ފިނިޕޭޖް

ޔޫއްޕެ މިފަހަރު ނިކުންނަނީ އެންމެން ހެއްވާލަން!

ދިވެހި ފިލްމް އިންޑަސްޓްރީއަށް މިއީ މުޅިން އެހެން ކަހަލައެއްގެ މޫސުމެއް އައިސްފައިވާ ދުވަސްކޮޅެކެވެ. ކޮންމެ މީހަކު ވެސް އަމާޒު ހިފާފައިމިހުރީ އާ ވައްތަރެއްގެ ފިލްމެއް ހެދުމަށެވެ. ބެލުންތެރިންގެ ޑިމާންޑަކީ ވެސް އެއީ އެވެ. ސިނަމާ ތެރޭގައި ރޮއްވާލަން އެންމެ މޮޅުވާނީ ފާތިމަތު ނަހުލާ އެވެ. ހިތާމަވެރި ފިލްމަކީ ނަހުލާގެ ސްޓައިލެވެ. ނަމަވެސް ނަހުލާ މިހާރު ވަނީ މުޅިން އާ ގޮތަކަށް ބެލުންތެރިންނަށް ފެންނަން ތައްޔާރުވެފަ އެވެ. ބިރުވެރި ފިލްމަކާއެކު އެވެ. 4426 އާ އެކު އެވެ.

ނަހުލާ ބިރުވެރި ފިލްމެއް ހިފައިގެން ސިނަމާއަށް ދާން ތައްޔާރުވަމުންދާއިރު ލޯބީގެ ޑްރާމާތައް ހެދުމުގައި އަވަދި ނެތި އުޅުނު ޔާރާ ޕްރޮޑަކްޝަނުން ވެސް މިވަނީ ތަފާތު ދިމާލަކަށް މިސްރާބު ޖަހާފަ އެވެ. "ވިޝްކާ"ގެ ނަމުގައި ޔާރާ ޕްރޮޑަކްޝަނުން މިފަހަރު ގެނެސްދެނީ ތްރިލްޑް ފިލްމެކެވެ.

ދެން ވެސް ދައްކަން މި އުޅެނީ ތަފާތުވާނެ ފިލްމެއްގެ ވާހަކަ އެވެ. އެއީ، "ބައިވެރިޔާ" އެވެ. ފިލްމްގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ ނެރެފަ އެވެ. މި ފިލްމަކީ މަޝްހޫރު ބަތަލް ޔޫސުފް ސަފީއު ޑައިރެކްޓްކުރާ ފިލްމެކެވެ. ޔޫއްޕެއަކީ ތަފާތު ފިލްމެއްތަކެއް ޑައިރެކްޓްކޮށްފައިވާ ފަންނާނެއް ނަމަވެސް "ބައިވެރިޔާ" ހާއްސަވެ އެވެ. މިއީ ކޮމެޑީ ފިލްމެކެވެ. މިހާތަނަށް ޔޫއްޕެ ކޮމެޑީ ފިލްމެއް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ. އެހެންކަމުން މިއީ ޔޫއްޕެއަށް މުޅިން އާ ތަޖުރިބާއެކެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ މި ފިލްމް ޕްރޮޑިއުސްކުރަނީ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީއުގެ އެންވިޝަން އެންޓަޓައިންމަންޓުންނެވެ. އެންވިޝަން އެންޓަޓައިންމަންޓުން މީގެކުރިން "އިންސާފު" އާއި "24 ގަޑިއިރު" ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވެ އެވެ.

މި ފިލްމުން ޔޫއްޕެ ވެސް ފެނިގެންދާނެ އެވެ. ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެން ދާނީ މަލީހާ ވަހީދެވެ. އޭގެ އިތުރުން ޝީލާ ނަޖީބާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލާއި ނާޝިދާ މުހައްމަދާއި އަހުމަދު އަޒްމީލާއި އަހުމަދު ސުނީ އަދި ހުސެން ޝިބާއު މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ފިލްމްގެ މުހިންމު ރޯލަކުން ފެނިގެންދާ އަދި ފިލްމްގެ ޕްރޮޑަކްޝަން މެނޭޖަރު އަހުމަދު ސައީދު ބުނީ، މި ފިލްމަކީ އޭނާ ވެސް ތަފާތު ތަޖުރިބާކުރި ފިލްމެއް ކަމަށެވެ. މިފަދަ ކޮމެޑީ ރޯލެއް ކުޅުނު މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ބުންޏެވެ. ފިލްމްގައި ހެއްވާ މަޖާ އެއްތައް ކަމެއް ފެނިގެންދާނެ ކަމަށް ވެސް ސައީދު ބުންޏެވެ.

ސައީދު ބުނީ، ފިލްމުގައި ފެނިގެންދާނީ ތިން ރަހުމަތްތެރިންނަށް ދިމާވާ މަޖާ ހާދިސާތަކެއް ކަމަށެވެ. މި ފިލްމަކީ އާއިލާއާއެކު ގޮސް ބަލައިލެވޭނެ ފިލްމެއް ކަމަށް ސައީދު ބުންޏެވެ.

އަންނަ މަހު މި ފިލްމްގެ އޮފިޝަލް ޓްރެއިލާ ލޯންޗުކުރުމުގެ ތައްޔާރީތައް ކުރަމުންދާއިރު، ފިލްމް އަންނަ ސެޕްޓެމްބަރު އަޅުވާނެ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް އަދި ތާރީހު ފައިނަލެއް ނުވެ އެވެ.