ބޭރު ކުޅިވަރު

ނިއުގެ ޔޫތު ޕްރެކްޓިސް ފަށައިފި. ކޯޗަކީ ލައްޗޭ

މި އަހަރު ފަހުކޮޅު ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކުރީގެ ކެޕްޓަން އާދަމް އަބުދުއްލަތީފް (ލައްޗޭ)ގެ ބެލުމުގެ ދަށުން ނިއުރޭޑިއަންޓް ޕްރެކްޓިސް ފަށައިފި އެވެ.

ނިއުގެ އޮފިޝަލަކު ބުނީ ފުރަތަމަ ހަފުތާއެއްހާ ދުވަހު އޮންނާނީ ޓީމަށް ކުޅުންތެރިން ނެގުން ކަމަށާއި ބައިވެރިވާން ބޭނުންވާ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި ނިއުގެ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވެސް ކުޅެވޭނެ އެވެ. އެއީ މި މުބާރާތަކީ 21 އަހަރުން ދަށުގެ ކުޅުންތެރިން ކުޅޭ މުބާރާތަކަށްވުމުންނެވެ.

މުބާރާތުގައި ނިއު އަށް ކޯޗުކޮށްދޭން ހަމަޖައްސާފައިވާ ލައްްޗޭ އަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ކުރީގެ މޮޅު ފޯވަޑެކެވެ. ނިއުގެ އިތުރުން އޭނާ ވަނީ ވެލެންސިއާ އާއި އައިއެފްސީގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.