އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ޔުވަންޓަސް އަށް ސޮއިކޮށްފި އެވެ.
ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އިޓަލީގެ ޗެމްޕިއަން ޓީމަށް އޭނާ ސޮއިކުރީ 75.3 މިލިއަން ޕައުންޑަށެވެ. ރެއާލް މްޑްރިޑުން 2012 ވަނަ އަހަރު 34 މިލިއަން ޕައުންޑަށް ގެނައި ކުޅުންތެރިޔާ ދޫކޮށްލަން ނަޕޯލީން އެއްބަސްވީ އޭނާގެ ކޮންޓްރެކްޓްގައިވާ 90 މިލިއަން ޔޫރޯ ދޭން ޔުވެންޓަސް އެއްބަސްވުމުންނެވެ.
ހިގުއައިންގެ މި ޓްރާންސްފާ އަކީ ތިން ވަނަ އަަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އޭނާ އަށްވުރެ ބޮޑު އަގުގައި ކުލަބު ބަދަލުކުރީ ރެއާލް މެޑްރިޑަށް ދުނިޔޭގެ ރެކޯޑް ފީގައި ގެންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް އެވެ. ރޮނާލްޑޯ ގަތީ 80 މިލިއަން ޕައުންޑަށެވެ. ބޭލް 85 މިލިއަން ޕައުންޑަށެވެ.
ނަމަވެސް ހިގުއައިން އަށް ޔުވެންޓަސްއިން ހޭދަކުރި 75 މިލިއަން ޕައުންޑަކީ އެންމެ އަގުބޮޑު ޑޮމެސްޓިކް ފީ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އިނގިރޭސި ކުލަބު ލިވަޕޫލުން ފެނާންޑޯ ޓޮރޭޒް 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ގަނެގެން ޗެލްސީ އަތުގަ އެވެ.
ހިގުއައިން ގަތުމާއެކު ޔުވެންޓަސްއިން 100 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ޕައުލް ޕޮގްބާ ވިއްކާލާނެ ކަމަށް ގިނަ ބަޔަކު ވަނީ ޔަގީންކުރަން ފަށައިފަ އެވެ. އެއީ ހިގުއައިން ގަތުމަށް ބޭނުންވާ ފައިސާ ހޯދަން ޔުވެންޓަސްއިން ވިއްކާލަން ބޭނުންވި ފަސް ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން ވިއްކާލެވިފައިނުވާތީ އެވެ.
ހިގުއައިން ވަނީ ނަޕޯލީ އަށް ކުޅުނު 140 މެޗުގައި 89 ގޯލު ޖަހާފަ އެވެ. އެކުލަބުން އޭނާ ގަތީ ރެއާލް މެޑްރިޑަށް ސްޕޭނުގެ ފޯވަޑް އަލްވާރޯ މޮރާޓާ ވިއްކާލައިފަ އެވެ. މޮރާޓާ ވިއްކާލަން ޖެހުނީ ރެއާލް މެޑްރިޑުން އޭނާ ޔުވެންޓަސް އަށް ވިއްކާލިއިރު ވެސް ކުޅުންތެރިޔާ އަލުން ގަނެވޭގޮތަށް މާއްދާއެއް ކޮންޓްރެކްޓްގައި ހިމަނާފައިވާތީ އެވެ.