ހަބަރު

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިންތަކެއް އަޑުއުފުލައި ހިނގާލައިފި

މަޖިލީހަށް ވައްދާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލްއާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންތަކެއް މަގުމަތީ ހިނގާލައިފި އެވެ. މި ހިނގާލުމުގެ ރާއްޖޭގެ ގިނަ މީޑިއާތަކެއް ތަމްސީލް ކުރާ ނޫސްވެރިން ބައިވެރިވި އެވެ.

އަބުރުގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނޫސްވެރިން އެންމެ ފުރަތަމަ މިސްރާބު ޖެހީ، މިނިވަން ދުވަހުގެ ރަސްމީ ހަފްލާ ބާއްވަމުން ދިޔަ، އިސްލާމީ މަރުކަޒާ ދިމާލަށެވެ. ނަމަވެސް ދަރުމަވަންތަ ސްކޫލް ކުރިމަތިން، ފުލުހުން އެ މީހުން ހުއްޓުވުމުން، ނޫސްވެރިން ވަނީ އަނބުރާލައި، ސޯސަން މަގާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ.

ސޯސަން މަގުން ކުރިއަށް ދަނިކޮށް އަނެއްކާ ވެސް ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފަ އެވެ. އޭޑީކޭއާ ހިސާބުން ނޫސްވެރިން ވަނީ ހުއްޓުވާފަ އެވެ. އަދި ޝުއޫރު ފާޅުކުރަމުން މަގުމަތީ ނުހިނގޭނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް ފުލުހުން އެންގެމުން ނޫސްވެރިން ވަނީ ވީޓީވީ ގޯޅިއަށް ވަދެ، ދުވާރުމަތީ ޝުއޫރުގެ ބޯޑުތައް ހިފައިގެން އިށީދެފަ އެވެ. ނަމަވެސް ފުލުހުން އެންގީ އެގޮތަށް ވެސް ޝުއޫރު ފާޅުނުކުރެވޭނެ ކަމަށެވެ.

ފުލުހުންގެ ހުރަސްއެޅުންތަކުގެ ސަބަބުން ހިނގާލުން ކުރިއަށް ނުގެންދެވިގެން މިރެއަށް ނޫސްވެރިންގެ ހިނގާލުން ހުއްޓާލީ އެވެ. ހިނގާލުން އިންތިޒާމް ކުރި. ނޫސްވެރިން ބުނީ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި ފުލުހުންގެ އަމުރަށް ކިޔަމަންވާނެ ކަމަށެވެ. އަދި ވެސް ނޫސްވެރިންގެ ކަންބޮޑުންތައް ފާޅުކޮށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ނޫސްވެރިން ބުންޏެވެ.

ނޫސްވެރިންގެ މިރޭގެ ހިނގާލުމަށް، "27 ގެ ދިފާއުގައި" މި ނަން ދީފައިވާ އިރު، މުޒާހަރާގައި ނޫސްވެރިން ގޮވާލާފައި ވަނީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްކާތެރިކޮށްދިނުމަށެވެ. މީގެ އިތުރަށް ބްރޮޑްކާސްޓިން ކޮމިޝަން ސިޔާސީ ނުފޫޒުން އެއްފަރާތް ކުރުމަށާއި މީޑިއާތަކަށާއި ނޫސްވެރިންނަށް އެކި ގޮތްގޮތުން ކުރިމަތި ކުރާ ފިއްތުންތައް ހުއްޓާލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެނައުމަށް ގޮވާލާ ބޯޑްތަކެއް ނޫސްވެރިން އުފުލި އެވެ.

ފޮޓޯ އަލްބަމް: