ވިޔަފާރި

އެމްޕީއެލް އިން އައްޑޫގައި ޒަމާނީ ޓާމިނަލްއެއް އަޅަނީ

  • ޓާމިނަލް އަޅަނީ ސ.ފޭދޫގައި
  • މިތަނުގައި 20 ކޮޓަރި ހުރޭ
  • މީހުން ތިބޭނެ ލައުންޖެއް ހުރޭ

ދަތުރުފަތުރުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫގައި ބޮޑު ޓާމިނަލް އިމާރާތެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

"އަވަސް" އަށް އެމްޕީއެލް އިން ހިއްސާކޮށްފައިވާ އައްޑޫ ޓާމިނަލް ބިންޑިންގެ ކުރެހުމުގައިވާ ގޮތުން ސ.ފޭދޫ އަލަށް ހިއްކި ސަރަހައްދުގައި ތަރައްގީކުރާ ބިޔަ ޓާމިނަލް އިމާރާތް ފަރުމާކޮށްފައިވަނީ ތަފާތުކޮށް ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަކަށެވެ.

އައްޑޫ- ފުވައްމުލަކުގައި ދެމުން ގެންދާ ބަހާއި ފެރީގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ހަދާ މި ޓާމިނަލް އިމާރާތުގެ އެންމެ ތިރީ ބައި ހާއްސަކޮށްފައިވަނީ ފުރަން އަންނަ މީހުންނާއި ދާ މީހުންނަށް ހާއްސަ "އެރައިވަލް" އަދި "ޑިޕާޗާ ލައުންޖެއް" ހިމެނޭ ގޮތަށެވެ. މީގެ އިތުރުން މި ބައިގައި ފާހާނާ އާއި ނަމާދު ކުރާ ކޮޓަރިއެއްގެ އިތުރުން ފީޑިން ކޮޓަރިއެއް ވެސް ހުރެ އެވެ. އަދި ފުރަތަމަ ބުރީގައި އޭސީ އަދި ނޮން- އޭސީ ބައެއް ހިމެނޭ ގޮތަށް ކެފޭއެއް ހުރެ އެވެ. މި އިމާރާތުގެ ދެވަނަ ފަންގިފިލާގައި 20 ކޮޓަރި ވެސް ހުރެ އެވެ.

ފޭދޫގައި ހަދާ ޓާމިނަލް ސަރަހައްދުގައި އައްޑޫގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ވޯކްޝޮޕަކާއި ދޯނި ފަހަރު އެހެލަން ހާއްސަ ސްލިޕްވޭއެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްޕީއެލް އިން އައްޑޫގެ ގުޅިފައިވާ ރައްތަކަށް ބަހުގެ ހިދުމަތް ދެނީ 50 ގޮނޑީގެ އަށް ބަސް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ހުޅުމީދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 ގޮނޑީގެ ދެ ބަސް ބޭނުންކުރާއިރު ހުޅުމީދޫ އާއި އައްޑޫގެ އެހެން ރަށްތައް އަދި ފުވައްމުލަކު ގުޅުވައިދެނީ ފެރީ އާއި ސްޕީޑް ލޯންޗް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކާއި ދެމެދު އެއާކޯން ފެރީގެ ހިދުމަތް ފެށުމަށް ވެސް އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ.