އދ ގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، މރ. ތަމްރަތު ސެމިއުލް މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އަދި ސިޔާސީ ޕާޓީތަކާ އެކު މާދަމާ މަޝްވަރާތައް ފަށާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
މަޝްވަރާތަކުގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވާ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވީ، މާދަމާ މަޝްވަރާތައް ކުރިއަށް ދާނީ ލަނޑުދަޑިތަކެއް ކަނޑައަޅައިގެން ޓައިމްލައިންތަކަކަށް ކަމަށެވެ. މަޝްވަރާތައް ދާނީ އެއް މޭޒެއްގެ ދަށުގައި ތޯ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށް ދާނީ އދ ގެ މަންދޫބު ބޭނުން ކުރައްވާ "ޓެކްނީކެއް"ގެ ތެރެއިން ކަމަށާއި ހުރިހާ ޕާޓީތަކާ ވެސް މެދުވެރިއެއްގެ ހައިސިއްޔަތުން މަންދޫބު ވާހަކަ ދައްކަވާނެ ކަމަށެވެ.
"ޔޫއެން އިން ދޭ އެއްބާރުލުން އަޅުގަނޑުމެން ފާހަގަކުރަން، ސަރުކާރުން ބޭނުންވަނީ، މަޝްވަރާތަކަކީ ލަނޑުދަނޑިތަކެއް އެކަށައެޅި، ހާސިލްކުރެވޭނެ ގޮތަށް ބައްޓަންކުރެވިފައި އޮތް ގޮތަކަށް ޓައިމްލައިންތަކެއް ކަނޑައަޅައިގެން ކުރާ މަޝްވަރާތަކަކަށް ހެދުމަށް. ސަރުކާރުން ކުރިންވެސް ބުނެފައި އޮތް ގޮތަށް މަޝްވަރާތަކަށް އައިސްފައި މިވަނީ ސަރުކާރުގެ އެއްވެސް ޝަރުތަކާ ނުލާ، އެހެންވީމަ މާދަމާއިން ފެށިގެން މަޝްވަރާތައް އަނެއްކާވެސް ފައްޓާނެ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ، މަޝްވަރާ ކުރުމަށް ރާއްޖެ އައުމަށް ސިޔާސީ އެންމެހާ ލީޑަރުންނަށް ވެސް ގޮވާލައްވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި އެ ތިއްބަވާ ތަނުގައި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ދިވެހި ސަރުކާރަށް ގާއިމް ކޮށް ނުދެވޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އަދި މަޝްވަރާތަކުގައި ހިމެނޭ އެޖެންޑާއެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. ޝައިނީ ވިދާޅުވީ، މަޝްވަރާތައް ދާނީ ސިޔާސީ ޕާޓީތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ އެކުގައި ކަމަށާއި އިއްތިހާދު ކިޔާ ބަޔަކު ނުދަންނަ ކަމަށެވެ.
ޝައިނީ ވިދާޅުވީ ގައުމު ތަރައްގީ ކުރުމަށް ކުރަން ޖެހޭ ކަންކަމުގައި ދޫދީ އެއްބާރުލުން ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ، އިދިކޮޅު އިއްތިހާދޭ ކިޔާ ބަޔަކާއެކު މަޝްވަރާއެއް ނުފަށާ ކަމަށާއި މަޝްވަރާ ފެށީ ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީޕާޓީތަކާއެކު ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކަކަށް ނިސްބަތްވާ ބަޔަކު ވަކިން ފަރުދީގޮތުން ވަކި ގްރޫޕެއް ހަދައިގެން މަޝްވަރާގައި ބައިވެރިވާން ބޭނުންކަމަށް ބުނެ ވާހަކަ ދެއްކިއަސް އެއީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށެވެ.
"އިދިކޮޅު އިއްތިހާދޭ ކިޔާ ޕާޓީއެއް ނެތް ރާއްޖެއަކު، އަޅުގަނޑުމެން މަޝްވަރާ ކުރަނީ ޕާޓީތަކާއެކު، ތިޔަ ނަމެއް ކިޔާ ޕާޓީއެއް އައި ދުވަހަކުން އެކަމެއް ކުރެވޭނީ، ދެން މާހައުލެއް ގާއިމްކުރާ ވާހަކަ ދައްކާއިރު، މާހައުލެއް ގާއިމް ނުކުރެވޭނެ ދެއްތޮ އިނގިރޭސިވިލާތަކު، މަޝްވަރާއަށް ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އެފަދަ މާހައުލެއް ގާއިމްކޮށްދެވޭނީ ވެސް މިކޮޅަށް ވަޑައިގެންނެވުމުން ދެއްތޮ،" ޝައިނީ ވިދާޅުވި އެވެ. "މިއުޅެނީ ވަކި ވަކި މީހުންނާ ވާހަކަ ދައްކައިގެން ވަކި ވަކި މީހުންގެ ޑިމާންޑްތަކަށް އަޑު އަހައި މަޝްވަރާކުރާކަށް ނޫން، މި މަސައްކަތް ކުރަނީ. މިއީ ގައުމީ މަސްލަހަތެއް އޮވެގެން ގައުމުގައި އޮތް ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކެއް،"
ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ކުރުމަށް ކޮމަންވެލްތުން ބާރުއަޅުއްވާފައިވާ ވާހަކައަށް އިޝާރާތްކުރައްވައި ޝައިނީ ވިދާޅުވީ، ކޮމަންވެލްތުން އެ މައްސަލާގައި މަތިކުރި ކަންކަމަކީ ހަމައެކަނި ސަރުކާރަށް ނިސްބަތްވާ ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން މަޝްވަރާތައް ކުރިއަށް ނުގެންދެވިގެން ފިޔަވަޅު އަޅާނަމަ ފިޔަވަޅު އަޅާނީ ހަމައެކަނި ސަރުކާރަކަށް ނޫން ކަމަށާއި، އިދިކޮޅަށް އެކަމުގައި ޝާމިލުވާ އެހެން ފަރާތްތަކަށް ވެސް ފިޔަވަޅު އައިސްދާނެ ކަމަށެވެ.
"ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި މައްސަލާގަ ރާއްޖެއަށް ފިޔަވަޅު އަޅާނަމަ، އިދިކޮޅަސް އެއްކޮޅަސް މިކަމުގައި ހިމެނޭ އެހެން ފަރާތްތައް ވެސް ހިމެނޭނީ ރާއްޖޭގެ މީހުންގެ ގޮތުގައި. އެހެންވީމަ އެފަރާތްތަކަށް ވެސް ފިޔަވަޅު އައިސްދާނެ،" ޝައިނީ ވިދާޅުވި އެވެ.