ހަބަރު

އީވޯޓިން ރާއްޖެއާ ނުގުޅޭނެ، އާބާދީ މާ ކުޑަ: އީޔޫ

ރާއްޖޭގެ އާބާދީ މާ ކުޑަވުމުން، އީ ވޯޓިން ރާއްޖެއާ ނުގުޅޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ. މިހާރު މި އޮތް ވޯޓުލާ ނިޒާމާ މެދު އިތުބާރު އުފެއްދުމަށް އީޔޫއިން ވަނީ ގޮވާލާފަ އެވެ.

އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަން އިން، ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާބާދީ ތިންލައްކައެއްހާ މީހުން ކަމަށްވާއިރު، ރާއްޖޭގައި އީ ވޯޓިން ތައާރަފްކުރަން އުޅުމަކީ ރާއްޖެއާ ގުޅޭނެ ކަމެއް ނޫން ކަމަށެވެ. އީ ވޯޓިން ތައާރަފްކުރުމުގެ ކުރިން އެ ނިޒާމާމެދު އިތުބާރު އުދައްދައިދީ، ނިޒާމްގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނެ ކަމުގެ އިތުބާރު ވެސް ހޯދަންޖެހޭނެ ކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ.

އީޔޫއިން މިހެން ބުނެފައިވާއިރު، އިލެކްޝަން ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް އެއްފަހަރާ އީވޯޓިން ތައާރަފްކުރުމަށް ނޫން ކަމަށެވެ. ބައިބަޔަށް ތައާރަފްކުރަމުން ގޮސް މުޅި ރާއްޖެއަށް އީވޯޓިންގެ ނިޒާމް ތައާރަފްކޮށް ނިޒާމް ހަރުދަނާ ކުރުމަކީ އެ ކޮމިޝަނުގެ ވިސްނުން ކަމަށާއި، އެގޮތުން އަންނަ އަހަރު ހިދުމަތް ފަށައިގަންނަ އިރު އީ ވޯޓިން ތައާރަފްކުރާނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހަށްޓާ ތިން ވޯޓު ފޮއްޓަށް ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.

އީވޯޓީންގެ ނިޒާމް އަންނަ އަހަރު ރާއްޖެއަށް ތައާރަފްކުރާއިރު މެޝިން އެއް ބޭނުންކުރާނީ ހަމަ އެކަނި ވޯޓު ކަރުދާސް ގުނުމަށެވެ. ދެ ވައްތަރެއްގެ ދެ މެޝިން އެކަމަށް ބޭނުންކުރާއިރު އޭގެ ތެރެއިން އެއް މެޝިނަކީ ވޯޓު ލާ ފޮށީގައި ހަރުކުރާ ގޮތަށް ހުންނަ މެޝިނެކެވެ. އަދި އަނެއް މެޝިނަކީ ވަކިން ހުންނަ މެޝިނެކެވެ. ވޯޓު ލާ ގޮތަށް ބަލާއިރު، ވޯޓު ލުމުގެ ހުރިހާ ކަމެއްވެސް ހުންނާނީ މިހާރެކޭވެސް އެއްގޮތަށެވެ.