ތެރެއިން އޮންރީ ހިޔާރުކުރީ ޓީވީގައި މައްސަކަތް ކުރުމަށެވެ.

އާސެނަލްއާ ވަކިވި ފަހުން އޮންރީ ދަ ސަން އަށް ދިން އިންޓަވިއުގައި ބުނީ ވެންގާގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި އެއްވެސް މައްސަލައެއްނެތް ކަމަށެވެ.

"އަހަރެން އާސެނަލް އަށް ކޯޗުކޮށްދޭން ބޭނުމެއް ނޫނޭ ބުނެފިއްޔާ އެވާނީ ދޮގަކަށް. އެއީ އަހަރެންގެ ހުވަފެނެއް. އެކަމަކު މިވަގުތު އެއީ ވަރަށް ދުރުގައިވާ ކަމެއް. އަހަރެން ޖެހެނީ އޭގެ ކުރިން އަހަރެންގެ ކޯޗިން ބެޖްތައް ހަދައި އަހަރެންގެ އެކަމަށް ފުރިހަމައަށް ތައްޔާރުވާން. މިހާރު އާސެނަލްގައި އެކަން ކުރެވޭކަށްނެތް. ކޮންމެވެސް އެހެން ތަނެއްގައި އެކަން ކުރަން ޖެހިފައިމިވަނީ. އެކަަމަކު އަހަރެން އާސެނަލްގެ ކޯޗަކަށްވާން ބޭނުން،" އޮންރީ ބުންޏެވެ.

އޭނާ ބުނީ ވެންގާ ނިންމީ ކުލަބަށް އެންމެ ރަނގަޅު ގޮތް ކަމަށާއި މިވަގުތު ކޯޗިންގެ ހުނަރާއި މައުލޫމާތު ހޯދައި އޭނާ ތައްޔާރުވާނީ ކޯޗުކަން އަދާކުރެވޭފަދަ މީހަކަށްވާން ކަމަށެވެ.

އޮންރީ ދުރުކޮށް، އޭނާގެ މަގާމަށް އާސެނަލްއިން ގެންނަން ނިންމާފައިވަނީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޓޯނީ އެޑަމްސް އެވެ.