ބޭރު ކުޅިވަރު

ވޯލްޑް ކަޕުން އެފްރިކާ އަށް އިތުރު ދެ ޖާގަ ލިބޭނީ 40 ގައުމު ބައިވެރިކޮށްގެން: ފީފާގެ ރައީސް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 40 ގައުމު ކުޅޭގޮތަށް ހަމަޖެހިއްޖެނަމަ އެފްރިކާ އަށް އިތުރު ދެ ޖާގަ ލިބޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނާ ވިދާޅުވެެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ފީފާގެ ރައީސް ކަމަށް އައުމަށް އޭނާ ކުރެއްވި ކެމްޕޭނުގައި ވޯލްޑް ކަޕުގެ އަދަދު 40 އަށް އިތުރު ކުރާނެ ކަމަށް ވިދާޅުވެފައިވާތީވެ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ވޯލްޑް ކަޕުގައި މިހާރު ކުޅެނީ 32 ގައުމެވެ. މި ގޮތަށް ފޯމެޓް ބަދަލުކުރީ 1998 ވަނަ އަހަރުގެ މުބާރާތަށް ފަހު އެވެ. އަދި މި ފޯމެޓަށް ދެން އަވަހަށް ވެސް ބަދަލު ގެނެވޭނީ 2026ގަ އެވެ. އެއީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ މުބާރާތާއި ގަތަރުގައި 2022ގައި ބާއްވާ މުބާރާތުގައި މިހާރު ވެސް 32 ގައުމު ކުޅޭގޮތަށް ފާސްކޮށްފައިވާތީ އެވެ.

ފީފާގެ ރައީސް ވޯލްޑް ކަޕުގެ ޖާގައިގެ ވާހަކަ މި ދެެއްކެވީ އެ ޖަމާއަތުގެ ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ. މި ތުހުމތުތަކާ ގުޅިގެން ފީފާގެ އެތިކްސް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން ދަނީ އޭނާއާ ސުވާލުކުރަން ތައްޔާރުވަމުންނެވެ. މި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް އެކުލެވޭނަމަ މައްސަަލަ ތަހުގީގުކުރާނެ އެވެ.

ޔިޫއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ފީފާގެ ރައީސް ކަމަށް ވަޑައިގަތީ މިދިޔަ ޖޫން މަހު އެވެ. އެއީ ކުރީގެ ރައީސް ސެޕް ބްލެޓާ 18 އަހަރަށް ފަހު އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކުގަ އެވެ. އެމައްސަލަތައް ތަހުގީގުކޮށް ބްލެޓާ މިހާރު ހުންނެވީ ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.