ރާއްޖެ ކުޅިވަރު

އަތޮޅު މުބާރާތުން ވިދާލި މުހިންމު ތަރިން

ވޯލްޑް ކަޕް ކޮލިފައިންގައި އިރާނުން، ދިވެހިން ކޮޅަށް 17 ލަނޑު ޖަހައި ދުނިޔޭގެ ރެކޯޑް ގާއިމްކުރި މެޗުގައި ދިވެހި ގައުމީ ޓީމުގައި ގިނައިން ތިބީ ވެރިރަށް މާލެ އަށް ނިސްބަތްވި ކުޅުންތެރިންނެވެ. ދިވެހިން "ހޭއަރުވާލި" މި މެޗު ކުޅުނުތާ ހަތް އަހަރު ފަހުން އެ މުބާރާތުގެ ކޮލިފައިންގައި އަހަރުމެން ވަރުގަދަ ދެކުނު ކޮރެޔާ ހަމަބިމަށް ތިރީކުރީމެވެ. ދުނިޔޭގެ ހަތަރު ވަނަ ގައުމާ ދެކޮޅަށްކުޅެ، ލަނޑެއް ނުޖެހި ގަލޮޅު ދަނޑުގައި ނިމުނު މި މެޗުގައި ގައުމީ ޓީމު މުޅިންހެން ބަރޯސާވެފައި އޮތީ އަތޮޅުތެރޭގެ ކުޅުންތިންނަށެވެ. މިވީ ކީއްހެއްޔެވެ؟

ހަގީގަތުގައި މި ނަތީޖާ ލިބެން އެންމެ ބޮޑަށް މަގުފަހިކޮށްދިން ކަމަކީ ކުރިއާ ހިލާފަށް މޮޅު ކުޅުންތެރިން ގިނަވުމެވެ. އެކަންވީ އެފްއޭއެމުން އިސްނަގައިން މުޅިރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަން ފެށި ކުދިކުދި މުބާރާތްތަކުގެ ސަބަބުންނެވެ. މުޅި ރާއްޖެ އަށް ޒޯނަކަށް ބަހާލައިގެން އެންމެ ފުރަތަމަ ބޭއްވީ އަތޮޅު މުބާރާތެވެ. އެއަށް ފަހު ޒޯން މުބާރާތެވެ. އެންމެ ފަހުން އަށް ޒޯނުގެ ޗެމްޕިއަން ޓީމުތައް މާލެ ގެނެސް ކުޅުވަން ފެށި ޒޯން ޗެމްޕިއަންސް ލީގު ވެގެންދިޔައީ އަތޮޅުތެރޭގައި ތިބި ފުޓްބޯޅައިގެ ހުނަރުވެރިން ފާހަގަކުރުމަށް ރާއްޖޭގެ ބޮޑެތި ކުލަބުތަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ.

އެ މުބާރާތުގެ ގަދަ ދެ ޓީމަށް މާލޭގެ ޓީމުތަކާ ވާދަކުރަން ފުރުސަތުވެސްދިނެވެ. މާލީގޮތުން ފުދުންތެރިކަން ނެތުމުން އެކިހިސާބުތަކަށް ދަތުރުކޮށް ކުޅުންތެރިން ހޯދަން އުނދަގޫވެފައި ތިބި ކުލަބުތަކުން މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފި އެވެ. އެކަމަކު ދިރިއުޅުމުގެ ބައެއް ތުރާތަކާހެދި ބައެއް މައިންބަފައިން އެމީހުންގެ ދަރިން ހަމައެކަނި ފުޓްބޯޅަ ކުޅެން މާލޭގައި ތިބުމަށް އެންމެ ފުރަތަމަ ނޭދުނެވެ. އެއީ މުސާރަ ވެސް ބަރާބަރަށް ނުލިބޭތީ އެވެ. ރަށުގައިތިބި އަނބިދަރީންނާއި މައިންބަފައިން ބިކަހާލުގައި ޖެހިދާނެކަމުގެ ބިރު އޮތުމުން އެތަކެއް މޮޅު ކުޅުންތެރިންނެއް ދުވަސްކޮޅަކު ފެނިލާފައި ގެއްލިގެންވެސްދިޔަ އެވެ. އެކަމަކު ހިތްވަރުކުރި ބައެއް ކުޅުންތެރިން ގައުމު ފަހުރުވެރިކޮށްދީ، ފުޓްބޯޅައިން ދިރިއުޅުން ބިނާކުރި އެވެ.

މުހުތާރު ނަސީރު (ޓޫކިލޯ)

މިފަދަ އެއް ކުޅުންތެރިއަކީ އއ. ތޮއްޑު އަށް އުފަން މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. އަތޮޅު މުބާރާތުގައި ރަށު ޓީމަށް ކުޅެނިކޮށް އޭނާގެ ހުނަރު އެންމެ ފުރަތަމަ ފާހަގަ ކުރީ ވެލެންސިއާ އާއި ކުރީގެ ގައުމީ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. އޭނާގެ އެދުމުގެ މަތީން އަހުމަދު މަރުޒޫގް (އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ) ޓޫކިލޯ މާލެ ގެންނަން މަސައްކަތް ކުރި އެވެ. އެކަމަކު އެތައް ފަހަރަކު މަރުޒޫގް މަސައްކަތް ކޮށްގެން ވެސް އެކަން ކާމިޔާބުނުވީ ޓޫކިލޯ އަކީ މުޅި އާއިލާ ބަލަހައްޓަން ހުރި އެންމެ އިސްމީހާ އަށް ވުމުން ހަމައެކަނި ފުޓްބޯޅަ ކުޅެން އޭނާ ފޮނުވަން ބައްޕަ އެއްބަސްނުވެގެންނެވެ. ނަމަވެސް މަރުޒޫގް ވަރަށް ގިނަގޮތްގޮތަށް ވިސްނައިދީގެން ބައްޕަގެ ރުހުމުގައި ޓޫކިލޯ މާލެ ގެނައީ ޒޯން ޗެމްޕިއަސްލީގަށް ކޮލިފައިވި އއ. ރަސްދޫ ޓީމަށް ކުޅުވުމަށެވެ. ހީނާގެ ބެލުމުގެ ދަށުން ގަލޮޅު ދަނޑުގައި ވިދާލުމުން ދެން ޓޫކިލޯ ފެނިގެންދިޔައީ ހަންގޭރީގެ ކޯޗު ލާސްލޯ ކިސް ކޯޗުކޮށްދެމުން އައި ވެލެންސިއާއިންނެވެ.

އެންމެ ފަހުން މި ކުޅުންތެރިޔާ މުޅި ގައުމު ވެސް އުފަލުން ރޮއްވާލި އެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވަރުގަދަ އިންޑިޔާ ބަލިކޮށް ރާއްޖެ ތަށި ހޯދީ ފައިނަލުގައި އޭނާ ޖެހި ހަމައެކަނި ލަނޑުންނެވެ. މިއާއެކު އެ އަހަރުގެ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުލިބުނެވެ. ޖެހިގެން އައި އަހަރު ރާއްޖޭގެ ރެކޯޑް ފީއެއް ކަމަށްވާ 480،000ރ. އަށް ވެލެންސިއާ ދޫކޮށް ވިކްޓަރީ އަށް ބަދަލުވި އެވެ.

ތޮއްޑޫން ވިދާލި ދެ ތޮއްޑޫ

އާބާދީ މަދު ތޮއްޑޫ އަކީ ދިވެހި ފުޓްބޯޅަ އަށް އަލިގަދަ ތަރިން ނެރެދިން ރަށެކެވެ. ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އޭނާގެ ހުނަރު އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 1991 ވަނަ އަހަރު މާލެ އައިސް ކުޅުނު ތޮއްޑޫ ޓީމުންނެވެ. އޭގެ ފަހުން އެ ރަށުން ދެން ވިދާލީ ޑިފެންޑަރު އިބްރާހީމް ރަޝީދު (ބޮޑުތޮއްޑޫ) އެވެ. މިވަގުތު ތޮއްޑޫ ކައުންސިލްގެ ނާއިބް ރައީސަކަށް ހުންނެވި ބޮޑުތޮއްޑޫ އަކީ ވެލެންސިއާ އާއި ވިކްޓަރީ އަށް ކުޅުނު އިތުބާރު ޑިފެންޑަރަކެވެ.

މުހައްމަދު ނާސިރު

ނިއު ރޭޑިއަންޓާއި ގައުމީ ޓީމަށް ކުޅުނު ވަރުގަދަ ޑިފެންޑަރު މުހައްމަދު ނާސިރަކީ ވެސް އަތޮޅު މުބާރާތުން ފާހަގަ ކުރެވުނު ކުޅުންތެރިއެކެވެ. އޭނާ ނިއު އަށް ގެންދިޔައީ ހަނިމާދޫ ޓީމަށް ޒޯން ޗެމްޕިއަންސް ލީގުގައި ކޯޗުކޮށްދިން އަލީ ޝަމީމެވެ. ނާސިރު ފާހަގަ ކުރެވުނީ ދުވެލިބާރު އަދި މޮޅު މޭންމާކަރެއްގެ ގޮތުގަ އެވެ. އެކަމަކު ތަފާތު ސަބަބުތަކާހެދި އޭނާ ވަރަށް އަވަހަށް ކުޅުން ހުއްޓާލި އެވެ. މިހާރު އެއީ ސިޔާސީ ހަރަކާތްތެރިއެވެ. އަދި ކޯޗެކެވެ.

އަހުމަދު ސައީދު (އައްމަޓީ)

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ވާތުބެކަށް ކުޅުނު އަހުމަދު ސައީދު (އައްމަޓީ) އަކީ ވެސް އަތޮޅު މުބާރާތުން ވިދާލި ކުޅުންތެރިއެކެވެ. އައްޑު ސިޓީގެ ފޭދޫ އަށް އުފަން ކުޅުންތެރިޔާ މާލެ ގެނައީ ނިއުގެ ކުރީގެ ކޯޗު އަހުމަދު ނިޔާޒެވެ. އެއީ 19 އަހަރުން ދަށުގެ ޓީމު އައްޑޫގައި އަށް ކުރި ދަތުރެއްގައި އޭނާ ފާހަގަވެގެންނެވެ. އައްމަޓީ އަކީ ނިއު އާއި ވިކްޓަރީގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

ތިނަދޫން ފާހަގަ ކުރެވުނު ކުޅުންތެރިން ކޮބާ؟
ޒޯން މުބާރާތް ގަވާއިދުން ބޭއްވި އިރު އެންމެ ފާހަގަ ކުރެވުނީ ތިނަދޫ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. ވިކްޓަރީ އަށް ކުޅުނު އިސްމާއީލް މުހައްމަދު ތަރިއަކަށްވިޔަސް ދެން އައި ގިނަ ކުޅުންތެރިން ކަމަށްވާ ހަމްޒަތާއި ކީޕަރު ލުތުފީ އާއި ފުވައްމުލަކު އާސިމް މުހައްމަދާއި ކެޕްޓަން ސާމިރު ފަދަ ކުޅުންތެރިން މިހާރު ކޮބާ ހެއްޔެވެ؟ މި ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ގެންދިޔަ ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ ވަރަށް އަވަހަށް ގަލޮޅު ދަނޑުން ގެއްލުނެވެ. މީގެ އިތުރުން މުބާރާތުން ފާހަގަ ކުރެވުނު ހުސައިން ޝިޔާން މެންފަދަ ކުޅުންތެރިން ވެސް ގަލޮޅު ދަނޑުން ގެއްލިދިޔައީ ވަރަށް އަވަހަށެވެ. ސަބަބެއް ނޭނގެ އެވެ.

އަތޮޅު މުބާރާތް ވަރަށް މުހިންމު

އެކަމަކު ޔަގީންވާ ކަމަކީ އަތޮޅު މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑުކުރިއެރުމެއް ގެންސްދިން މުހިންމު މުބާރާތެއް ކަމެވެ. ކުރިން ފާހަގަކުރި ކުޅުންތެރިންގެ ހަގީގީ ފެށުމަކީ ވެސް އަތޮޅު މުބާރާތެވެ. އެ މުބާރާތް 2000ގެ މެދުތެރޭގައި މެދުކަނޑާލުމުން މިހާރު ގަވާއިދުން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅުންތެރިން ލިބޭ ހަމައެކަނި ރަށަކީ ބ. އޭދަފުއްޓެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އެ ރަށުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ކުޅޭތީވެ، އެފޯރި އާއި ޖޯޝުގައި އަދި އެ ގުޅުމުގެ ތެރެއިން ކުލަބުތަކަށް ވެސް އޭދަފުށިން ކުޅުންތެރިން ހޯދަން ފަސޭހަވެފައި އޮތުމެވެ. މަހިބަދޫ އާއި ހުރައިން މަދުމަދުން ވެސް ކުޅުންތެރިން އާދެ އެވެ.

އެކަމަކު މިނިވަން 50 ޗެމްޕިއަންޝިޕުގެ ނަމުގައި އަލުން މި މުބާރާތް މިދިޔަ އަހަރު ފަށައިގަތުމަކީ ދިވެހި ފުޓްބޯޅަ އަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މުބާރާތަކަށްވި އެވެ. ހާއްސަކޮށް މޮޅު ކުޅުންތެރިން ސްކައުޓް ކުރުމަށް ކުލަބުތަކަށް މީގެ ސަބަބުން ފަސޭހަވެގެންދާނެ އެވެ. އެފްއޭއެމުން މިއޮތީ ފުރުސަތު ހުޅުވާލައިފަ އެވެ. މޮޅު ކުޅުންތެރިން ގިނަވެ، ވާދަވެރިކަން ބޮޑުވާނެ އެވެ. އޭގެ ސަބަބުން ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ކުރިއާ ހިލާފަށް މިއަދު ފުޓްބޯޅައަކީ އާމްދަނީ ލިބޭ މުހިންމު ވަސީލަތަކަށް ވެސް ވެފައިވާއިރު، އަނެއްކާ ވެސް އަތޮޅުތެރެއިން ވިދާލާ ތަރިންނާއެކު ދުނިޔޭގެ ބާރަކާ ދެކޮޅަށް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ފުޓްބޯޅައިގެ އުއްމީދުގައި ތިބި އެތައް ކުދިންނަކަށް އެމީހުންގެ ހުނަރު ބޭނުންކޮށްގެން ފުޓްބޯޅައިން ދިރިއުޅުން ބިނާކުރުމުގެ ފުރުސަތު މިނިވަން ޗެމްޕިއަންޝިޕުގެ ތެރެެއިން މާބޮޑަށް ވެސް ވެސް ލިބިގެންދާނެ އެވެ.