އަވަސް ވީކެންޑް

ފިރާގުގެ ދާރުލްއާސާރުން، ލޯތްބާއެކު: އައްޑޫގެ ތާރީހު ޓޯކިޔޯގެ ކޮޓަރިއަކުން

އޭނާއަކީ އައްޑޫގައި ހުރި އެންމެ އަގު ބޮޑު އަދި މުއްސަދި މީހާއޭ ވެސް ބުނެވިދާނެ އެވެ. އޭނާގެ މަސައްކަތުން އެދަނީ ރާއްޖޭގެ ތާރީހު ހިމާޔަތް ކޮށްދެމުންނެވެ. އައްޑޫގެ މުއްސަނދި ސަގާފަތުގެ "ހާއްސަކަން" ދައްކަމުންނެވެ. މި މަސައްކަތް ކުރަނީ އޭނާ ގޭގެ ކޮޓަރިއެއްގައި ހަދާފައިވާ ކުޑަކުޑަ "ދާރުލްއާސާރަކުން" ނެވެ. މިއީ ސ. ހިތަދޫ ޓޯކިޔޯ ވިލާ، އިބްރާހިމް ފިރާގު އެވެ.

"ތާރީހީ އެއްޗިހި އެއްކުރަން ފެށުނީ މާލޭގައި އުޅުނުއިރު ޓޫރިސްޓު ޝޮޕްތަކުގައި ހުރި އެއްޗިހި ފެނިގެން. ގެސްޓުން އެއްޗިހި ގަންނާތީ ފެނޭ އެހެންވެ ޝަގުވެރިކަން އުފެދުނީ. އަޅުގަނޑު ހިތައް އެރީ ބޭރު މީހުން ރާއްޖޭގެ ތާރީހީ އެއްޗިހި ގަނެގެން ނުގެންގޮސް ފެންނާނެ ގޮތަކަށް ހުންނަމަ ގިނަ ބަޔަކަށް ފެންނާނެއޭ،" ސ. ޓޯކިޔޯ ވިލާގޭގައި ހަދާފައިވާ ކުޑަ "ދާރުލްއާސާރުގައި" ހުރެ "އަވަސް" އަށް އިންޓަވިއު ދެމުން ފިރާގު ކިޔައިދިނެވެ.

ހިތަދޫގައި ހުންނަ ފިރާގުގެ ގޭގައި ހަދާފައިވާ މި ދާރުލްއާސާރުގައި ޝައުގުވެރި އެތައް ސާމާނެއް އެބަހުއްޓެވެ. އެ ތަނުގައި އައްޑޫގެ ޒަމާންވީ ތާރީހު ވަރަށް ރީތިކޮށް ފެންނަން އެބަހުއްޓެވެ. އެކަމަކު މިކަން އެނގެނީ މަދު ބަޔަކަށެވެ. އެތަން ވަނީ ފޮރުވިފަ އެވެ. މިތަނުގައި ހުރި ހާއްސަ ބައެއް ސާމާނުގެ ތެރޭގައި އިނގިރޭސިން އައްޑޫގައި ތިބި ދުވަސްވަރު ގޮލްފް ކުޅެއް ބޭނުންކުރި ބެޓެއް ހިމެނެ އެވެ. ހަމަޔަގީނުންވެސް މީގެ ބެޓެއް އިނގިރޭސި ދާރުލްއާސާރަކުން ނޫނީ ނުފެންނާނެ އެވެ. މީގެ އިތުރުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު އެމީހުންގެ ވައިގެ ސިފައިންނާއި ކަނޑު ބޯޓު ފަހަރަށް ވާހަކަ ދައްކަން ބޭނުންކުރި "ރޭޑިޔޯސެޓް" ވެސް މި ކޮޓަރީގެ ތެރޭގަ އެބަ ހުއްޓެވެ. އަދި އިގިރޭސިންގެ އަގު ބޮޑު ފައިސާ ފޮތިތަކާއި ކުރީގެ ރަސްރަސްކަލުންގެ ޒަމާނުގައި އެ މީހުން ބޭނުންކުރި ބައެއް ސާމާނުތަކާއި އިހުޒަމާނުގެ ފައިސާ ވެސް އޭނާ މި ވަނީ ރައްކާ ކޮށްފަ އެވެ.

މި ދާރުލްއާސާރު ވެގެން ގޮސްފައިވަނީ އައްޑޫގެ އަމިއްލަ އުފެއްދުންތައް އެއް ތަނަކުން ފެންނާނެ ހަމައެކަނި ތަނުގެ ގޮތުގަ އެވެ. މި ތަނުގައި ހުރި ތަކެތީގެ ތެރޭގައި އައްޑޫގައި އުފައްދާފައިވާ އަތުބުރުމާ "ފޮނު ވަތް" އަދި ކުރީގެ އޮޑި ފަހަރުގެ މުލަކާއި މަލާފަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން ގުޑުގުޑާ ވެސް ހިމެނެ އެވެ. އަދި މިހާރުގެ އަގުން ނަމަ ތިން ލައްކަ ރުފިޔާގެ އަގު ބޮޑު ލޮއި "ކުރަނޑި" އެއްވެސް މި ދާރުލްއާސާރުގައި ރައްކާތެރި ކަމާ އެކު އެބަ ހުއްޓެވެ.

"އަޅުގަނޑުމެން [އައްޑޫ ރައްޔިތުން]ނަކީ ކުރިން ތެލި ތަށި ވެސް އަމިއްލައަށް ތައްޔާރުކޮށްގެން އުޅުނު ބައެއް. އެކަމަކު އިނގިރޭސިން އައިފަހުން އެކަންތައް ހުއްޓުނީ. އޭރު ގެންގުޅެނީ ލަކުޑި ފޮށި. ނަމަވެސް ސޫޓު ކޭސް ކަހަލަ އެއްޗިހި ފެނުނީމަ ލަކުޑި ފޮށި ދޫކޮށްލީ. އެފަދަ ގިނަ އެއްޗިހި އެބަހުރި،" ފިރާގު އެއްކޮށްފައިވާ ތާރީހީ ގިނަ ތަކެތި ދައްކާލަމުން ބުންޏެވެ.

ފިރާގު ދަނީ އައްޑޫގެ ތާރީހު ހިމާޔަތް ކުރުމުގެ ގޮތުން ބޮޑެތި ހޭދަ ތަކެއް ވެސް ކުރަމުންނެވެ. މީގެ އިތުރުން އޭނާ އަމިއްލަ ޝައުގުވެރިކަމުގައި ތާރީހާ ގުޅޭ ގިނަ އަދަދެއްގެ ތަކެތި ރާއްޖޭގެ އެ ތަން މިތަނުން ގެނެސް ވަނީ އަމިއްލަ ދާރުލްއާސާރަށް ޖަމާކޮށްފަ އެވެ.

އޭނާ ވަނީ އައްޑޫގެ ތާރީހުން ގެއްލިގެން ވީރާނާވަމުން ދިޔަ ގިނަ ސާމާނު ރައްކާކޮށްފަ އެވެ. މިގޮތުން ފެބްރުއަރީ 7، އާ ގުޅިގެން އައްޑޫގައި ހިނގި ހުޅު ޖެހުމުގެ ހާދިސާތަކުގެ ތެރެއިން ހަލާކުވި އިމާރާތްތަކުގެ ތެރެއިން ފެނުނު ތާރީހީ ބައެއް ތަކެތި އޭނާ ވަނީ މިހާރު ގެނެސް ރައްކާކޮށްފަ އެވެ. މި ހުރިހާ އެއްޗެއް އެއްކޮށްލުމުން މި ސާމާނުތަކުގެ އަގު، އެތައް ލައްކަ ރުފިޔާއަކުން އަގު ކުރެވޭނެ އެވެ.

ފިރާގު ބުނި ގޮތުގައި އަލިފާނުގެ ހާދިސާގައި ހިނގިއިރު ތާރީހީ ސާމާނު ބަހައްޓާފައި ހުރީ "އައްޑޫ ކަލްޗަރަލް ސެންޓަރު" ގަ އެވެ. އަދި އެތަނުގައިވެސް ބަޔަކު ރޯކޮށްލާފައިވާ ކަމަށް އަސަރާއެކު އޭނާ ބުންޏެވެ.

"އަލިފާނުގެ ސަބަބުން 150 އަހަރުވީ ކޮށާރެއް ވެސް އަނގައިގެން ދިޔަ. މިހާރު އެ ހެދި މީހާ ވެސް ނެތް. އެ އަނދައިގެން ދިޔައިރު ބޮޑެތި ތެލިތައް ވެސް އަނދައިގެން ދިޔަ. ލޯ އެއްޗިހި ވަގަށް ގެންދިޔައީ،" ފިރާގު ބުންޏެވެ.

މި ހާދިސާއާއެކު އޭނާގެ ފިކުރު ވަނީ ތާރީހީ ސާމާނު ރައްކާ ކުރުމަށް މުޅިން ތަފާތު ވިސްނުމަކަށް ބަދަލުވެފަ އެވެ. ފިރާގުގެ ވިސްނުން ހުރީ ގޭގެ ކޮޓަރިއެއްގައި ހުރި ދާރުލްއާސާރު ފުރިހަމަ ތަނަކަށް ހެދުމަށެވެ. ބޭނުމަކީ ތާރީހީ ހަގީގަތްތައް ގިނަ ބަޔަކަށް ފެންނާނެ ގޮތް ހެދުމެވެ.

"ވަރަށް ގިނަ ސްކޫލް ކުދިން ވެސް އުޅޭ މި ތަން ބަލަން. އެކަމަކު މިތަން ހުރި ގޮތުން އެ ވަރަށް ނޫޅެވެނީ އަޅުގަނޑަށް،" ގޭގެ ކުޑަ ކޮޓަރިއެއްގައި ހަދާފައިވާ ދާރުލްއާސާރުގައި ހުރެ ފިރާގު ބުންޏެވެ.

ދާރުލްއާސާރެއް ހުޅުވައިގެން ރަނގަޅު އާމްދަނީ އެއް ހޯދޭނެ ގޮތް ފިރާގަށް އަށް އެނގެ އެވެ. ނަމަވެސް އެ ކަމަށް އިތުރު އިންވެސްޓްމަންޓް އޭނާ ބޭނުންވެ އެވެ.

"ތަކެތި ބަހައްޓައިގެން އެ ޑިސްޕްލޭކުރެވިގެން އާމްދަނީ ހޯދޭނީ. އޭރުން ގިނަ ބަޔަކަށް ފެންނާނެ ގޮތް ހެދިދާނެ. އޭރުން ހަގީގަތުގައި ފައިދާ ނެގޭނީ،" ފިރާގު ބުންޏެވެ.

ފިރާގުގެ ދާރުލްއާސާދުގައި ހަމައެކަނި ހުރީ އައްޑޫގެ ތާރީހީ ސާމާނު އެކަންޏެއް ނޫނެވެ. އެ ތަނުގައި ދުނިޔޭގެ ބާޒާރުގައި ނީލަން ކިޔާ އަގު ބޮޑެތި ތަކެތި ވެސް އެބަހުއްޓެވެ. މީގެތެރޭގައި 1960 ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދިި މަޝްހޫރު "ބީޓްލްސް" އާއި 1970 ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދި "އަބާ" ބޭންޑުގެ ލަވަ ހޮޅިތައް ވެސް ހިމެނެ އެވެ.

"މިއީ އިނގިރޭސިން އައްޑޫގައި ތިބިއިރު އެމީހުން ލަވަ އަޑު އަހަން ގެނެސްފައި ހުރި ތަކެތި. މި މިހާރު ވިއްކަން ވެސް ނުލިބޭނެ. ތާރީހީ އެއްޗެއްގެ ގޮތުން މި ބަހައްޓާފައި ހުރީ،" ލަވަ ހޮޅިން ލަވަ ޖަހަން ބޭނުންކުރާ ސެޓާއެކު ދައްކާލަމުން ފިރާގު ބުންޏެވެ.

ތާރީހުގެ ގިނަ ސާމާނު އެއްކުރުމުގެ އިތުރުން ފިރާގުގެ ޝައުގުވެރިކަމުގައި ތާރީހު ދިރާސާ ކުރުން ވެސް ހިމެނެ އެވެ. އެ މަސައްކަތް ވެސް އޭނާ ކުރެ އެވެ. ކޮންމެއަކަސް ފިރާގުގެ މި މަސައްކަތުން މި ޒަމާނުގެ ޖީލަށް މިވަނީ ތާރީހީ ގިނަ ހަގީގަތް ތަކެއް ދައްކާލަން ބަހައްޓާފަ އެވެ. އޭނާގެ އުންމީދަކީ ކުޑަ ނަމަވެސް ތަނަވަސް ދާރުލްއާސާގެ ހަދައި، އެ ތަކެތި އެކަށީގެންވާ ގޮތެއްގައި އާންމުންނަށް ފެންނާނެ ގޮތް ހެދުމެވެ.