ލިވަޕޫލްގެ އާކޯޗު ޔާގެން ކްލޮޕް އަންނަ ސީޒަނަށް ބޭނުންނުވާ ކުޅުންތެރިންގެ ލިސްޓުގައި ކެޕްޓަން ޖޯޑަން ހެންޑަސަން ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
ލިވަޕޫލްގެ ހަބަރުތައް ވަރަށް ގާތުން ބަލަމުން އަންނަ އިނގިރޭސި ނޫސްވެރިން ފާހަގަ ކުރާ ގޮތުގައި ކްލޮޕް ދޫކޮށްލަން ބޭނުންވާ އަށް ކުޅުންތެރިންގެ ތެރޭގައި ހެންޑަސަން ހިމެނެ އެވެ.
އާ ސީޒަނަށް ލިވަޕޫލް ވަރުގަދަ ކުރަން ކުުންތެރިން ގަންނަމުންދާއިރު މިހާތަނަށް ތިން ކުޅުންތެރިއަކު ވަނީ ކުލަބު ދޫކޮށްލައިފަ އެވެ. އެއީ ދެ ޑިފެންޑަރުން ކަމަށްވާ ކޯލޯ ޓޯރޯ އާއި މާޓިން ސްކާޓެލް އަދި ފޯވަޑް ޖޯޑަން އައިބޭ އެވެ. ކްލޮޕް ބޭނުންނުވާ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ މާރިއޯ ބަލޮޓެއްލީ އާއި ހެންޑަސަން އަދި ލޫކަސް އާއި ކްރިސްޓިއަން ބެންޓެކޭ ކަމަށްވެ އެވެ.
ޖޯއަލެން ޔޫރޯގައި ވޭލްސް ޓީމަށް މޮޅު ކުޅުމެއް ދައްކާފައިވާތީވެ އޭނާގެ ކުރިމަގާމެދު އަކި ވަކި ގޮތެއް ނުނިމެ އެވެ. ޔޫރީގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިޔާ އަށް ރަނގަޅު އަގެއް ލިބިއްޖެނަމަ އޭނާ ވިއްކާލަަން ކްލޮޕް ކުރިން ވަނީ ނިންމައިފަ އެވެ.
ކުޅުންތެރިންގެ ނަން ނުބުނެ ކްލޮޕް މި ހަފުތާގައި ބުނެފައިބަނީ ޓީމުގެ ފުރަތަމަ 11އިން ފުރުސަތު ނުލިބޭނަމަ ޓީމުގައި މަޑުކުރުމުގެ މާނައެއް ނެތް ކަމަށެވެ.
"ކުޅެން ފުރުސަތު ނުލިބެންޏާ ޓީމުގައި މަޑުކުރުމުގެ އެއްވެސް މާނައެއްނެތް. އެކުޅުންތެރިއަކަށް އެންމެ ރަނގަޅުވާނީ އެހެން ކުލަބަކަށް ދިއުން،" މިދިޔަ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ކްލޮޕް ބުނެފައިވެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ލިވަޕޫލަށް ގެނައި ހެންޑަސަން އަށް އެކުލަބުގެ ކެޕްޓަންކަން ލިބުނީ މިދިޔަ އަހަރު އެވެ. އެއީ ކެޕްޓަން ސްޓީވަން ޖެރާޑް ޓީމު ދޫކޮށްލުމުންނެވެ. ނަމަވެސް ކްލޮޕް ޓީމާ ހަވާލުވި ފަހުން ހެންޑަސަން އަށް ފުލްކޮށް ގިނަ މެޗުގައި ކުޅޭ ކުޅުންތެރިއެއްނޫނެވެ.
އާ ސީޒަނަށް ލިވަޕޫލަށް މިހާތަނަށް ވަނީ ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އިތުރު ކުޅުންތެރިން ގެނައުމަށް ވެސް ކޯޗު ދަނީ ބަލަމުންނެވެ.