ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ)ގެ ރައީސް ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެއީ މިހާރުގެ ވަގުތީ ރައީސް އެންޖެލް މާރިއާ ވިލާ އާއި ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މައިކަލް ވޭންޕްރާގް އަދި ސްލޮވީނިއާ އެފްއޭގެ ރައީސް އެލެގްޒެންޑާ ކެފެރިން އެވެ.
ޔޫއޭފާގެ ރައީސަކު ހޮވަން އިންތިހާބު ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 14ގަ އެވެ.
އެ ޖަމާއަތުގެ ރައީސްކަން ހުސްވީ އެ މަގާމުގައި ހުންނެވި މިޝޭލް ޕްލެޓިނީ ކޮރަޕްޝަނުގެ ތުހުމަތުގައި ފުޓްބޯޅައިން ހަތަރު އަހަރަށް ސަސްޕެންޑްކުރި މައްސަލަ އިސްތިއުނާފު ކުރުމުން ވެސް އޭނާ އަށް ނާކާމިޔާބުވުމުންނެވެ. ޕްލެޓިނީ އިސްތިއުފާ ދެއްވަން ނިންމެވީ ވެސް މި މައްސަލާގައި ނާކާމިޔާބުވެވަޑައިގަތުމުންނެވެ.
ޕްލެޓިނީ ސަސްޕެންޑްކުރީ ނާޖާއިޒު ގޮތެއްގައި ފީފާގެ ކުރީގެ ރައީސް ސެޕް ބެލްޓާ ދެއްވި 1.5 މިލިއަން ޕައުންޑްގެ މައްސަލަ ފީފާގެ އެތިކްސް ކޮމިޓީން ތަހުގީގުކޮށް އެއީ ކޮރަޕްޝަން ކަމަށް ނިންމުމުންނެވެ. މި މައްސަލާގައި މި ދެ ބޭފުޅުން ގޯސް ކަމެއް ކޮށްފައިނުވާ ކަމަށް އިންކާރު ކުރި ނަމަވެސް ޕްލެޓިނީއައެކު ބްލެޓާ ވެސް ސަސްޕެންޑްކުރި އެވެ. ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންެނެވި ފަހުން ބްލެޓާ އިސްތިއުފާދެއްވުމުން މިހާރު ފީފާގެ ރައީސް ކަމުގައި ހުންނެވީ ޔޫއޭފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އެވެ.