ގައުމީ ޓީމާއެކު ތައްޓެއް ހޯދިފައިނުވި ނަމަވެސ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ އަދިވެސް ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ ކަމަށް ބްރެޒިލްގެ ރޮނާލްޑޯނިއޯ ބުނެފި އެވެ.
އިންޑިޔާގައި ބާއްވާ ފުޓްސަލް މުބާރާތެއްގައި ވާދަކުރަން އެ ގައުމުގައި ހުރެ ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ މެސީ މޮޅު ކުޅުންތެރިޔާ އަށް ވަނީ ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ އަހަރަކުން އާޖެންޓީނާ ބަލިވުމުން މެސީ ވަނި މިދިޔަ މަހު ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. މިއާ ހިލާފަށް އޭނާއާ އެންމެ ވާދަކުރާ ޕޯޗުގަލް އާއި ރެއާލް މެޑްރިޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގައުމީ ޓީމާއެކު މިމަހުގެ ކުރީކޮޅު ޔޫރޯ ކާމިޔާބުކޮށްފަ އެވެ.
"ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އަހަރެންގެ ނަޒަރުގައި އަދިވެސް އެންމެ މޮޅު މެސީ. އޭނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެންގެ ހިތުގައި އޭނާ އަށް އޮތް އިހްތިރާމަށް ބަދަލެއްނާންނާނެ. އޭނާ ގައުމީ ޓީމަށް ނުކުޅެން ނިންމުމަކީ ފުޓްބޯޅަ އަށް އަންނާނެ ހުސްކަމެއް. ސަޕޯޓަރުން އޭނާގެ މަތިން ވަރަށް ހަނދާންވާނެ،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ރޮނާލްޑީނިއޯ ބުންޏެވެ.
މެސީ އާއި ރޮނާލްޑީނިއޯ އަކީ އެކުގައި ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ބާސެލޯނާގެ އެއިރުގެ ކޯޗު ފްރޭންކް ރައިކާޑް ގާތުގައި މެސީ ސީނިއާ ޓީމަށް ނަގައިދިނުމަށް އެދުނު ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑީނިއޯ ހިމެނެ އެވެ.
"އަހަރެން ބާސެލޯނާގައި މެސީ އަށް އެހީތެރިވެދިން އޭނާ މޮޅު މީހަކަށްވާން. އަހަރެން ކަންތައް ކުރި ފަދައިން މެސީ އެދަނީ (ބްރެޒިލްގެ) ނޭމާ އަށް ވެސް މަގު ދައްކައިދެމުން. މިއީ ވަރަށް ރަނގަޅު ކަމެއް. އެއީ ޖޫނިއާާ ކުޅުންތެރިންނަށް ސީނިއާ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާނެ. އަހަރެން ދެއްކި މަގުން ހިނގައި މެސީ އެދަނީ ނޭމާ އަށް މަގު ދައްކައިދެމުން. ބާސެލޯނާގައި ނޭމާ މިހާރު އެހުރީ ވަރަށް ބޮޑަށް ހޭނިފައި،" 36 އަހަރުގެ ރޮނާލްޑީނިއީ ބުންޏެވެ.