ރާއްޖެ ކުޅިވަރު

"ވަޒީފާގައި ހުރެވޭނީ ލާއޯސް އަތުން ރާއްޖެ މޮޅުކޮށްދީގެން"

ކުޅުންތެރިންނާއެކު މެޗަށް ތައްޔާރުވާން ލިބެނީ 10 ދުވަސް ކަމަށާއި ނަމަވެސް އޭނާ އަށް ގައުމީ ޓީމާއެކު ކުރިއަށް ދެވޭނީ ލާއޯސް ބަލިކޮށްގެން ކަމަށް ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ކޯޗު އޮސްޓްރޭލިޔާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް ތިން މެޗު ކުޅެދިން ކުރީގެ ޑިފެންޑަރު ބުނީ 10 ދުވަހަކީ ޓީމެއް ތައްޔާރުކުރަން ގިނަ ވަގުތެއް ނޫން ކަމަށާއި ނަމަވެސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލާއޯސްއާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭނެ ކަމަށެވެ.

"އަހަންނަށް ލިބެނީ އެންމެ 10 ދުވަސް ޕްލޭއޯފްގައި ލާއޯސްއާ ދެކޮޅަށް ކުޅެން. އެއީ މާގިނަ ދުވަހެއްނޫން. އެކަމާ ޝަކުވާއެއްނެތް. އަހަރެން ހުރިހާ މަސައްތެއް ކުރާނަން އެ މެޗުން މޮޅުވާން. އެއީ އެނޫން ގޮތެއްނެތުމުން. އެ ދެ މެޗުން މޮޅުވެގެން އަހަރެންގެ ވަޒީފާއާއިގެން އަހަރެން ކުރިއަށްދާންވީ،" އަންނަ ބުރާސްފަތި ދުވަހު މާލެ އަންނަން ތައްޔާރުވަމުންދާ ކޯޗު ބުންޏެވެ.

އޭނާ ބުނީ ވަގުތަކީ އޭނާ އަށް ކުރިމަތިވާ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކަމަށާއި ނަމަވެސް ޖެހިލުން ނުވާ ކަމަށެވެ

ލާއޯސްއާއެކު ރާއްޖެ ކުޅޭ ދެ މެޗުން މެޗުން މޮޅުވެއްޖެނަމަ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ފިޔަވަހިން ޖާގަ ލިބޭނެ އެވެ. ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަނަ މެޗު އޮންނާނީ ސެޕްޓެމްބަރު ހަޔެއްގައި މާލޭގަ އެވެ. ދެ ވަނަ މެޗު ލާއޯސްގައި ކުޅޭނީ އޮކްޓޫބަރު 11ގަ އެވެ.
އުމުރުން 50 އަހަރުގެ ކޯޗު ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ކޯޗުކޮށްދެމުން އައީ ސިންގަޕޫރު ލީގުގަ އެވެ. އޭނާ ވަނީ ސިންގަޕޫރުގެ ބެލަސްޓިއާ ހަލްސާ އާއި ގޮމްބަކް ޔުނައިޓެޑް އަދި ވުޑްލޭންޑަށް ވެސް ކޯޗުކޮށްދީފަ އެވެ.

ނަމަވެސް ކޯޗު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން އޭނާ އަށް ހުށަހެޅީ ކުލަބު ލެވެލްގައި ކޯޗުކޮށްދިނުމަށްފަހު އޭނާގެ ސިކުނޑި ޗާޖް ކޮށްލުމަށް އެހެން ވަޒީފާއެއް ބޭނުންވެފައި ހުއްޓާ ކަމަށެވެ.

"ކޮންމެވެސް މީހަކު އަހަރެން ގާތުގައި އެވާހަކަ ބުނީ. އަހަރެން މިހާރު ހަނދާނެއްނެތް ކާކުކަން. އެކަމަކު މި ފުރުސަތު ލިބުމާއެކު އަހަރެން ގަބޫލުކުރިން. އެއީ މިކަހަލަ ފުރުސަތުތައް މާގިނައިން ނުލިބޭނެ. އަހަންނަށް ސިންގަޕޫރާއި މެލޭޝިޔާއިން ވެސް ހުށަހެޅުންތައް ލިބިފައިހުރި. އެކަމަކު ނުވަ އަަހަރު ކުލަބުގައި ކޯޗުކޮށްދިނުމަށްފަހު މިހާރު އަހަރެންގެ ބެޓެރީ ޗާޖްކޮށްލަން ބޭނުންވެފައި މިހުރީ،" ކޯޗު ބުންޏެވެ.

ރާއްޖޭގެ ގައުމީ ކޯޗުކަން ހުސްވީ އެ މަގާމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަމަޖެއްސި ނިއުޒީލޭންޑްގެ ރިކީ ހާބަޓް މަގާމުން ވަކިވުމުންނެވެ. ސްޓެވާޓަކީ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ގައުމީ ޓީމަށް ގެންނަ ތިން ވަނަ ކޯޗެވެ. ކޮންމެ ކޯޗަކަށް ވެސް ދިމާވީ މައްސަލައަކީ ކުޅުންތެރިންނާ މާބޮޑަށް ގާތްވެ، ކުޅުންތެރިންގެ ދަށުވުމާއި އެފްއޭއެމުން ކޮށްދޭން ބުނާ ކަންތައްތައް ކޮށްނުދެވުމެވެ.