ބޭރު ކުޅިވަރު

ގައުމީ ޓީމުގައި ރޫނީ ކުޅޭނެ މަގާމު ނިންމާނީ މޮރީނިއޯ: ގައުމީ ކޯޗު

އިނގިރޭސި ގައުމީ ޓީމުގައި ވޭން ރޫނީ ކުޅޭނެ މަގާމު ނިންމާނީ އޭނާގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށް އިނގިރޭސި ގައުމީ ކޯޗު ބުނެފި އެވެ.

މިދިޔަ ހަފުތާގައި ގައުމީ ޓީމާ ހަވާލުވި ސޭމް އެލާޑީސް ބުނީ މެންޗެސްޓާ ޔުނައިޓެޑުގައި ރޫނީ މެދުތެރެއަށް ކުޅުވާނަމަ ގައުމީ ޓީމުގައި ރޫނީ ފޯވަޑަކަށް ކުޅުވުމަކީ މާނައެއްނެތް ކަމެެއް ކަމަށެވެ.

"އޭނާ ކުލަބުގައި ކުޅޭ މަގާމަށް ބިނާވާނީ ގައުމީ ޓީމުގައި ކުޅޭ ޕޮޒިޝަން. ހޯސެ މޮރީނިއޯ އޭނާ ލައްވައި ކުރިއަށް ކުޅުވައި އަދި ރޫނީ ގިނަ ގޯލުތަކެއް ޖަހަމުންދާނަމަ ގައުމީ ޓީމުގައި އޭނާ ލައްވައި މެދުތެރެއަށް ކުޅުވުމަކީ މާނައެއްނެތް ކަމެއް. އެހެންވީމަ ކުލަބުގައި ކުޅޭ މަގާމަށް އެކަން ނިމޭނީ،" އެލާޑީސް ބުންޏެވެ.

ކުރީގެ ކޯޗު ރޯއި ހޮޖްސަން ވަނީ ރޫނީ ލައްވައި މެދުތެރެއަސް ކުޅުވާފަ އެވެ. ނަމަވެސް އޭނާ އެންމެ ބޭނުންވަނީ ފޯވަޑަކަށް ކުޅޭށެވެ. އެލާޑީސް ބުނީ އުމުރުން މިހާރު 31 އަހަރުގެ އިނގިރޭސި ކެޕްޓަން ރޫނީ އަށް ގައުމީ ޓީމުގައި އަދިވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަދި އިނގިރޭސި ގައުމީ ކޯޗުކަމަކީ އޭނާ އަށް ވެސް ޗެލެންޖެއް ކަމަށާއި މަގާމު ލިބުނީ ބަދަލަކަށް އޭނާ ބޭނުންވެފައި ހުއްޓާ ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި (ކުލަބު ލެވެލްގައި) 950 މެޗު ހަމަވީމަ ދެން އެހެން ގޮތަކަށް ބޭނުންވާނެ. އަހަންނަށް ލިބުނު ފުރުސަތަކީ ގައުމީ ޓީމު ކަމަށް އަަހަރެންދެކެނީ. ގައުމީ ޓީމު އެކުލަވާލުމަކީ އުނދަގޫ ކަމެއް. ކޮންމެ ކުޅުންތެރިއަކު ވެސް މޮޅަށް ކުޅޭނެ. އަދި އަހަރެންގެ ޓީމުން ފުރުސަތު ދިނުމުގައި ކުލަބުގައި ދައްކާ ކުޅުން ވަރަށް މުހިންމު ވެސްވާނެ،" އެލާޑީސް ބުންޏެވެ.