ބޭރު ކުޅިވަރު

ރޮނާލްޑޯ ބާސެލޯނާއަށް ބަދަލުވިތާ 20 އަހަރަށް ފަހު ވެސް ތައުރީފް

1996 ވަނަ އަހަރު ހޫނު މޫސުމަކީ ފާހަގަކުރެވޭ ދުވަސްވަރެކެވެ. އެޓްލާންޓާ އޮލިމްޕިކްސްގައި މައިކަލް ޖޯންސަން ދެ ގޯލްޑް މެޑަލް ހޯދައި ނޫސްތަކުގެ ފަލަސުރުހީތައް ފަވާލި އެވެ. ދެކުނު އެފެރިކާގެ ކުރީގެ ރައީސް އަދި ގައުމުގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާ އެއްދައުރަށް ފަހު ވެރިކަމުން ވަކިވާނެކަން އިއުލާނުކުރުމާއި މަޝްހޫރު ޕްރިންސަސް ޑަޔާނާއި އާއި ޕްރިންސް ޗާލްސްގެ ލޯބީގެ ހަޔާތުގައި ރެނދުލިކަން ފަޅާއެރުމާއި އިނގިރޭސީން ޓެރީ ވެނެބްލްސްގެ ކޯޗުކަމުގައި ޔޫރޯ ތިން ވަނަ މަގާމު ހޯދުން ފަދަ ވަރުގަދަ އެތައް ސުރުހީތަކެއް މިދުވަސްވަރު ފެނިގެންދިޔަ އެވެ.

ނަމަވެސް އުމުރުން އެންމެ 19 އަހަރުގެ ބްރެޒިލް ފޯވަޑް ރޮނާލްޑޯ ބާސެލޯނާ އަށް ސޮއިކުރުން އޮތީ ތަންކޮޅެއް އާދައިގެކޮށެވެ. އެކަމަކު 1994 އާއި 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑޯވީ އާދައިގެ ކުޅުންތެރިއަކަށްނޫނެވެ. ދުނިޔެ ދެކެފައިވާ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އަދިވެސް އެންމެ ކުޅަދާނަ ފޯވަޑަކީ އޭނާ ކަަމަށް އިއްތިފާގުވާ އެތައް ބަޔަކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ. މިއީ އޭނާ ސްޕޭނުގެ ބާސެލޯނާ އަށް ކުޅެން ސޮއިކުރިތާ 20 އަހަރު ފުރުނު ވަގުތެވެ. މިއަދު ވެސް ރޮނާލްޑޯ އަށް އޮހެމުންދަނީ ތައުރީފެވެ.

ނެދަލޭންޑްސްގެ ޕީއެސްވީ އިން ރޮނާލްޑޯ ބާސެލޯނާ އަށް ބަދަލުވީ 13.2 މިލިއަން ޕައުންޑަށެވެ. މިއީ އެއިރުގެ ރެކޯޑްފީ އެކެވެ. ނަމަވެސް މާގިނަ ދުވަހެއްނުވެ އެ އަހަރު ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ފޯވަޑް އެލަންޝިއަރާ ބްލެކްބާން އިން ނިއުކާސަލް 15 މިލިއަން ޕައުންޑަށް ބަދަލުވުމާއެކު މި ރެކޯޑް އެނބުރިގެންދިޔަ އެވެ.

އެ ސީޒަނުގައި ޝިއަރާ ޖެހީ އެންމެ 25 ގޯލެވެ. އެކަމަކު މަޝްހޫރު ޔޯހަން ކްރައިފަށް ފަހު ބާސެލޯނާ ބައްޓަންކުރި މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ބޮބީ ރޮބްސަންގެ ކޯޗުކަމުގައި ކުޅެ 49 މެޗުގައި 47 ގޯލު ރޮނާލްޑޯ ޖެހި އެވެ. ނަމަވެސް ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ހޯދޭވަރެއްނުވި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ ވެސް ރޮނާލްޑޯ އެވެ. އެދުވަސްވަރު ސްޕެނިޝް ލީގުގައި 22 ޓީމު އޮތުމާއެކު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށަންވީއިރު ސްޕެނިޝް ލީގު ނުނިމެ އެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ޖެހޭތީވެ ބާސެލޯނާ އަށް ރޮނާލްޑޯ ކޮޕާ އެމެރިކާ ކުޅެން ފޮނުވަން މަޖުބޫރުވި އެވެ. ރޮނާލްޑޯ ނުލައި ކުޅުނު އެންމެ ފަހު ދެތިން މެޗުގައި ބާސެލޯނާ ބަލިވެ ދެ ޕޮއިންޓްގެ ތަފާތުން ލީގު ގެންދިޔައީ ފަބިއޯ ކަޕޭއްލޯ ކޯޗުކޮށްދެމުން އައި ވާދަވެރި ރެއާލް މެޑްރިޑެވެ. ރޮނާލްޑޯ ނެތި ބާސެލޯނާ ކުޅުނު މެޗުތަކުގައި ފޯވަޑަށް ކުޅުނު ޕިޒީ ރޮނާލްޑޯގެ މޮޅުކަން ކިޔައިދެމުން ބުނީ ރޮނާލްޑޯ އަކީ "މިދުނިޔޭގެ ކަމެއްނޫން" ކަމަށެވެ.

ބާސެލޯނާ އަށް ތަށި ނުލިބުނަސް އެކަމަކު 34 ގޯލާއެކު ލީގުގެ ރަންބޫޓު ގެންދިޔައީ ރޮނާލްޑޯ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ރެއާލް ބެޓިސްގެ އަލްފަންސޯ އަށް ޖެހުނީ 25 ގޯލެވެ. ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލަށް ރޮނާލްޑޯ އެ އަހަރު ހޯދައިދިނެވެ. އެ މުބާރާތުގެ ރަންބޫޓު ވެސް ހޯދި އެވެ. ބާސެލޯނާގައި އެއަހަރު ޔޫރަޕިއަން ކަޕްވިނާސް ކަޕާއި ސްޕެނިޝް ސުޕަ ކަޕް އަދި ކޮޕާ ޑެލްރޭ ވެސް ރޮނާލްޑޯ ހޯދި އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ރޮނާލްޑޯ އެންމެ ފުރަތަމަ މި އިނާމް ހޯދީ ވެސް ބާސެލޯނާގައި ދެެއްކި މޮޅުކުޅުމާއެކު 1996ގަ އެވެ.

ނަމަވެސް ދެ ވަނަ ސީޒަނެއްގައި ކުޅެން ބާސެލޯނާ ތައްޔާރުވުމުގެ ކުރިން އެކުލަބުގެ އެއިރުގެ ރައީސް ނުނޭޒްއާ ހިޔާލުތަފާތުވެ ޖެހިގެން އައި 1997 ވަނަ އަހަރު އިޓަލީގެ އިންޓަމިލާނަށް ރޮނާލްޑޯ ބަދަލުވި އެވެ. އެއީ ވެސް ރެކޯޑް ފީއެއް ކަމަށްވާ 19.5ގަ އެވެ.

ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ މެދު ރޮނގާ ހިސާބުން ލިބޭ ބޯޅައާއެކު ފަސް ހަ ކުޅުންތެރިންގައިން ނައްޓާފައި ގޯލު ޖެހި އެވެ. މިއަދު އެ މަންޒަރު ފެނިގެންދަނީ ބާސެލޯނާ އަށް ކުޅޭ ލަޔޮނަލް މެސީ ފަދަ ކުޅުންތެރިންގެ ފުށުންނެވެ. ނަމަވެސް ޕެލޭ އާއި މަރަޑޯނާގެ ޒަމާނަށް ފަހު މިފަދަ މަންޒަރުތައް ފެނިގެންދިޔައީ ރޮނާލްޑޯގެ ފަރާތުންނެވެ. އެއިރު އޭނާ ހިފަހައްޓާލުމަކީ އިންތިހާ އަށް އުނދަގޫ ކަމެކެވެ.

އަނިޔާ އާއި އަހުލާގީ ބައެއް މައްސަލަތަކުގެ ސަބަބުން ފުޓްބޯޅަ އަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވި ގިނަ ދުވަސްތަކެއް ދިއުމުން ރޮނާލްޑޯ ކުޅުން ހުއްޓާލީ ވެސް "އަނިޔާގެ ސަބަބުން ދެން ކެތެއްނުވާނެ،" ކަމަށް ބުނަމުންނެވެ. ނަމަވެސް ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު ނަންބަރު ނުވައެއް ކަމާމެދު ދެބަސްވާ މީހަކު ނެތެވެ.

ވޯލްޑް ކަޕުގައި 15 ގޯލު ޖަހައިގެން ރޮނާލްޑޯގެ ހެދި ރެކޯޑް 2014 ވަނަ އަހަރު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ މުގުރާލުމުން މޮރީނިއޯ ބުނީ މިހެންނެވެ.

"އަހަރެން (ކްލޯސާ ޖެހި 16 ގޯލަށް) ވަރަށް އިހްތިރާމްކުރަން. އެކަމަކު ހަގީގަތަކީ މަރަޑޯނާ އަށް ފަހު އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ މޮޅު ކުޅުންތެރިޔާ (ރޮނާލްޑޯ) އަށް ރެކޯޑް ގެއްލިގެން އެދިޔައީ. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ މިދިޔަ 20 އަހަރުތެރޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ،" މޮރީނިއޯ ބުންޏެވެ.

ރޮނާލްޑޯއާއެކު ބާސެލޯނާ އަށް ކުޅުނު އެކުލަބުގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ ވެސް ބުނީ އޭނާ ދުށް އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ ކަމަށެވެ.

"އަހަރެން ޓީވީން ދެކުނިން އޭނާ 1996ގައި ޕީއެސްވީއަށް ކުޅެނިކޮށް. އަހަރެން އަޖާއިބުވި. ދެން އޭނާ އައީ ބާސެލޯނާ އަށް. އަހަރެންދުށް އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ. އަަހަރެން ނުދެކޭ އެތައް ކަމެއް އޭނާ (ދަނޑުމަތީގައި) ކޮށްލާ. މިހާރު އަހަރުމެންނަށް މިފެންނަނީ މެސީ ހަ ކުޅުންތެރިން ގައިން ނައްޓާފައި ގޯލުޖަހާތަން. އޭގެ ކުރިން މިކަން ފެނުނީ އޭނާގެ ފަރާތުން،" އެންރީކޭ ބުންޏެވެ.

ބޮބީ ރޮބްސަން ވެސް ރޮނާލްޑޯއާ މެދު ބުނީ އެއީ މިދުނިޔޭގެ ކަމެއްނޫން ކަމަށެވެ.

"ރޮނާލްޑޯ އަކީ އާދަޔާ ހިލާފު ކުޅުންތެރިއެއް. ބާސެލޯނާގައި އަހަންނާއެކު އޭނާ ހުރީ އެއް އަހަރު. އަހަރެން އޭނާ ގެނައީ ޕީއެސްވީން. އޭނާ އަކީ މިދުނިޔޭގެ ކަމެއްނޫން. ވަރަށް ރަނގަޅު ނަމޫނާއެއް އެއީ. އަހަންނަށް ވަރަށް އިހްތިރާމްކުރޭ. އެ ސީޒަނުގައި އޭނާ ވަރަށް މޮޅަށް ކުޅުނު. އޭނާ ވަރަށް ވަރުގަދަ. މީހުން ފަހާލާފައި ދޭ. ބޯޅަ ހޯދަން ފަހަތަށް އަންނާނެ. ބޯޅައާއެކު އެނބުރިގަންނަން ވަރަށް ފަރިތަ. އޭނާގެ ހުނަރާއި ވަރުގަދަ ކަމުގެ ސަބަބުން ކުރިމަތީގައި މީހަކު ހުއްޓަސް ކުރިއަށްދިއުމަކީ އޭނާ އަށް އެއްވެސް ކަމެއްނޫން،" ރޮބްސަން ބުންޏެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނާއި ފީފާ އަދި ޔުނެސެފް އެމްބެސެޑަރެއްގެ ރޯލު މިހާރު އަދާކުރާ ރޮނާލްޑޯ ވެސް ވަނީ ރޮބްސަން އަށް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ބާސެލޯނާ އަށް ކުޅުނުއިރު އިނގިރޭސި ބަހަށް އޭނާ އެހާ ފަރިތަނުވުމުން ރޮބްސަން އަބަދުވެސް ވާހަކަ ދައްކަނީ ޕޯޗުގީޒް ބަހުން ކަމަށެވެ.

"އަހަންނަށް އޭނާ އަކީ ބައްޕައެއް ކަހަލަ މީހެއް. ވަރަށް ރަނގަޅު ނަމޫނާއެއް އެއީ. އަހަރެން ފާހަގަ ކުރަން އެއަހަރު ބާސެލޯނާގައި ތިބީ އެކި ތަންތަނުން އައި ތަފާތު ބަހުން ވާހަކަ ދައްކާ ކުޅުންތެރިން. އެކަމަކު އޭނާ އަހަރުމެން އެންމެ އެކަތިގަނޑަކަށް ހެދި. މީހާ ވާހަކަ ދައްކާ ބަހުން މީހާގެ ކުލައަކަށް އޭނާ ނުބަލާނެ،" ސްޕޭނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅުނު ރޮނާލްޑޯ ބުންޏެވެ.