ބޭރު ކުޅިވަރު

އާޖެންޓީނާގެ ގައުމީ ކޯޗުކަން ޕޮޗެޓީނޯ އާއި ސިމިއޯނީ އަށް ހުށަހަޅަނީ

ހުސްވެފައިވާ އާޖެންޓީނާގެ ގައުމީ ކޯޗުކަން އެ ގައުމުގެ މަޝްހޫރު ކޯޗުން ކަމަށްވާ ޓޮޓެންހަމުގެ ކޯޗު މައުުރީސިއޯ ޕޮޗެޓީނޯ އާއި އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ އަށް ހުށަހަޅަން ނިންމައިފި އެވެ.

މީގެ އިތުރުން ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕޯލީ އަށް ވެސް ކޯޗުކަން ހުށަހަޅާނެ އެވެ. ސަމްޕޯލީ އަކީ މިދިޔަ އަހަރު އާޖެންޓީނާ ބަލިކޮށް ޗިލީ އަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ކޯޗެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އެ ފެޑަރޭޝަނުގެ ރައީސް އާމަންޑޯ ޕެރޭޒް މި ހަފުތާގައި ސްޕޭނަށް ވަޑައިގަންނަވާނެ ކަމަށެވެ. ބޭނުމަކީ އާޖެންޓީނާގެ ގައުމީ ޓީމާ ހަވާލުވާން ސިމިއޯނީ އަށް ހުށަހަޅުމާއި ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީއާ މަޝްވަރާކުރުމެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ނަމަވެސް މި ނިންމުން ބަދަލު ކުރުމަށް އެފްއޭގެ ރައީސް މެސީގެ ކިބައިން އެދޭނެ އެވެ.

ޕޮޗެޓީނޯ ޓޮޓެންހަމާއެކު 2020 ވަނަ އަހަރަށް ކޮންޓްރެކްތް ހަދާފައިރު ތިން އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުން ބަލިވުމުން އެތްލެޓިކޯގެ ކޯޗުކަން ދޫކޮށްލަން ވިސްނާކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.

އާޖެންޓީނާގެ ގައުމީ ކޯޗުކަމަށް އެގައުމުގެ ކުރީގެ ކޯޗު އަދި 1986ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ޑިއެގޯ މަރަޑޯނާ ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.