ބޭރު ކުޅިވަރު

ޕޮގްބާ އަށް ޝައުގުވެރިވަން. އެކަމަކު ގެނެވޭކަށް ނެތް: ޒިދާން

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އޭނާ ޝައުގުވެރިވި ނަމަވެސް ސްކޮޑް ވަރުގަދަވުމުން އޭނާ ގެނެވެން ނެތީ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޕޮގްބާ އަކީ 100 މިލިއަން ޕައުންޑަށް ވެސް ގަތުމަށް ރެއާލްއިން ޝައުގުވެރިކަން ފާޅުކުރި ކުޅުންތެރިއެވެ. ޔުވެންޓަސްއިން އޭނާ ގަތުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑް އެކަނިވީ ރެއާލް ދޫކޮށްލުމުންނެވެ.

"އެއްވެސް ޝައްކެތްނެތް އަހަރެން ޝައުގުވެރިވާ ކުޅުންތެރިއެއް އެއީ. އެކަމަކު މި ޓީމު އިތުރަށް ވަރުގަދަ ކުރެވޭކަށް ނެތް. އަހަރުމެންގެ މި އޮތީ ވަރަށް ހުނަރުވެރި ބޮޑު ސްކޮޑެއް،" ޒިދާން ބުންޏެވެ.

ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޒިދާން ބުނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު އޭނާ ރެއާލް މެޑްރިޑަށް ހޯދައިދިން އިރަށްވުރެ ވެސް މިހާރުގެ ޓީމު ވަރުގަދަ ކަމަށެވެ.

"އަލްވާރޯ މޮރާޓާ އަކީ މި ޓީމަށް އިތުރުވާ ކުޅުންތެރިއެއް. އޭނާ އަކީ އަހަރުމެންގެ އެކަޑަމީން ގްރެޖުއޭޓްވި ކުޅުންތެރިއެއް. މިހެންވީމަ ވެސް ޓީމު ވަރުގަދަވޭ. އަހަރެން ޔަގީންކަމެއް ނުދޭނަން ހާމޭސް ރޮޑްރިގޭޒް ފުރަތަމަ 11ގައި ކުޅޭނެކަން. އެކަމަކު އޭނާ އަކީ ވެސް ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް،" ޒިދާން ބުންޏެވެ.

ރެއާލްގެ ތަރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް އަދި ޕެޕޭ އާއި މާސެލޯގެ އިތުރުން ކަރީމް ބެންޒެމާ އާއި ކެޕްޓަން ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިން އެބަތިއްބެވެ.